ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕޭން ކާމިޔާބުކުރިއިރު މުހިންމު ދައުރެއް އަދާކުރި ޑިފެންޑަރު ރޮބިން ލެ ނޯމަންޑް އެތްލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި އެވެ.
އުމުރުން 24 އަހަރުގެ ޑިފެންޑަރު މިހާތަނަށް ކުޅެމުން އައީ ސްޕޭނުގެ ރެއާލް ސޮސިއެޑާޑަށެެވެ. ނަމަވެސް މީގެ ދެ އަހަރު ކުރިން ވެސް އޭނާ ގަތުމަށް އެތްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނޭ މަސައްކަތް ކުރި އެވެ.
ލެނޯމަންޑްގެ ސޮއި އެތްލެޓިކޯއިން ހޯދީ ކިހާ ފައިސާއެއް ދީފައި ކަމެއް ޔަގީނެއް ނުވެއެވެ. ނަމަވެސް އޭނާ ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ލެނޯމަންޑް އެތްލެޓިކޯ އަށް ސޮއިކުރީ އޭނާ ގަތުމަށް އިނގިރޭސި ޕްރެމިއާ ލީގުގެ ޓީމުތަކުން ވެސް މަސައްކަތް ކުރަމުންދަނިކޮށެވެ.
ލެނޯމަންޑް ވަނީ ސްޕޭން ޔޫރޯގައި ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗެއްގައި މޮޅެއް ކުޅެފަ އެވެ. އޭނާ އަށް ގެއްލުނު ހަމައެކަނި މެޗަކީ މުބާރާތުގެ ސެމީ ފައިނަލުގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗެވެ. އެއީ ދެ ރީނދޫ ކާޑު ހަމަވެގެންނެވެ.
އާ ސީޒަނަށް އެތްލެޓިކޯ ތައްޔާރުވަމުން އަންނައިރު އެ ޓީމުން އެންމެ ބޮޑަށް ވަރުގަދަ ކުރަން ބޭނުންވެފައިވާ ޑިޕާޓްމަންޓަކީ ވެސް ޑިފެންސްލައިނެވެ. އެއީ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން މިދިޔަ ސީޒަނަށް ފަހު ވަކިވެފައިވާތީ އެވެ.