Advertisement
ކ. މާލެ
|
23 ޖުލައި 2024 | އަންގާރަ 23:10
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، އެމަނިކުފާނުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ދިނުމަށް އޭޖީން ވަނީ ރައީސް އޮފީހަށް ލަފާއަރުވާފައި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، އެމަނިކުފާނުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ދިނުމަށް އޭޖީން ވަނީ ރައީސް އޮފީހަށް ލަފާއަރުވާފައި
ރައީސް އޮފީސް
ރައީސް ސާލިޙުގެ ނިއުޔޯކް ދަތުރުފުޅު
ރައީސް ސާލިޙުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ނުދޭން ވަކާލާތުކުރުމަށްފަހު ކުއްލިގޮތަކަށް ސަރުކާރުގެ ނިންމުން ބަދަލުވެ މައްސަލަވެސް އަނބުރާ ގެނެސްފި
ދައުލަތުގެ ވަކީލުން ވިދާޅުވީ، އެ ދަތުރުފުޅާ ގުޅޭ ރަސީދުތައް ނެތް ނަމަވެސް، ހިނގި ޚަރަދުގެ ތަފްސީލުތައް ފޯރުކޮށްދެވިފައިވާ ކަމަށް
ހަރަދުތައް ފެންނަ ފައިސާގެ ރަސީދުތައް ނުދިނުމަށް ކުރީގެ ސަރުކާރުން ނިންމި ނިންމުން މިއަދުގެ ސަރުކާރުންވެސް ކޯޓުގައި ދިފާއު ކުރި
އެ މައުލޫމާތުތައް މައުލޫމާތަށް އެދުނު ފަރާތަށް ހިއްސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލަފާއަރުވާފައިވޭ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ނުދޭން މި ސަރުކާރުންވެސް ވަކާލާތުކުރުމަށްފަހު ކުއްލިގޮތަކަށް ސަރުކާރުގެ ނިންމުން ބަދަލުވެ ކޯޓުގައި އޮތް މައްސަލަވެސް އަނބުރާ ގެނެސްފިއެވެ.

މިކަމާއި ގުޅޭގޮތުން ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހުން ކުއްލިގޮތަކަށް ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. ބަންޑާރަ ނައިބުގެ އޮފީހުން އަންގާރަ ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ސަރުކާރުންކުރި އެންމެހައި ހަރަދުތަކާ ގުޅޭ ރަސީދުތަކުގެ ކޮޕީ، އެ މަޢުލޫމާތަށް އެދުނު ފަރާތާ ހިއްސާކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަންބަރު ICOM-A/2022/08 ނިންމުމުގައި އަންގަވާފައިވާތީ، އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި 20 މާރިޗު 2022 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގެ ނަންބަރު  2022/HC-A/105 ގަޒިއްޔާއިން ބައްލަވައި، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅުއްވާފައިވާތީ، އެ ނިންމުން އިސްތިއުނާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޭރު އެދިވަޑައިގަތުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 7 ޖުލައި 2023 ގައި ބަންޑާރަނައިބުގެ އޮފީހުން އިސްތިއުނާފުކޮށްފައިވެއެވެ.

Advertisement

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް އެ ކޯޓުގެ ނަންބަރު 2023/SC-A/41 ގަޒިއްޔާއިން ބައްލަވަމުން ގެންދަވާ މައްސަލައަކީ، މައިގަނޑު ގޮތެއްގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 21 ވަނަ މާއްދާ އާއި 76 ވަނަ މާއްދާގެ (ނ) ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކުރައްވާފައިވާ ގޮތާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުއްވުމަށް އިސްތިއުނާފުކުރި މައްސަލައެއް ކަމުގައި ވީނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުން އަލުން ދިރާސާކުރުމަށްފަހު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/41 ގަޒިއްޔާއިން ބައްލަވަމުންގެންދަވާ މައްސަލަ އަނބުރާ ގެނައުމަށް ބަންޑާރަ ނައިބުގެ އޮފީހުން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން، މި ނިންމުމާ އެއްގޮތަށް އެ މައްސަލައިގެ އިސްތިއުނާފު ފޯމު ބާތިލްކޮށްދެއްވުން އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ބަންޑާރަނައިބުގެ އޮފީހުން ބުނެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ގޮތުގެމަތިން، އެ މައުލޫމާތުތައް މައުލޫމާތަށް އެދުނު ފަރާތަށް ހިއްސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލަފާއަރުވާފައިވާނެ ކަމަށް ވެސް ބަންޑާރަނައިބުގެ އޮފީހުން ވަނީ ބުނެފައެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ފެންނަ ފައިސާގެ ރަސީދުތައް ނުދިނުމަށް ކުރީގެ ސަރުކާރުން ނިންމި ނިންމުން މިއަދުގެ ސަރުކާރުންވެސް ކޯޓުގައި ދިފާއު ކޮށްފައިވެއެވެ.

މިދިޔަ ސަރުކާރުގައި ހުށަހެޅުނު މި މައްސަލައިގައި އެދިފައިވަނީ މައިގަނޑު 3 މައުލޫމާތެއް ހޯދުމަށެވެ. އެއީ ދަތުރުފުޅުގައި ބައިވެރިވި ފަރާތްތަކުގެ ޖުުމުލަ އަދަދާއި، ޓިކެޓާއި ވަކި ވަކިން ޖުމުލަ ޚަރަދަށް ދިޔަ މައުލޫމާތުގެ އިތުރުން، ޚަރަދުތަކާ ގުޅޭ ރަސީދުތަކުގެ ކޮޕީއެވެ.

އޭރު ރައީސް އޮފީހުން އެ މައުލޫމާތުތަކުގެ ތެރެއިން ރަސީދުތަކުގެ ކޮޕީ ފިޔަވައި ދެން ހުރި މައުލޫމާތުތައް ދީފައިވެއެވެ. ރަސީދުތައް ދޫކޮށްފައި ނުވަނީ އޭގައި ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭތީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ. އެހެންކަމުން އެކަމާ މެދު ހިތްހަމަ ނުޖެހިގެން އެ ނިންމުން އައިކޮމްގައި މައްސަަލަ ހުށަހެޅި ފަރާތުން އިސްތިއުނާފު ކުރީއެވެ. އައިކޮމްއިން ނިންމީ ރަސީދުގައިވާ ޒާތީ މައުލޫމާތު އުނި ކުރުމަށްފަހު އެ ރަސީދުތައް ދޫކުރަން ޖެހޭ ކަމަށެވެ.

އެހެންކަމުން އޭރު ދައުލަތުގެ ފަރާތުން ބަންޑާރަނައިބުގެ އޮފީހުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ. ހައިކޯޓުގެ މައްސަލަ ނިމުނީ އައިކޮމްގެ ނިންމުމާ އެއްގޮތަށެވެ. އެހެންވެ ދައުލަތުން މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. މިހާރުގެ ބަންޑާރަނައިބުގެ އޮފީހުންވެސް ވަނީ ކުރިން އެ އޮފީހުން ވަކާލާތު ކުރި ސްޓޭންޑުގައި ސުޕްރީމް ކޯޓުގައިވެސް ވަކާލާތު ކުރައްވާފައެވެ.  

ދައުލަތުގެ ވަކީލުން ވިދާޅުވީ، އެ ދަތުރުފުޅާ ގުޅޭ ރަސީދުތައް ނެތް ނަމަވެސް، ހިނގި ޚަރަދުގެ ތަފްސީލުތައް ފޯރުކޮށްދެވިފައިވާ ކަމަށެވެ. އެކަމަށް އައިކޮމްއިން ރިއާޔަތް ކޮށްފައި ނުވާކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

ޚަރަދު ސީޓުގައި ހުރުމާއި، ކެއުމާއި، ޓްރާންސްޕޯޓާއި، ޕޮކެޓުމަނީ ފަދަ ހުރިހާ މައުލޫމާތެއް ފޯރުކޮށްދެވިފައިވާކަން ދައުލަތުގެ ވަކީލުން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ހަރަދުތަކުގެ ތަފްސީލު ހިއްސާ ކުރެވިފައިވާ ކަމަށާއި، އޭގެ ރަސީދުތަކަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހިއްސާ ކުރަންޖެހޭ މައުލޫމާތެއް ނޫންކަމަށް ވަކީލު ވިދާޅުވިއެވެ.

މި މައްސަލައަކީ ސުޕްރީމް ކޯޓުގައި މިހާރުވެސް ކުރިއަށްދާ މައްސަލައެކެވެ.

Advertisement

Advertisement
- ކޮމެންޓް