ދިވެހި ފުޓުބޯޅައިގެ ޙާލަތު މީގެ ކުރިން ވެސް ގޯސްވެފައި ވަނީ އަމިއްލަ އެދުމުގައި ބަޔަކު މަސައްކަތް ކުރުމުން ކަމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް އެހެން ވިދާޅުވީ އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާ އަކަށް ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު މުޙައްމަދު އަލީ ޖަނާހު ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވަނިކޮށެވެ.
އެފްއޭއެމްގެ ފުރަތަމަ އިންތިޚާބީ ރައީސް އާޒިމް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންސާފުވެރިކަމާއި، ހަމަހަމަ ކަމާއެކު ނޯމަލައިޒިން ކޮމެޓީ ނެގުމަށް ފީފާ އަށް ގޮވާލައްވާ ކަމަށެވެ.
މާޒީ އަށް ބަލާއިރު ފުޓުބޯޅައިގެ ޙާލަތު ގޯސްވެފައި ވަނީ ފީފާގެ ފަރާތުން އައްޔަން ކުރި ބައެއް ފަރާތްތަކުން ޤައުމުގެ މަސްލަޙަތު އިސް ކުރުމުގެ ބަދަލުގައި، އަމިއްލަ މަސްލަޙަތު އިސްކުރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އާޒިމް ވިދާޅުވެފައިވެ އެވެ.
އެކަމާ ގުޅިގެން "ރާއްޖެ އެމްވީ" އާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، އެފްއޭއެމް ނޯމަލައިޒް ކުރަނީ އެ އިދާރާގައި ކޮރަޕްޝަންގެ މައްސަލަތައް ހުރުމުން ކަމަށެވެ. އެކަން އެހެން އޮއްވައި، ނޯމަލަައިޒިން ކޮމެޓީ އަށް ނަގާ ފަރާތްތަކަކީ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުންނަށް ވުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އެފްއޭއެމްގެ ކަންކަން ބޮއްސުންލައި، ފުޓުބޯޅައިގެ ޙާލަތު ގޯސްވަމުން ދިޔައިރު، އާޒިމް ވަނީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކުރައްވައިފަ އެވެ. މަޖިލީހުގެ ތެރެއިން ވެސް އެކަންކަމުގެ ވާހަކަ ދައްކަވައި، އެފްއޭއެމް ރަނގަޅު ކުރުމުގެ ވާހަކަ ދައްކަވާފައިވާ އާޒިމް ވިދާޅުވީ، އެ ކަންކަމަކީ ކޮރަޕްޝަން ކަމަށެވެ.
ފީފާ އިން ނިންމާފައި ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ނޯމަލައިޒް ކުރުމަށެވެ. އެ މުއްދަތުގެ ތެރޭގައި އެފްއޭއެމްގެ ކަންކަން ރަނގަޅުކޮށް، އައު އިންތިޚާބެއް ބާއްވައި، އައު ހިންގާ ކޮމެޓީ އެއް ވެސް އިންތިޚާބު ކުރަން ޖެހޭނެ އެވެ.
ޖަނާހު އަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އެޑްވައިޒަރެވެ. އޭނާ އަކި ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަޤާމުގައި ހުންނެވި ބޭފުޅާ އެވެ.
ދާދި ފަހުން އާންމުކޮށްފައިވާ ވަޒީފާ އަދާ ކުރާ ބިދޭސީންނާ ގުޅިގެން ދައްކަން ޖެހޭ ފީތަކާއި، ޖޫރިމަނާތައް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި ޖަނާހުގެ ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން ހިމެނެ އެވެ.