ފްރާންސްގައި މިރޭ ފަށާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ މޮޓޯ އަކީ ކުޅިވަރުތަކުގައި އިމެއްނެތުމެވެ. މިއީ 100 އަހަރު ތެރޭގައި ފްރާންސްގައި ބާއްވާ ފުރަތަމަ އޮލިމްޕިކްސް އެވެ. ނުވަތަ ހޫނު މޫސުމުގެ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ. މީގެ ކުރިން ފްރާންސްގައި އޮލިމްޕިކްސް ބާއްވާފައިވަނީ 1900 ވަނަ އަހަރު އެވެ. މި ފަހަރުގެ އޮލިމްޕިކްސްގެ މުހިންމު އަދި ގިނަ އިވެންޓްތައް ބާއްވާނީ ވެރިރަށް ޕެރިހުގަ އެވެ.
މުބާރާތް ހުޅުވުމުގެ އެންމެ ހާއްސަ ކަމަކީ އެތްލީޓުންނާއި ދައުވަތުދީފައިވާ ހާއްސަ މެހުމާނުން ސެން ކޯރުގައި ބޯޓު ދުއްވުމެވެ. 100 ބޯޓުގައި ގާތްގަނޑަށް ހަ ކިލޯ މީޓަރަށް އެމީހުން ދުއްވަމުންދާ މަންޒަރު ބެލުމަށް 3000 މީހުން އެ ސަރަހައްދުގައި ތިބޭނެ އެވެ. މީގެ އިތުރުން މުބާރާތް ހުޅުވުމުގެ ގޮތުން ސެލީން ޑިއޯން އާއި ލޭޑީ ގާގާގެ ހާއްސަ އައިޓަމްތަކެއް ވެސް އޮންނާނެ އެވެ.
މި ފަހަރުގެ އޮލިމްޕިކްސް އަކީ މިހާތަނަށް ދެ ޖިންސުގެ ހަމަހަމަކަން އެންމެ ބޮޑަށް ފެނިގެންދާނެ މުބާރާތެވެ. މުބާރާތުގައި އަންހެން 5250 އެތްލީޓުން ކުޅޭއިރު މި އަދަދަށް ފިރިހެން އެތްލީޓުން ވެސް ކުޅޭނެ އެވެ.
މުބާރާތް ހުޅުވާނީ ފްރާންސްގެ ރައީސް އެމެނުއަލް މާކޮން އެވެ. ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 5000 ފުލުހުންނާއި އޭގެ އިތުރުން ގާޑުން ވެސް ވަނީ ނެރެފަ އެވެ. މުބާރާތް ހުޅުވުމުގެ ސަރަހައްދަށް ވަދެވޭނީ ކިއުއާރު ކޯޑު ބޭނުންކޮށްގެން ކަމަށް ހެދުމުން އާއްމުންގެ ގިނަ ބަޔަކު ވަނީ ނުރުހިފަ އެވެ. ހާއްސަކޮށް ބެރިކޭޑް ޖަހައި ބައެއް ހިސާބުތައް ބަންދުކުރުމުން ކުދިވިޔަފާރިތަކުން ހިތްހަމަނުޖެހުން ފާޅު ކުރުމުން މިހާރު ވަނީ އެ ސަރަހައްދުތަކަށް އާއްމުންނަށް ހުރަހެއްނެތި ވަދެނިކުމެވޭނެގޮތް ހަދައިފަ އެވެ.
މި ފަހަރުގެ ގޭމްސްގެ އަގަކީ 9 ބިލިއަން ޔޫރޯ އެވެ. މުބާރާތުގެ އޮގަނައިޒަރުން ބުނަނީ މިއީ ތިމާވެއްޓާ އެންމެ ރަހުމަތްތެރި މުބާރާތަށްވާނެ ކަމަށެވެ. މުބާރާތަށް އަލަށް ތައްޔާރުކޮށްފައިވަނީ އެންމެ ދެ ތަނެކެވެ. އެއީ އަކުއަޓިކްސް ސެންޓަރަކާއި ބެޑްމިންޓަނާއި ޖިމްނާސްޓިކް ކުޅެން ހެދި ތަނެކެވެ. ދެން މުޅިން ވެސް ބޭނުންކުރާނީ ފްރާންސްގައި މިހާތަނަށް ހުރި ކުޅިވަރުގެ ވަސީލަތްތަކެވެ.
މުބާރާތުގެ ތަރިންގެ ގިނަ ބަޔަކު ގޮވާލާފައިވަނީ ދުނިޔެ ސުލްހަވުމަށެވެ. ހަނގުރާމަ އާއި އެނޫން ވެސް ހަސަދަވެރިކަން ނައްތާލުމަށެވެ. ސަބަބަކީ ރަޝިއާ އާއި ބެލަރޫސްގެ ކުޅުންތެރިންނަށް އެމީހުންގެ ގައުމުގެ ނަމުގައި ވާދަނުކުރެވުމެވެ. މި ދެ ގައުމުން ވާދަކުރާ 60 އެތްލީޓުންގެ ތިބެނީ އަމިއްލަ ބައެއްގެ ގޮތުގަ އެވެ.
މުބާރާތުގައި އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ ފްރާންސްގެ ސެން ކޯރުގެ ފެންގަނޑު ތަޣައްޔަރުވެފައިވާ ކަމަށް ދެކެވޭ ވާހަކަ އެވެ. ސުވިމިންގެ މުހިންމު ހުރިހާ ހަރަކާތެއް އޮންނާނީ މިތަނުގަ އެވެ.