Advertisement
ކ. މާލެ
|
26 ޖުލައި 2024 | ހުކުރު 00:15
މަނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ސަރުކާރުގެ އިސް ފަރާތްތަކުން ބައިވެރިވެ ވަޑައިގެންފައިވޭ
މަނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ސަރުކާރުގެ އިސް ފަރާތްތަކުން ބައިވެރިވެ ވަޑައިގެންފައިވޭ
އެމްޓީސީސީ
އާރުޓީއެލްގެ ޚިދުމަތް
އާރުޓީއެލްގެ މޮޅު ވާހަކަ މިސަރުކާރުގެ ވެރިން ދައްކަމުން އެންމެ ފަހުން ނ. އަތޮޅުގައި އާރްޓީއެލް ޚިދުމަތް ފަށައިފި
ސަރުކާރު ބަދަލުވި އިރު ނ. އަތޮޅުގައި ޚިދުމަތް ފަށަން އޮތީ ހުރިހާ ކަމެއް ނިމިފައި
އާރްޓީއެލްގެ ފުރަތަމަ ޒޯން ގެ ޚިދުމަތްތައް ފެށުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު
އާރްޓީއެލްގެ ޚިދުމަތް ފެށުނު ހިސާބުން ފެށިގެން އެ ޚިދުމަތް އާންމުން ބަލައިގަނެ ގިނަ ބައެއްގެ ތައުރީފް ލިބިފައިވޭ

ނ.އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށެއްގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ޚިދުމަތް ބުރާސްފަތި ދުވަހު ފަށައިފިއެވެ.

މި ޚިދުމަތް ފައްޓަވައިދެއްވީ ސަރުކާރުގެ ތިން މިނިސްޓަރުން ވަޑައިގެންނެވެ.

Advertisement

ގިނަ އަދަދެއްގެ ސަރުކާރުގެ އިސް ފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވި، މަނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޚިދުމަތް ފައްޓަވައިދެއްވީ، ލޯކަލް ކައުންސިލްތަކާ ބެހޭ މިނިސްޓަރ އާދަމް ޝަރީފް އުމަރާއި ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން އާއި އެންވަޔަރަންމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފް އުމަރު ވަނީ އާރްޓީއެލް ޚިދުމަތުގެ މުހިންމު ކަމާ ބޭނުންތެރި ކަމުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ. މިއީ ރައްޔިތުން ނުހަނު ބޮޑަށް އެދިއެދި ތިބި ޚިދުމަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އާރުޓީއެލްގެ ޚިދުމަތް ނ. އަތޮޅުގައި ފެށިގެން ދިއުމަކީ، ޝައްކެއްވެސް ނެތް ގޮތުގައި ނ. އަތޮޅަށް ވަރަށް ޚާއްސަ، އަދި އެކަމަށްޓަކައި ނުހަނު ބޭނުންވެފައިވާ ކަމެއް.
ލޯކަލް ކައުންސިލްތަކާ ބެހޭ މިނިސްޓަރ އާދަމް ޝަރީފް އުމަރު

އޭނާ ވިދާޅުވީ މި ޚިދުމަތުގެ ސަބަބުން ނ. އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށެވެ.

ރައީސް ސާލިޙް ގެ ސަރުކާރު ނިމުނު އިރު ނ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިވާ ކަމަށް ކުރީގެ ސަރުކާރުން އޮތީ އިއުލާން ކޮށްފައެވެ. 2023 ގެ ނޮވެމްބަރު މަހުގެ މެދުތެރޭގައި އޭރުގެ ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ޚިދުމަތް ފެށުމަށް ބޭނުންވާ ހުރިހާ އުޅަނދެއް ބަނދެ ނިމި، ދަތުރު ކުރާނެ މައިގަނޑު 4 ރޫޓް ވަނީ ކަނޑައަޅާފައެވެ. ދަތުރު ތަކުގައި ބޭނުން ކުރުމަށް ބޭނުންވާ 3 ފެރީގެ ތެރެއިން 2 ފެރީ ބޭނުން ކުރާ ގޮތައް ހަމަ ޖައްސާ ޚިދުމަތައް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ހާމަ ކޮށްފައިވެއެވެ.

މަނަދޫގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޢަބްދުالله ޒިޔާދު ވެސް ވިދާޅުވީ ނ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ދޭނީ ދެ ފެރީ ބޭނުން ކޮށްގެން ކަމަށެވެ. އެހެން ނަމަވެސް ކުރިން ހަތަރު ރޫޓަކުން ޚިދުމަތް ފަށާ ގޮތައް ރޭވިފައި އޮތް ނަމަވެސް ޒިޔާދު ވިދާޅުވީ ޚިދުމަތް ދޭން ހަމަ ޖެހިފައިވަނީ 3 ރޫޓަކުން ކަމަށެވެ.

ކުރިންވެސް މި ޚިދުމަތް ފެށި ސަރަހައްދު ތަކުގައި އަމަލު ކުރި ގޮތަށް ނ. އަތޮޅުގައި ވެސް ފުރަތަމަ ހަފްތާގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލެއެވެ. އެމްޓީސީސިން ބުނެފައިވަނީ އޯގަސްޓްމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަގު ނަގައިގެން ކަމުގައެވެ.

ނ. އަތޮޅުގައި ޚިދުމަތް ފެށުމުން، މިހާރު ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް އާރްޓީއެލް ފެރީގެ ޚިދުމަތުން ވަނީ ގުޅާލެވިފައި ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

ރަށު ބަންދުން ވީއްލުމުގެ ވާހަކަ އެމްޑީޕީގެ ޕޯޑިއަމް ތަކުގައި ދެކެވެމުން އައިސް ރައީސް ސާލިޙް ގެ ރިޔާސީ ވައުދުގެ ތެރެއިން މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ފެށުނު ބިޔަ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކުރެވުނީ 17 ޖެނުއަރީ 2021 ގައެވެ. އަދި ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް 14 އޭޕްރީލް 2022 ގައި ހަވާލު ކުރެވުނެވެ.

އާރްޓީއެލްގެ ފުރަތަމަ ޒޯން ގެ ޚިދުމަތްތައް ފެށުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ ހއ. ދިއްދޫގައި "ބޮޑު ތިލަދުންމަތި ގުޅާލުން" ނަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ޚިދުމަތް ފައްޓަވައިދެއްވީ ރައީސް ސާލިޙްއެވެ.

އާރުޓީއެލްގެ ޚިދުމަތް ރޭވިގެން އައީ 6 ޒޯން އަކަށް ބަހާލައިގެން، ހުރިހާ ޒޯނެއްގައި ޚިދުމަތް ފެށޭއިރު 82 އުޅަނދާއި 180 އެތައް ފެރީ ޓާމިނަލް ހުންނަ ގޮތަށެވެ. މުސާރައިގެ ގޮތުން ރަނގަޅު އެއްޗެއް ލިބޭ ގޮތައް އެތައް ސަތޭކަ އައު ވަޒީފާ ވެސް މި ޕްރޮގްރާމްގެ ތެރެއިން އުފެދޭ ގޮތަށެވެ.

އާރުޓީއެލް ފެރީގެ ނަލަ ކަމާއި، ދަތުރުތައް ތަރުތީބުވެފައި އޮންނަލެއް ފުރިހަމަ ކަމާއި، ޚިދުމަތްދޭން ތިބޭ މުވައްޒަފުންގެ އެހީތެރިކަމާ ދަތުރުގެ އަގު ހެޔޮ ވުން ފަދަ ކަން ކަމަކީ ކުރިން އެކަންކަން ހިތައް ވެސް ނާރާހާ ފުރިހަމަ އަށް ހަމަޖެހިގެން ދިޔަ ކަންކަމުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކޮށްފައިވާ ކަންކަމެވެ.

Advertisement

Advertisement
- ކޮމެންޓް