ފްރާންސްގެ ޕެރިހުގައި މިރޭ ފަށާ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މުޒާހަރާކުރަން ތައްޔާރުވި ނެށުންތެރިން އެންމެ ފަހުން އެކަން ހުއްޓާލައިފި އެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި 3000 ފަންނާނުން ބައިވެރިވާނެ އެވެ. މީގެ ތެރޭގައި ތިބި ނެށުންތެރިންނަކީ ކިހާ އަދަދެއްކަން ޔަގީންކޮށް ނޭނގުނު ނަމަވެސް މިއަދަދު ހަތަރު ސަތޭކައާ ގާތްކުރާނެ ކަމަށް ފްރާންސްގެ މީޑިއާތުން ބުނެ އެވެ. ނެށުންތެރިން މުޒާހަރާކުރަން ނިންމީ އެކިއެކި ނެށުންތެރިންނަށް ދޭ އުޖޫރަ ތަފާތުވުމުންނެވެ. މިކަން މާބޮޑަށް ގޯސްވީ ހުޅުވުމުގެ ރަސްމިއްޔާތުގެ ޓީވީ ރައިޓްސް ގަތް ފަރާތުން އިމޭޖް ރައިޓްސްގެ ގޮތުގައި ދޭން ހުށަހެޅި ފައިސާ މަދުވެގެންނެވެ. މިކަމާ ގުޅިގެން ހުޅުވުމުގެ ރަސްމިއްޔާތުގެ އޮގަނައިޒަރުންނާއި ނެށުންތެރިން ނިސްބަތްވާ ގްރޫޕްތަކާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ.
މި ގޮތުން އެންމެ ކުޑަ އުޖޫރަ ލިބޭ ނެށުންތެރިޔާ އަށް ވެސް 120 ޑޮލަރާއި 260 ޑޮލަރާ ދެމެދުގެ އަގެއް ލިބޭނެ އެވެ.
އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތާ ދިމާކޮށް މުޒާހަރާކުރަން ނިންމީ ހަމައެކަނި ނަށާ މީހުން އެކަންޏެއްނޫނެވެ. ފްރާންސްގެ ޕްރައިވެޓް ސެކްޓަރގެ ގިނަ މުވައްޒަފުން ވެސް ވަނީ މުސާރަ ނުދެވުމާއި އުޖޫރަ ކުޑަވުމުގެ ހިތްހަމަނުޖެހުން ފާޅު ކުރުމަށް ނިންމައިފަ އެވެ. ނަމަވެސް ބެރިކޭޑް ޖަހައި ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާ ސެންކޯރުގެ އައްސޭރިއަށް ކަމާނުބެހޭ އެއްވެސް ބަޔަކަށް ނުވެދެވޭނެހެން ހަދާފައިވާއިރު ބައެއް ސަރަހައްދުތަކަށް ވަދެވޭނީ ކިއުއާރު ކޯޑު ޖަހައިގެންނެވެ. ނަމަވެސް ކުދި ވިޔަފާރިވެރިން ވެސް މައްސަލަ ޖައްސާވަރުން މިހާރު ވަނީ ބައެއް ހިސާބުތަކުން ބެރިކޭޑްތައް ނަގައި އާއްމުންނަށް ހުޅުވާލައިފަ އެވެ.