ބާސެލޯނާގެ ކެޕްޓަން އެލެޒިއާ ޕުޓެޔާސް ޖެހި ގޯލުން ނައިޖީރިއާ ބަލިކޮށް އޮލިމްޕިކްސް އަންހެން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ސްޕޭން ދަތުރުކޮށްފި އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވިދިވިދިގެން ދެ އަހަރު ހޯދި ޕުޓެޔާސް މެޗުގެ ހަމައެކަނި ލަނޑު ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ.
ސްޕޭނާއެކު މުބާރާތުގެ ގަދަ އަށަކަށް ގްރޫޕް ސީން ހޮވުނީ ޖަޕާނެވެ. ސްޕޭނަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު ޖަޕާނަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި ގްރޫޕުގައި ހިމެނޭ ބްރެޒިލް ވެސް ވަނީ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ގައުމުގެ ތެރޭގައި ހިމެނިގެން ގަދަ އަށަކަށް ދަތުރުކޮށްފަ އެވެ. ގްރޫޕް ސީގައި ހިމެނޭ ހަތަރު ގައުމުގެ ތެރެއިން ކެޓީ ނައިޖީރިއާ އެވެ.
ގްރޫޕް އޭއިން ގަދަ އަށަކަށް ދަތުރުކުރީ ކޮލަމްބިއާ އާއި އޮލިމްޕިކްސް ބާއްވާ ފްރާންސެވެ. ކެޓީ ކެނެޑާ އާއި ނިއުޒީލޭންޑެވެ.
ގްރޫޕް ބީން ގަދަ އަށަކަށް ދިޔައީ އެމެރިކާ އާއި ޖަރުމަނެވެ. ކެޓީ ޒެމްބިއާ އެވެ.
އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިން ވަނަ ޓީމުތަކުގެ ތެރެއިން ގަދަ އަށެއްގެ ފަހު ޖާގަ އަށް ވާދަކުރަނީ ގްރޫޕް ބީގެ ތިން ވަނާގައި އޮތް އޮސްޓްރޭލިއާ އާއި ގްރޫޕް އޭއިން ކެނެޑާ އެވެ.