Advertisement
ކ. މާލެ
|
21 ޖުލައި 2024 | އާދީއްތަ 11:52
ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބް އަބްދުﷲ
ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބް އަބްދުﷲ
ރާއްޖެއެމްވީ
ސަރުކާރުން ޑްރޯންތައް ގަތުން
އަވަސް އަރުވާލައިގެން ޑްރޯންތައް ގަތުމުގެ ފަހަތުގައި ފޮރުވިފައިވާ ކޮރަޕްޝަނެއް ވޭތޯ ސުވާލު އުފެދޭ: ޔައުޤޫބް
އާމްދަނީއަށް ބަލާއިރު، ޑޮލަރުން ލިބޭ އާމްދަނީވެސް ކުރިއަށްވުރެ އިތުރު
މި ވަގުތަށް ސަރުކާރުން ކުރި ބޭކާރު ޚަރަދުތައް ގިނަކަމަށް ވިދާޅުވި

އަވަސް އަރުވާލައިގެން ޑްރޯންތައް ގަތުމުގެ ފަހަތުގައި ފޮރުވިފައިވާ ކޮރަޕްޝަނެއް ވޭތޯ ސުވާލު އުފެދޭ ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ޓީވީ ޓޯކްސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔައުޤޫބް ވިދާޅުވީ، އިންޑިއާއިން ހިލޭ އެހީއަށް ބަދަލުކޮށްދޭން ނިންމާފައި އޮތް 50 މިލިއަން ޑޮލަރު ދެއްކުމާއި، ޑްރޯން ގަތުމަށް ކުރި ޚަރަދަކީ މި ވަގުތަށް ސަރުކާރުން ކުރި ބޭކާރު ޚަރަދުތަކެއް ކަމަށެވެ.

Advertisement

ޔައުޤޫބް ވިދާޅުވީ، މިފަދަ ދަތި ދަނޑިވަޅެއްކަމަށް ސަރުކާރުން ބުނާ ދަނޑިވަޅެއްގައި އަވަސް އަރުވާލައިގެން ޑްރޯން ގަތުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއް އޮތްތޯ ސުވާލު އުފެދޭ ކަމަށެވެ. އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނެނީތޯ ޔައުޤޫބު ސުވާލު ކުރެއްވިއެވެ.

އެއީ މިފަދަ ދަނޑިވަޅެއްގައި ކުރަން ރަނގަޅު ޚަރަދުތޯ، ރަނގަޅު ޑްރޯން ގަނެވިދާނެ، އެކަމަކު ޑްރޯން ގަންނަން އަދި ސަރުކާރަށް 5 އަހަރު އެއްކޮށް އެބަ އޮތްތާ.
ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބް އަބްދުﷲ

ޔައުޤޫބު އިތުރަށް ވިދާޅުވީ، އާމްދަނީއަށް ބަލާއިރު، ޑޮލަރުން ލިބޭ އާމްދަނީވެސް ކުރިއަށްވުރެ އިތުރު ކަމަށެވެ. އެހެންކަމުން ހަގީގަތުގައި ވެގެން މި އުޅޭ ގޮތަކީ ކުރިއަށްވުރެ ޚަރަދު އެތައް ގުނައެއް އިތުރުވުންކަން ޔައުޤޫބް ފާހަގަ ކުރެއްވިއެވެ.

އޭނާ ވަނީ އޭގެ މިސާލެއްގެ ގޮތުން ސަރުކާރުން ކުރާ އިސްރާފު ޚަރަދުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެެވެ.

އެކަންކަން މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ޑޮލަރުން ލިބޭ އާމްދަނީއާއި، ޓީޖީއެސްޓީވެސް އިތުރުވެފައިވާއިރު، ޑޮލަރު ނުލިބެންވީ ކީއްވެތޯ ސުވާލު ކުރައްވާފައިވެއެވެ.

މި ސަރުކާރުން އިޤްތިސާދު އަޑިއަޅާލާފައިވާކަމަށް ބުނާއިރު، ސަރުކާރުގެ ޚަރަދުތައް އެތައް ގުނައެއް ބޮޑުކަން ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.

އޭގެ އިތުރުން ޑްރޯން ގަތުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، ކަނޑުގެ ސަރަހައްދު ބެލުމަށް ތުރުކީ ވިލާތުން ރާއްޖެއިން ގަތް އަސްކަރީ ޑްރޯނަށް 39 މިލިއަން ޑޮލަރު ހަރަދުވިގޮތް ހާމަކުރުމަށް އެމްޑީޕީންވެސް ގޮވާލާފައިވެއެވެ. ޢަދި ރާއްޖެއިން ގަތް ޑްރޯން ކުވެއިތުން ވެސް ގަނެފައިވާއިރު، ކުވެއިތުން ގަތް ޑްރޯންގެ އަގު ހާމަކުރިކަންވެސް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީން ބުނީ، ޑްރޯނެއް ކުވައިތަށް ގަތް އަގަކީ ދެ މިލިއަން ޑޮލަރު ކަމަށާއި، ހަމަ އެއް ބްރޭންޑެއް، އެއް ފީޗާތަކެއްގެ ޑްރޯން، އެއް ކުންފުންޏަކުން، އެއް ގައުމަކުން ގަނެފައިވާ ކަމަށެވެ. އަދި ކުވައިތަށް ދެ މިލިއަން ޑޮލަރަށް ޑްރޯނެއް ގަތް އިރު، ދިވެހިރާއްޖެއަށް 39 މިލިއަން ޑޮލަރަށް ދެ ޑްރޯން ގަނެފައިވާ ކަމަށް ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް