ފާއިތުވެ ދިޔަ 10 ދުވަހުގެ ތެރޭގައި ގާޒާގެ 8 ސްކޫލަކަށް ޔަހޫދީ ސިފައިން ބޮން އަޅައިފިއެވެ.
އެންމެ ފަހުން ބޮން އަޅާފައިވަނީ ގާޒާ ސިޓީގެ ކައިރޯ ސްކޫލް ކަރިއަށެވެ. މި ހަމަލާގައި ފަލަސްތީނުގެ ނުވަ މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނެއެވެ.
ފާއިތުވި 24 ގަޑީއިރުގެ ތެރޭގައި ގާޒާގެ އެކި ސަރަހައްދުތަކަށް ދީފައިވާ ހަމަލާ ތަކުގައި މަދުވެގެން ފަލަސްތީނުގެ 81 މީހުން މަރުވެފައިވާ ކަމަށް ގާޒާގެ ސިއްހަތާ ބެހޭ އޮފިޝަލުން ބުނެފައިވެއެވެ.
އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގެ މަގުތަކަށް ވައިގެ މަގުން ލީފްލެޓް ތަކެއް އަޅަމުންދާ ކަމަށް ވަފާ ނިއުސް އޭޖެންސީން ވަނީ ބުނެފައެވެ. އޭގައި ބުނެފައިވަނީ އިޒްރޭލުން ހޯދަން ބޭނުން ވެގެން އިއުލާން ކޮށްފައިވާ ފަލަސްތީނުގެ ޒުވާނުން އަމިއްލަ އަށް އަމާން ނުދޭ ނަމަ މަރާލާނެ ކަމުގެ އިންޒާރު ދޭ ކަމަށެވެ.
ހަނގުރާމަ އަށް 264 ދުވަސް ވެފައިވާ އިރު އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފައިވަނީ ހަމާސްގެ އަސްކަރީ ވިންގް ގެ ވެރިންގެ ދެބައިކުޅަ އެއްބައި މަރާލާފައި ވާނެ ކަމަށެވެ.
އދ ގައި ހުންނަވާ ފަލަސްތީނުގެ ސަފީރު ރިޔާޒް މަންސޫރު ސެކިއުރިޓީ ކައުންސިލްގައި ގާޒާގައި އިޒްރޭލުން ހިންގަމުންދާ ލާ އިންސާނީ ހަނގުރާމައާ ބެހޭ ގޮތުން ބުދަ ދުވަހު ވަނީ ބަޔާނެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ ގާޒާ ގައި ހިންގަމުންދާ ގަތުލުއާންމަކީ ދުނިޔޭގެ ތާރީޚްގައި އެންމެ ބޮޑަށް ޑޮކިއުމެންޓް ކުރެވިފައިވާ ގަތުލުއާންމު ކަމުގައެވެ.
ގާޒާގެ ހަނގުރާމަ ހުއްޓާލުމަށް އދ ގެ ސެކިއުރިޓީ ކައުންސިލް އިން ފާސް ކުރިތާ ފަސް މަސް ވެފައިވާއިރު، އދ އަށް އެމެރިކާ އިން ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ސެކިއުރިޓީ ކައުންސިލަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ވިދާޅުވީ، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ކުރެވެމުންދާ މަޝްވަރާތަކަށް ކުރިއެރުން ލިބިފައިވާ ކަމުގައެވެ.
އެސޯސިއޭޓެޑް ޕްރެސް އޭޖެންސީ އިން ޚަބަރު ދޭ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާ އަށް އިޒްރޭލުގެ ވަފްދެއް މިސްރަށް ވަނީ އައިސްފައެވެ.
ގާޒާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި އޮކްޓޯބަރު 7 ގެ ފަހުން ފަލަސްތީނުން މަރުވި މީހުންގެ އަދަދު 38،794ށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ. ޒަޚަމްވި މީހުންގެ އަދަދު 89،364ށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.