Advertisement
ކ. މާލެ
|
28 ޖުލައި 2024 | އާދީއްތަ 12:51
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން
ރާއްޖެއެމްވީ
މެމްބަރުންގެ އަދަދު ކަނޑައެޅުން
މެމްބަރުންގެ އަދަދު ކަނޑައެޅުމާއި މެދު ގޮތެއް ނިންމަންވާނީ އިންތިޚާބުތަކުގެ ނަތީޖާގެ ސަބަބުން ކަންކަން ބަދަލު ނުވާގޮތަށް - އަނަސް

މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކޮށް އެއް މިންވަރެއްގައި ހިފެހެއްޓުމާއި މެދު ގޮތެއް ނިންމަންވާނީ އިންތިޚާބުގެ ނަތީޖާތައް އަންނަ ގޮތަކުން ބަދަލު ނުވާނެ ގޮތަކަށް ކަމަށް އެމްޑީޕީގެ ސްޕޯކްސް ޕަރސަން އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

މަޖިލިސް މެމްބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާއި މެދު 20 ވަނަ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެލުމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ މައްސަލަ އާއި ގުޅިގެން އާދިއްތަ ދުވަހު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައެވެ. އާދިއްތަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އެކަމާއި ގުޅޭގޮތުން މަޝްވަރާކޮށްދީފައިވެއެވެ.

އެ ބައްދަލުވުމުގައި ޕީއެންސީ އަދި ޕީޕީއެމްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާފައި ވަނީ މި ގަރާރު ހުށަހެޅުއްވި މެމްބަރު އިބްރާހިމް ޝުޖާއު އަދި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާފައި ވަނީ އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރާއި، ލީގަލް ޑިރެކްޓަރ މަހްފޫޒް ސައީދުއެވެ.

Advertisement

ގާނޫނުއަސާސީގައި މިހާރު ވާގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެއެވެ. ހަމައެހެންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000ށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެއެވެ. ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ވަނީ އެކަމުގެ ސަބަބުން ދައުރުން ދައުރަށް މެމްބަރުން އިތުރުވުމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ. އަދި މެމްބަރުންގެ އަދަދު އެއްމިނެއްގައި ހިފެހެއްޓުމުގެ މުހިންމުކަމަށް ވަނީ އަލިއަޅުވާލައްވާފައެވެ.

އެ ކޮމިޓީ ބައްދަލުވުމުގައި އަނަސް ވިދާޅުވީ މިފަދަ ބަދަލެއް ގެނައުމަކީ މުހިންމުކަމެއް ކަމަށް އެމްޑީޕީން ޤަބޫލުކުރައްވާކަމަށެވެ. ނަމަވެސް އެފަދަ ބަދަލެއް ގެންނަވަން ވާނީ މަދަނީ ޖަމިއްޔާތަކާއި ކުދި ބޮޑު ހުރިހާ ސިޔާސީ ޕާޓީއަކާއި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ކަމަށް ޤަބޫލުކުރައްވާ ކަމަށް އަނަސް ވިދާޅުވިއވެެ. އަދި އާއްމުންނާއި އެކުގައި ވެސް މި މައްސަލައިގައި މަޝްވަރާކުރެވެން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މެމްބަރުންގެ އަދަދު މަދުކުރުމުން ހުރި ހެވާ ނުބައި ދެނެގަންނަން ވާނެ ކަމަށާއި ރައްޔިތުން އެންމެ ރަނގަޅަށް ތަމްސީލްކުރެވޭނީ މަޖިލީހަށް ކޮންކަހަލަ ބަދަލުތަކެއް ގެނެސްގެންތޯ ބެލުން މުހިންމު ކަމަށް އަނަސް ވަނީ ވިދާޅުވެފައެވެ. މަޖިލީހުގެ ދާއިރާތައް ކަނޑައެޅުމުގެ ނިޒާމަށް ބަދަލުގެންނަ ނަމަ ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށް އަނަސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ލާމަރުކަޒީ ޤާނޫނަށް އަމަލުކުރަން ފެށިތާ މާ ގިނަ ދުވަހެއް އަދި ނުވާކަމަށާއި އެ ޤާނޫނަށް ބަދަލުގެންނަ ވާހަކަ ވެސް މިހާރުދެކެވެމުންދާ ކަމަށް އަނަސް ވިދާޅުވިއެވެ. އިންތިޚާބުގެ ނަތީޖާ އާއި އެކު ނިޒާމަށް ބަދަލު ނުގެންނަކަން ޔަޤީންކުރާކަން އެ ހިސާބުން ވިސްނުމަށް ގެންނަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްގެން ކަމަށް އަނަސް ވަނީ ވިދާޅުވެފައެވެ. ދައުލަތުގެ އެއްބާރަށް މެމްބަރުން ކަނޑައެޅުމާއި މެދު ގޮތެއް ނިންމުމުގައި މަޝްވަރާގެ ދައުރު ވަރަށް މުހިންމުކަމަަށް އަނަސް ވިދާޅުވިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން - ރާއްޖެއެމްވީ

އެ ކޮމިޓީގައި ވާހަދައްކަވަމުން ޝުޖާއު ވަނީ އާބާދީގެ ނިސްބަތުން މަޖިލީހުގެ މެމްބަރުން އިތުރުވަމުން ދިއުމަކީ މަތިބަރުވާ ފަދަ ނިންމުމެއް ކަަމަށެވެ. ކުރިއަރާފައިވާ ޑިމޮކްރެޓިކް ޤައުމުތަކުގައި ވެސް މަޖިލީހުގެ މެމްބަރުންގެ އަދަދު ވަނީ ކެޕްކޮށް އެއް މިނެއްގައި ހިފަހައްޓާފައިކަން ޝުޖާއު ވަނީ ފާހަގަކުރައްވާފައެވެ. އެ މައްސަލަ ހައްލުކުރުމަށް ޤާނޫނު އަސާސީ އަށް ބަދަލުގެންނަން ޖެހޭ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

މިއީ މިފަދަ ފުރަތަމަ ބައްދަލުވުމެވެ. ކުރިއަށް އޮތްތަނުގައި މި ގަރާރާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެހެނިހެން ޕާޓީތައް ހިމެނޭހެން އިތުރު ބައްދަލުވުންތައް ބާއްވަން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް