ކ. މާލެ
|
16 ޖުލައި 2024 | އަންގާރަ 12:42
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އެޑާސަން
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އެޑާސަން
ރޮއިޓާރސް
އަލް ނަސްރު
އެޑާސަން ހޯދުމަށް އަލް ނަސްރުން މަސައްކަތް ކުރަނީ
އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވައި، ސިޓީ ދޫކޮށްލަން އެޑާސަން ބޭނުންވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ގޯލު ކީޕަރު އެޑާސަން ހޯދުމުގެ މަސައްކަތް ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުން ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 30 އަހަރުގެ އެޑާސަން ސިޓީ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. ބެންފީކާގައި ހުރުމަށްފަހު އެޑާސަން ސިޓީ އަށް ބަދަލުވީ، އޭރު އެންމެ އަގު ބޮޑު ގޯލް ކީޕަރުގެ ގޮތުގަ އެވެ. ސިޓީ އާއެކު އެންމެ ފަހުން އެޑާސަން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވައި، ސިޓީ ދޫކޮށްލަން އެޑާސަން ބޭނުންވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އަލް ނަސްރުން އަންނަނީ އެޑާސަން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެޑާސަން ހޯދުމަށް، އެ ކުލަބުން ސިޓީ އަށް ހުށަހަޅަނީ 30 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ. އެހެން ނަމަވެސް، އެ އަގުގައި އެޑާސަން ދޫކޮށްލަން ސިޓީން އެއްްބަސްވުމަކީ ދުރު ކަމެއް ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އޭގެ ބަދަލުގައި ސިޓީން ބޭނުން ވަނީ 50 މިލިއަން ޔޫރޯ ނުވަތަ އެއަށްވުރެ ބޮޑު އަގެއްގައި އެޑާސަން ދޫކޮށްލަން ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ސިޓީގައި މޮޅު ކުޅުމެއް ދައްކާފައިވާ އެޑާސަން، ސައުދީ ލީގުގެ ކުލަބަކަށް ބަދަލުވާން މިހާރު އެއްބަސްވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އަދި މިހާރު އެކަން ބިނާވެފައި އޮންނާނީ، ކުލަބުތަކުން ލިބޭ ހުށަހެޅުމަކަށް ކަމަށް ވެސް ބުނެފައިވެ އެވެ. އަލް ނަސްރުގެ އިތުރުން، ބައެއް އެހެން ކުލަބުތަކުން ވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެ އެވެ.

އެޑާސަން ވަނީ ސިޓީގައި ހޭދަކޮޮށްފައިވާ ހަތް ސީޒަންގެ ތެރޭގައި، 332 މެޗުގައި އެ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. ސިޓީ އާއެކު އެޑާސަން ވަނީ 17 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް