ދިވެހިރާއްޖޭގެ ފުޓުބޯޅަ އަށް ދިމާވެފައިވާ މައްސަލަ ޙައްލު ކުރުމުގައި އެންމެ ފުރަތަމަ ދެނެގަންނަން ޖެހޭނީ، ކަންކަން ގޯސްކޮށް ދިޔަ ސަބަބު ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު) ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ ރާއްޖެ ނޯމަލައިޒް ކުރުމަށް ނިންމައި، އެކަން ހާމަކޮށްފަ އެވެ. ފީފާ އިން ނިންމާފައި ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ނޯމަލައިޒް ކުރުމަށެވެ. އެ މުއްދަތުގެ ތެރޭގައި އެފްއޭއެމްގެ ކަންކަން ރަނގަޅުކޮށް، އައު އިންތިޚާބެއް ބާއްވައި، އައު ހިންގާ ކޮމެޓީ އެއް ެވސް އިންތިޚާބު ކުރަން ޖެހޭނެ އެވެ.
އެކަމާ ގުޅިގެން ޖައުޝަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަމެއް ޙައްލު ކުރަން މަސައްކަތް ކުރާ ނަމަ، އެންމެ ރަނގަޅު ގޮތަކީ ގޯސްކޮށް ހިނގާފައިވާ ކަންތައްތައް ދެނެގަތުން ކަމަށެވެ.
މީގެ އިތުރުން ފުޓުބޯޅައިގައި ޙަރަކާތްތެރިވަމުން އަންނަ އެންމެން ގުޅިގެން ކުރެވޭ ރަނގަޅު އަދި ޚަރުދަނާ މަސައްކަތުގެ ތެރެއިން، ދިވެހި ފުޓުބޯޅަ އަލުން ރަނގަޅުކޮށް ހަމަ މަގަށް އެޅުވޭނެ ކަމުގެ އުންމީދު އޮތް ކަމުގައި ވެސް ޖައުޝަން ވަނީ ވިދާޅުވެފަ އެވެ.
މިއީ ފީފާ އިން ރާއްޖެ ނޯމަލައިޒް ކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2015 ވަނަ އަހަރު ވެސް ފީފާ އިން ވަނީ ރާއްޖެ ނޯމަލައިޒް ކޮށްފަ އެވެ. އެއީ އޭރު އެފްއޭއެމްގެ ރައީސަށް ހުންނެވި އިލްޙާމް އަޙުމަދުގެ ދައުރު ނިމުމަކަށް އައުމުންނެވެ.