ދެކުނު ލުބުނާނުގެ އެކި ސަރަހައްދު ތަކަށް ހޮނިހިރު ދުވަހުގެ ރޭ އިޒްރޭލުގެ ހަނގުރާމަ މަތީ މަތިންދާ ބޯޓުތަކުން ބޮން އަޅައިފިއެވެ.
އަލްޖަޒީރާ އިން ބުނެފައިވަނީ ބޮން އެޅި ސަރަހައްދުތަކާއި އެ ހަމަލާގެ ސަބަބުން ލިބުނު ގެއްލުމުގެ މައުލޫމާތު އަދި ސާފުވެފައި ނުވާ ކަމަށެވެ.
އޭގެ އިތުރު އިޒްރޭލުގެ މި ހަމަލާ އަކީ ހޮނިހިރު ދުވަހު އިޒްރޭލުން ގަދަކަމުން ހިފާފައިވާ ގޯލާން ހައިޓްސްގެ މަޖްދާލް ޝަމްސް އަށް އެރި ރޮކެޓް ހަމަލާ އާ ގުޅިގެން ދިން ހަމަލާތަކެއް ކަމެއްވެސް އަދި ސާފު ނުވާ ކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ.
މަޖްދާލް ޝަމްސް އަށް އެރި ރޮކެޓް ހަމަލާ އަކީ ހިޒްބުﷲ އިން ދިން ހަމަލާ އެއް ނޫން ކަމަށް އެ ޖަމާއަތުން ބުނަމުން ދިޔަ ނަމަވެސް، އިޒްރޭލުން އެ ހަމަލާ ހިޒްބުﷲ ގެ ބޮލުގައި ވަނީ އަޅުވާފައެވެ.
އެމެރިކާގައި ހުންނެވުމަށް ފަހު ހަމަލާ އާ ގުޅިގެން ދަތުރު ކުރުކޮށްލެއްވުމަށް ފަހު ގައުމަށް ދަތުރު ފައްޓަވާފައިވާ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހިޒްބުﷲ އަށް މިކަމުގައި ދައްކަން ޖެހޭ އަގު ބޮޑުވާނެ ކަމަށް ވިދާޅުވެފައެވެ.
އަލްޖަޒީރާ އިން ހާމަކޮށްފައިވާ ގޮތުގައި މަޖްދާލް ޝަމްސްގެ ހަމަލާ އާ ގުޅިގެން އިޒްރޭލުގެ ކެބިނެޓް ބައްދަލުވުމެއް ބޭއްވުމަށް އާދިއްތަ ދުވަހަށް މިހާރު ވަނީ ޝެޑިއުލް ކުރެވިފައެވެ.
މި ހިނގި ހާދިސާ ގެ ކުރިން ހިޒްބުﷲ އިން ބުނެފައިވަނީ އެ ޖަމާއަތުން ގޯލާން ހައިޓްސްގެ އަސްކަރީ ހަތަރު ޓާގެޓަކަށް ހޮނިހިރު ދުވަހު ހަމަލާ ދިން ކަމަށެވެ. މަޖްދާލް ޝަމްސްގެ ހާދިސާ ހިނގިފަހުން އެ ހަމަލާ އަކީ އެ ޖަމާއަތުން ދިން ހަމަލާއެއް ނޫން ކަމަށް ހިޒްބުﷲ ގެ އިސް އޮފިޝަލަކު ރޮއިޓާސް އަށް ދިން މައުލޫމާތު ގައި ބުނެފައިވެއެވެ.
ގޯލާން ހައިޓްސްގެ ފުޓްބޯޅަ ދަނޑަކަށް އެރި މި ރޮކެޓް ހަމަލާގައި 12 ކުޑަކުދިންނާ ބޮޑު މީހަކު މަރުވެފައިވާ ކަމަށް އިޒްރޭލުގެ ޑިފެންސް ފޯސް އާ ހަވާލާދީ ބީބީސީ އިން ވަނީ ބުނުފައެވެ.
މަޖްދާލް ޝަމްސް އަކީ ގޯލާން ހައިޓްސްގެ ހަތަރު އަވަށުގެ ތެރެއިން އާބާދީގައި ގާތްގަނޑަކަށް 25،000 ހިމެނޭ އަރަބި ބަހުން ވާހަކަ ދައްކާ މީހުން އުޅޭ އަވަށެކެވެ. މިއީ 1981 ވަނަ އަހަރު ސީރިއާ ގެ ބިމުން އިޒްރޭލުން ގަދަކަމުން ހިފާފައިވާ ސަރަހައްދެކެވެ. އެހެން ނަމަވެސް ބައިނަލް އަގްވާމީ މުޖްތަމައުން މިއީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ބަލައިގަނެފައެއް ނުވެއެވެ.