އިޒްރޭލުން ހިފައިފައިވާ ފަލަސްތީނުގެ ބިން ތަކުގައި ތިބުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ބުނެފިއެވެ.
ހިފާފައިވާ ބިންތަކުން އިޒްރޭލުން ވީ އެންމެ އަވަހަކަށް ފޭބުމަށްވެސް އައިސީޖޭއިން ބުނެފައިވެއެވެ.
އިޒްރޭލުން ހިފާފައިވާ ފަލަސްތީންގެ ބިންތަކާ ބެހޭ ގޮތުން އައިސީޖީގެ ރައުޔު އިއްވީ ހުކުުރު ދުވަހު އެ ކޯޓުގެ ރައީސް ނަވާފް ސަލާމް އެވެ.
އައިސީޖޭގެ ބަޔާނުގައި ބުނެފައިވަނީ ފޯތު ޖެނީވާ ކޮންވެންޝަންގެ 49 ވަނަ މާއްދާ އާ އިޒްރޭލުން ޚިލާފް ވެފައިވާ ކަމަށެވެ. އެ މާއްދާގައި ބުނެފައިވަނީ ހިސާރުކުރި ކުރި ބާރުގެ ފަރާތުން އެ ތަނެއްގައި ތިބި ބަޔަކު އެތަނުން ނެރެ ބެރުކޮށްގެން ނުވާނެ ކަމަށާއި، އަދި ހިސޯރު ކޮށްފައިވާ ތަނަކަށް ހިސޯރުކުރި ބާރަށް ނިސްބަތްވާ އާންމުން އެތަނުގައި ވަޒަންވެރި ކުރުވައިގެން ވެސް ނުވާނެ ކަމަށެވެ.
ހުޅަނގު އައްސޭރިގަ އާއި އިރުމަތީ ޖެރުސަލަމްގައި ޔާހޫދީން ވަޒަންވެރި ކުރުވާފައިވަނީ ބައިނަލް އަގްވާމީ ގާނޫނާ ޚިލާފަށް ކަމަށް ކޯޓުގެ 15 ފަނޑިޔާރުންގެ ހޯދުންތަކުގެ މައްޗަށް އިއްވި ބަޔާނުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން އިޒްރޭލުގެ ސިޔާސަތުތަކާއި އަމަލުތައް ހުރީ ފަލަސްތީނުގެ ބޮޑު ސަރަހައްދެއް ވެރިކޮށްގެން އުޅޭ ގޮތައް ކަމަށާއި، ކޯޓަށް ފާހަގަ ކުރެވޭ ގޮތުގައި ހިފާފައިވާ ބިންތަކުގައި އުޅޭ ފަލަސްތީނުގެ ރައްޔިތުންނާ މެދު ނަސްލީ ތަފާތު ކުރުންތައް އިޒްރޭލުން ގެންގެޅެމުންދާ ކަމަށްވެސް ބަޔާނުގައި ވެއެވެ.
ދުނިޔޭގެ ކޯޓުގެ ގޮތުގައި މުޚާތަބް ކުރެވޭ އދ ގެ އެންމެ އިސް ކޯޓް، އައިސީޖޭ އިން މި ރައުޔު އިއްވީ 2022 ވަނަ އަހަރު ހިފައިފައިވާ ބިންތަކާ ބެހޭ ގޮތުން ކޯޓުގެ ރައުޔަކަށް އދ ގެ ޖެނެރަލް އެސެމްބްލީން އެދުމާ ގުޅިގެންނެވެ.
އިޒްރޭލުން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި ގާޒާ ސްޓްރިޕް އާއި އިރުމަތީ ޖެރުސަލަމް ހިފީ 1967 ވަނަ އަހަރުގެ ހަނގުރާމަ އަށް ފަހުގައެވެ. މިއީ ފަލަސްތީނުގެ ދައުލަތުގެ ތެރޭގައި ހިމެނެންޖެހޭ ބިންތައް ކަމުގައި ވީނަމަވެސް އިޒްރޭލުން ގެންދަނީ އެ ބިންތައް ހިފިފަހުން އެތަންތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވާ އަދި ވަޒަންވެރިން އިތުރު ކުރަމުންނެވެ.
އދ އިން ވެސް އަދި ދުނިޔޭގެ ގިނަ ގައުމުތަކުން ދެކެނީ އެ ބިންތަކަކީ އިޒްރޭލުން ހިފާފައިވާ ބިންތައް ކަމުގައެވެ.
އައިސީޖޭގެ ނިންމުމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ވަނީ މަރުހަބާ ކިޔާފައެވެ. އަދި ހިފާފައިވާ ބިންތަކުން އިޒްރޭލުން ފޭބުމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ގޮވާލާ ކަމަށްވެސް ބުނެފައިވެއެވެ.
އައިސީޖީގެ މި ނިންމުމަކީ ހަމައެކަނި ކޯޓުން މިކަމުގައި ދެކޭ ގޮތް ހާމަ ކުރުން ކަމަށް ވުމާއެކު މިއީ ގާނޫނީ ގޮތުން އަމަލު ކުރުން ލާޒިމް ނިންމުމެއް ނޫނެވެ.