ހިޒްބުﷲ އިން އިޒްރޭލުގެ އަސްކަރީ މަރުކަޒް ތަކަށް ގިނަ ހަމަލާތަކެއް ދީފިއެވެ.
ހިޒްބުﷲ އިން ބުނީ މިއީ ދެކުނު ލުބުނާންގެ ޝަގްރާ އަށް އިޒްރޭލުން ހަމަލާ ދީ ހިޒްބުﷲ ގެ ކޮމާންޑަރަކު މަރާލުމާ ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާ ތަކެއް ކަމުގައެވެ.
ހަމަލާއާ ބެހޭ ގޮތުން ހިޒްބުﷲ އިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެންމެ ފަހުން އަންގާރަ ދުވަހު ހަމަލާދިނީ ކަމަޒާކީ ޑްރޯން ބޭނުން ކޮށްގެން މެރޮން ކައިރީގައި ހުންނަ މައުންޓް ނީރާ އަސްކަރީ ބޭސް އަށް ކަމަށް ބުނެފައިވެއެވެ.
ހިޒްބުﷲ އިން ބުނީ ހަމަލާ ޓާގެޓަށް ވާސިލްވި ކަމަށާއި، ބޭނުންވި ނަތީޖާ ހާސިލްވި ކަމަށެވެ.
މީގެ އިތުރުން އިޒްރޭލުގެ އަލް-މަރްޖް އަސްކަރީ އައުޓްޕޯސްޓަށްވެސް ބުރުކާން މިސައިލުން ހަމަލާ ދީފައިވާނެ ކަމަށް ވެސް ހިޒްބުﷲ އިން ބުނެއެވެ.
ހިޒްބުﷲ އިން ބުނާ ގޮތުގައި ރަމީމް ބެރަކްސްގެ އިޒްރޭލުގެ ކޮމާންޑް ސެންޓަރަށް ވެސް ބަރުހަތިޔާރުން ވަނީ ހަމަލާތައް ދީފައެވެ.
ހިޒްބުﷲ އިން ހަމަލާ ދިން ތަންތަނުގެ ތެރޭގައި ބައިތު ހިލާލް ގައި ހުންނަ އިޒްރޭލްގެ ސަހީލް ބެޓްލިއަން ހިމެނޭ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ކިރްޔަތު ޝްމޯނާ ސިޓީ އަށް ކަޓްޔޫޝާ ރޮކެޓުން ހަމަލާ ދިން ކަމަށް ބުދަ ދުވަހު ހިޒްބުﷲ އިން ނެރުނު ބަޔާނުގައި ވެއެވެ.
އަންގާރަ ދުވަހު އިޒްރޭލުގެ ސުމައްޤާ އަސްކަރީ ސައިޓަށް އާޓިލަރީ ހަމަލާތައް ދީ އެ ސްޓޭޝަންގައި ތިބި އިޒްރޭލު ސިފައިންނަށް ގެއްލުން ދީފައިވާނެ ކަމަށްވެސް ހިޒްބުﷲ އިން ވަނީ ބުނެފައެވެ.
ހަމަލާތަކާ ބެހޭ ގޮތުން އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ ދެކުނު ލުބުނާނުން މައުންޓް ދޯވް ސަރަހައްދަށް ދިން ރޮކެޓް ހަމަލާތަކެއްގައި އިޒްރޭލު ސިފައިންގެ މީހަކު ވަރަށް ބޮޑަށް ޒަޚަމްވި ކަމަށެވެ.
ޒަޚަމްވި އިޒްރޭލުގެ ސިފައިންގެ މީހާ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި އޭނާގެ އާއިލާ އަށް އެ މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން އެކްސް ގައި ކޮށްފައިވާ ޕޯސްޓްގައި ވެއެވެ.
ހުސްވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހިޒްބުﷲ އާއި އިޒްރޭލާ ދެމުދެ އަންނަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ. ހިޒްބުﷲ އިން ބުނަމުން އަންނަނީ އިޒްރޭލާ އެކު ހަނގުރާމަ އަކަށް ދާން ބޭނުން ނުވާ ކަމަށާއި އެހެން ނަމަވެސް ފަލަސްތީނުގެ ގާޒާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާ ނުލަނީސް ހިޒްބުﷲ އިން އިޒްރޭލަށް ދެމުންދާ ހަމަލާތައް ހުއްޓާ ނުލާނެ ކަމަށެވެ.