Advertisement
ކ. މާލެ
|
27 ޖުލައި 2024 | ހޮނިހިރު 12:55
ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
ފުލެޓާއި ގޯތި މައްސަލާގައި މުޒާހަރާކުރުން
މި ސަރުކާރު ބޯހިޔާވަހިކަމުގެ ރަން 5 އަހަރަށް ވާނެ އެއްވެސް ގޮތެއް ނެތް، ރައްޔިތުން ކުރަނީ ބިކަ: މުޒާހަރާގެ ބައިވެރިން
ރައްޔިތުންގެ ބޯހިޔާވަހިކަން މިސަރުކާރުން ވަނީ އަޅުވެތިކޮށްފައި
މާލޭގައި ދިރިއުޅެމުންދަނީ ވަރަށް ދަތިހާލުގައި ބޮޑު ކުލި ދައްކައިގެން
ކުރީ ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތައް ލަސްނުކޮށް ދޫކުރަންޖެހޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މިސަރުކާރު، ބޯހިޔާވަހިކަމުގެ ރަން 5 އަހަރަށް ވާނެ އެއްވެސް ގޮތެއް ނެތް ކަމަށް މުޒަހާރާގެ ބައިވެރިން ބުނެފިއެވެ.

ހުކުރު ދުވަހުގެ ރޭ 8:45 ގައި ލޮނުޒިޔާރަތްކޮޅުގައި ވަނީ ފުލެޓާއި ގޯތި މައްސަލައިގައި ސުލްހަވެރި މުޒާހަރާއެއް ކުރިއަށް ގެންގޮސްފައެވެ. މި މުޒާހަރާގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ބައިވެރިވެފައިވެއެވެ. މުޒާހަރާގެ ބައިވެރިން ތިބީ އެކިއެކި ޝުއޫރުތައް ލިޔެފައިވާ ބެނަރތަކާއި ޕޯސްޓަރުތައް ހިފައިގެންނެވެ.

Advertisement

މުޒަހާރާގެ ބައިވެރިން ބުނެފައިވަނީ ކުރީ ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތައް ލަސްނުކޮށް ދޫކުރަންޖެހޭ ކަމަށާއި، ފްލެޓު ލިބުނު ކަމަށް ދޫކޮށްފައި އޮތީ ސައްހަ ލިޔުމެއް ކަމަށެވެ. އެ އެއްބަސްވުމަށް މިސަރުކާރުން އިހުތިރާމް ކުރަންޖެހޭ ކަމަށާއި، ފްލެޓު ނުލިބި ލަސްވާ ކޮންމެ ދުވަހަކީ ހައްގުތައް ގެއްލި، ހާލަތު ވަރަށް ބޮޑަށް ބަދަލުވެގެންދާ ދުވަހެއް ކަމަށެވެ. އަދި މާލޭގައި ދިރިއުޅެމުންދަނީ ވަރަށް ދަތިހާލުގައި ބޮޑު ކުލި ދައްކައިގެން ކަމަށް އެމީހުން ބުނެފައިވެއެވެ.

ރައްޔިތުންގެ ބޯހިޔާވަހިކަން މިސަރުކާރުން އަޅުވެތިކޮށްފައިވާކަން ފާހަގަކޮށް އެމީހުން ބުނެފައިވަނީ މިސަރުކާރުން އެއްވެސް ވަރަކަށް ރައްޔިތުންނަށް އިހުތިރާމް ނުކުރާ ކަމަށާއި، ރައްޔިތުން ބައިތިއްބަނީ ވާނުވާ ގައި ކަމަށެވެ. އަދި ކުރީ ސަރުކާރުގައި ގޯތި ދޫކޮށްފައިވާ ބިންތައް ނުހިއްކައި، އެހެން ޕްރޮޖެކްޓްތައް ފެށުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށް އެމީހުން ބުނެފައިވެއެވެ.

އަޅުގަނޑުމެންގެ ފްލެޓުތަކަށް ވާނުވާ ނޭނގުމާ އަޅުގަނޑުމެންގެ ހައްގެއް އަޅުގަނޑުމެންނަށް ލިބޭނީ ކޮންއިރަކުން ނޭނގިފައި އޮތް އޮތުން މިއީ ކަންބޮޑުވުމެއް. ރައްޔިތުންގެ ބޯހިޔާވަހިކަމަށް އަރައި ނުގަންނާށޭ. އޮޅުވާނުލާށޭ. ވައުދު ވީ ގޮތަށް ފްލެޓާއި ގޯތިތައް ދޭށޭ. ފްލެޓާ ގޯތިތައް ނުދީ ހިފެހެއްޓުމަކީ ރައްޔިތުންނަށް އިހުތިރާމް ނުުކުރަން. ކުރީ ސަރުކާރުން ގޯތި ދޫކޮށްފައިހުރި އެބިންތައް ހިއްކަން ޖެހޭ. އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަންޖެހޭ. އެކަމަކު މިފެންނަނީ އެހެން ޕްރޮޖެކްޓްތައް ކުރިއަށް ގެންދާ މަންޒަރު. އަޅުގަނޑުމެންގެ އާދޭހާއެކު މިގޮވާލަނީ ހައްގުތަކަށް އަރައި ނުގަންނާނޭ. އަޅުގަނޑުމެންގެ އުންމީދުތައް މިދަނީ ފަނޑުވަމުން. ބޮޑު ކުލީގައި ތިބޭ ރައްޔިތުން މިތިބެނީ ދުވާލަކު އެއްފަހަރު ކައިގެން އެނގޭތޯ.
މުޒަހަރާގެ ބައިވެރިއެއް

މުޒާހަރާގެ ބައިވެރިން ވަނީ ފްލެޓުގެ ކޮމެޓީގެ މަސައްކަތް ގޮސްފައިވާ ހިސާބު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ގޮވާލާފައެވެ. މިމައްސަލައާ ގުޅިގެން ރައީސް އޮފީސް އަދި ހައުސިން މިނިސްޓްރީއަށް މައްސަލައިގެ ކަންބޮޑުވުން ފާޅުކޮށް ސިޓީ ހުށަހެޅި ނަމަވެސް ސިޓީއަށް ޖަވާބު ދީފައިނުވާ ކަމަށް އެމީހުން ބުނެއެވެ.

މި މުޒަހާރާގައި މާލެ ރަށްވެހިންގެ ޖަމިއްޔާއިން ވެސް ވަނީ ބައިވެރިވެފައެވެ.

އެ ޖަމިއްޔާއިން ބުނެފައިވަނީ މިމައްސަލައަށް ހައްލު ލިބެންދެން މުޒާހަރާ ކުރާނެ ކަމަށާއި، މިސަރުކާރުން ކަންކަން ކުރިއަށް ގެންދަނީ އަޑި ނޭނގޭ ގޮތްގޮތަށް ކަމަށެވެ. ފެލެޓާއި ގޯތި މައްސަލާގައި މިހާތަނަށް އައިރު ފެނުނީ މިސަރުކާރުގެ އިހުލާސްތެރިކަން ނެތް މަންޒަރު ކަމަށް އެޖަމިއްޔާއިން ބުނެއެވެ. އަދި ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންނަށް އެމަސައްކަތުގެ ޓައިމްލައިނެއް ދިނުމަށް އެދުނު ނަމަވެސް އެކަން ވެސް މިސަރުކާރަށް ނުވި ކަމަށް ބުނެފައިވެއެވެ.

އާރްޓީއައި ލައިގެން އެނގުނީ ގުޅީފަޅުގައި އެލްޔޫޕީ ފާސްކުރަން އަދިއިތުރު ދެ މަސް ނަގާނެ. މިހާރު އަޅުގަނޑުމެން އެތަނަށް ދާން ގުރުއަތުލައިގެން އުޅޭތާ އެއްމަސް ދުވަސްވެއްޖެ. އެހެންވީމަ ވަކި އުމުރުފުރައެއް ނެތް އާއިލާތަކެއް މިއުޅެނީ. ވަރަށް ސްޕީޑް ސްލޯ. ސަރވޭއެއް ހަދާފައި އެލްޔޫޕީ ފައިނަލްވާނީ. އޭގެފަހުންނޭ ޓައިމްލައިނެއް ދެވޭނީ. އަޅުގަނޑުމެން މި ގޮވާލަނީ ވަގުތުން ވަގުތަށް ބިން ކަނޑާފައި އެތަނަށް ވަދެވޭ ގޮތް ހަދާކަށް ނޫން. ޓައިމްލައިންނެއް ދޭން. އާރްޓީއައި ލީމަވެސް ޓައިމްލައިނެއް ނުލިބޭ.
މާލެ ރަށްވެހިންގެ ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް
މުޒާހަރާގެ ބައިވެރިއެއް އޭނާގެ ޝުއޫރުތައް ހިއްސާކުރަނީ

ފްލެޓުތައް އަވަހަށް ހަވާލުކޮށްދިނުމަށާއި، ވޯޓުގެ ނާޖާއިޒު ފާއިދާ ނުނެގުމަށް މުޒާހަރާގެ ބައިވެރިން ގޮވާލާފައިވާއިރު، ރައީސް ޑރ.މުހައްމަދު މުއިއްޒު އާ ބައްދަލުކުރުމަށް ވެސް އެމީހުން ވަނީ އެދިފައެވެ. މިސަރުކާރަށް 8 މަސް ވެގެންދިޔައިރު ވެސް އެ ކަމަށް ވެސް އެއްވެސް އިޖާބައެއް ދީފައިނުވާކަމަށް މުޒަހާރާގެ ބައިވެރިން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް