ކ. މާލެ
|
17 ޖުލައި 2024 | ބުދަ 18:20
އިރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު ނާސިރު ކަންއާނީ
އިރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު ނާސިރު ކަންއާނީ
އޭއެފްޕީ
އީރާނުގެ މައްޗަށް ކުރާ ތުހުމަތު ދޮގުކުރުން
ޓްރަމްޕް އަކީ މުޖްރިމެއް ކަމަށް ދެކެން، އެހެން ނަމަވެސް އޭނާ އަވަހާރަކޮށްލަން އީރާނަކުން ނުރާވާ: އީރާން
އީރާނުން ޓްރަމްޕް އަވަހާރަ ކޮށްލުމަށް އެއްވެސް ރޭވުމެއް ނުރާވާ ކަމަށާއި، އެފަދަ ވިސްނުމެއްވެސް ނެތް ކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް އީރާނުގެ ނަޒަރުން ޓްރަމްޕް އަކީ މުޖްރިމެއް ކަމަށް ދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ރޭވި ކަމަށް ބުނެ ފަތުރާ ޚަބަރު އީރާނުން ހަރުކަށި އިބާރާތުން ދޮގުކޮށްފިއެވެ.

އެމެރިކާގެ މީޑިއާ އިން ފަތުރާފައި މި ޚަބަރު ގައި ބުނަނީ އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް އަވާހަރަކޮށްލަން އީރާނުން ރާވާފައިވާ ކަމުގެ ޖާސޫސީ މައުލޫމާތު މީހެއްގެ ފަރާތުން އެމެރިކާގެ ކަމާބެހޭ ފަރާތްތަކަށް ލިބިފައިވާ ކަމަށެވެ.

މި ތުހުމަތައް ރައްދު ދެމުން އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު ނާސިރު ކަންއާނީ ބުދަ ދުވަހު ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި، އެފަދަ ރޭވުމެއްވެސް އަދި އެފަދަ ވިސްނުމެއްވެސް އީރާނުން ނުގެންގުޅޭ ކަމަށެވެ. އެހެން ނަމަވެސް ޓްރަމްޕް އަކީ ކުށްވެރިއެއް ކަމަށް އީރާނުން ދެކޭ ކަމަށާއި، އީރާނުގެ އަސްކަރީ ކޮމާންޑަރު 2020 ވަނަ އަހަރު އަވަހާރަ ކޮށްލުމަށް އަމުރު ކުރެއްވީ ޓްރަމްޕް ކަމަށް ވުމާއެކު ގާނޫނީ އިމުގެ ތެރެއިން އެ މަރަށް އިންސާފު ހޯދުމަށް އީރާނުން މަސައްކަތް ކުރާނެ ކަމަށެވެ.

އީރާނުގެ މައްޗަށް ޓްރަމްޕް އަވާހަރާ ކޮށްލަން އުޅުނު ކަމުގެ ތުހުމަތު ކޮށް ޚަބަރުތައް ފެތުރުނީ، އެމެރިކާގެ ޕެންސެލްވީނިއާގެ ބަޓްލަރ ގައި ކެމްޕޭން ރެލީއެއްގައި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް ޓްރަމްޕަށް އެމެރިކާގެ ރައްޔިތަކު ބަޑިން ދިން ހަމަލާއެއްގައި ޓްރަމްޕްގެ ކަންފަތް ޒަޚަމްވި ހާދިސާ ހިނގުމާއެކުގައެވެ.

ސުލެއިމާނީ މަރާލާފައިވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސްގެ ގުދުސް ފޯސްގެ ސެކަންޑް އިން ކޮމާންޑްގެ މަގާމުގައި ހުއްޓާ ބަގްދާދް އިންޓަރނޭޝަނަލް އެއަރޕޯޓްގައި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ދިން އެމެރިކާގެ ޑްރޯން ހަމަލާ އެއްގައެވެ. މިހަމަލާ އަށް ހުއްދަ ދެއްވީ އޭރު އެމެރިކާގެ ރައީސް ކަމުގައި ހުންނެވި ޓްރަމްޕް ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އީރާނުން ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެ ފެތުރި ޚަބަރު ބުދަ ދުވަހު އދ ގައި ހުންނަ އީރާނުގެ ދާއިމީ މިޝަން އިން ވެސް ވަނީ ދޮގުކޮށް އަދި އެ ވާހަކަ ކުށްވެރި ކޮށްފައެވެ.

އެ މިޝަން އިން ނެރުނު ބަޔާނުގައި ވެސް ބުނެފައިވަނީ އީރާނުގެ ނަޒަރުން ޓްރަމްޕް އަކީ މުޖްރިމެއް ކަމަށާއި، އެހެން ކަމުން އޭނާގެ މައްޗަށް ޝަރީއަތް ހިންގާ ހައްގު އަދަބު ދޭން ޖެހޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް