ކ. މާލެ
|
15 ޖުލައި 2024 | ހޯމަ 16:00
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް
ރައްޔިތުންގެ މަޖިލިސް
އެމްއެމްއޭގައި ފައިސާ ބަހައްޓަން ބާރު އެޅުން
އެމްއެމްއޭގައި ފައިސާ ބަހައްޓަން ބާރު އެޅީ ޑޮލަރުގެ ރޭޓް ހިފަހައްޓަން: ގަވަރުނަރު
ޕީބީއޭ އިން އޯވަރޑްރޯކުރުމަށް ޖާގަ ލިބުމާގުޅިގެން ބޭންކިންގ ނިޒާމުގައި ދައުރުވަމުންދާ ރުފިޔާ ލިކުއިޑިޓީ ވަނީ އިތުރުވެފައި
ސަރޕްލަސް ލިކުއިޑިޓީ 2019 ވަނަ އަހަރު އެވްރެޖްކޮށް 2.6 ބިލިއަން ރުފިޔާގައި ހުރިއިރު 2023 ވަނަ އަހަރު ނިމުނުއިރު މި އަދަދު ހުރީ 7.4 ބިލިއަން ރުފިޔާގައި
2023 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިއެރި މިންވަރު ވަނީ %4.0ށް މަޑުޖެހިފައި

މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ފައިސާ ބަހައްޓަން ބާރު އެޅީ ޑޮލަރުގެ ރޭޓް ހިފަހައްޓަން ކަމަށް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު އޮތް މާލިއްޔަތު ކޮމެޓީއަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަޑައިނުގަންނަވައެވެ. ނަމަވެސް ލިޔުމުން ވަނީ ޖަވާބު ދެއްވާފައެވެ. އެކަން އެންގި ސިޓީއާ އެކު ގަވަރުނަރަށް ކުރާ ތުހުމަތުތަކަށް އޭނާ ލިޔުމުން ފޮނުއްވެވި ޖަވާބުތައް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ.

ގަވަރުނަރު މިހެން ވިދާޅުވީ، ރާއްޖޭގައި ހިންގާ ބޭންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން އާއްމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮށް ހިފަހައްޓާ، ބޭންކުތަކުގެ ރިޒާވް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) ގައި ބެހެއްޓުމަށް ގަވަރުނަރު ބާރު އަޅުއްވާފައިވާ ކަމަށާއި، މިގޮތަށް އަމަލުކުރުމުން، އިގްތިސާދުގެ ތެރޭގައި ދައުރުވާންހުރި ފައިސާ މަދުވެ، އިގްތިސާދީ މަސައްކަތްތައް ހުއްޓި، ގައުމުގެ އިގްތިސާދުގެ ދުވެލި މަޑުޖެހިފައިވާކަމަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެންނެވެ.

ގަވަރުނަރު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އަށް ރައްޔިތުން މަޖިލީހުން ވަގުތީ ސަސްޕެންޝަން ގެނެސް، ޕަބްލިކް ބޭންކް އެކައުންޓުން (ޕީބީއޭ) ސަރުކާރުން އޯވަރޑްރޯކޮށް، އަދި އޯވަރޑްރޯ ކުރެވިފައިވާ އަދަދުތަށް ތިން ފަހަރު މަތިން (2022 ވަނަ އަހަރު ފެބުރުވަރީ މަހު އަދި 2023 ވަނަ އަހަރުގެ މާރިޗު އަދި ޑިސެންބަރު މަހު) ދިގު މުއްދަތުގެ އެމޯޓައިޒިންގ ބޮންޑުތަކަކަށް ބަދަލުކުރުމާއި ގުޅިގެން، ޕީބީއޭ އިން އޯވަރޑްރޯކުރުމަށް ޖާގަ ލިބުމާގުޅިގެން ބޭންކިންގ ނިޒާމުގައި ދައުރުވަމުންދާ ރުފިޔާ ލިކުއިޑިޓީ ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. މީގެ ސަބަބުން، ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓު ކަނޑައެޅިފައިވާ ބޭންޑް ކަމަށްވާ 10.28 ރުފިޔާ އާއި 15.42 ރުފިޔާ އާ ދެމެދު ހިފެހެއްޓުމަށް ވަނީ އިތުރު ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވުމުން ރާއްޖޭގެ ބާޒާރުގައި އަގުތައް އުފުލޭ މިންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި އެމްއެމްއޭއިން ބޭނުންކުރަމުންދަނީ އެކްސްޗޭންޖް ރޭޓަށް ބިނާކޮށް އެކުލަވާލާފައިވާ މަނިޓަރީ ސިޔާސަތުކަން ފާހަގަކުރައްވައި ގަވަރުނަރު ވިދާޅުވީ ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓު މެނޭޖްކުރުމަށް މި އޮތޯރިޓީން ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން އޮޕަރޭޝަންސް ހިންގުމުގެ އިތުރުން، ބޭންކިންގ ނިޒާމުގައި ދައުރުވާ ރުފިޔާ ސަރޕްލަސް ލިކުއިޑިޓީ ގަވާއިދުން މޮނިޓަރކޮށް މެނޭޖްކުރާ ކަމަށެވެ. އެގޮތުން، ކޮވިޑް-19 ގެ ހާލަތުގެ ކުރިންނާއި މިހާރާއި އަޅާ ބަލާއިރު، ސަރޕްލަސް ލިކުއިޑިޓީ 2019 ވަނަ އަހަރު އެވްރެޖްކޮށް 2.6 ބިލިއަން ރުފިޔާގައި ހުރިއިރު 2023 ވަނަ އަހަރު ނިމުނުއިރު މި އަދަދު ހުރީ 7.4 ބިލިއަން ރުފިޔާގައި ކަންފާހަގަކޮށްފައިވެއެވެ. އަދި މިއީ 2019 ވަނަ އަހަރާއި އަޅާބަލާއިރު، %184 (4.8 ބިލިއަން ރުފިޔާ) ގެ އިތުރުވުމެއް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ ބޭންކިންގ ނިޒާމުގައި ލިކުއިޑިޓީ  އިތުރުވެފައިވާތީ، މި އޮތޯރިޓީގެ މައިގަނޑު މަގުސަދު ކަމުގައިވާ ޕްރައިސް ސްޓެބިލިޓީ ހިފެހެއްޓުމަށް، ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް މިހާލަތުގައި ގެންގުޅެންޖެހޭނީ ހިފެހެއްޓިފައިވާ މަނިޓަރީ ސިޔާސަތެއް ކަމަށެވެ. ހިފެހެއްޓިފައިވާ މަނިޓަރީ ސިޔާސަތެއްގެ ދަށުން ބޭންކިންގ ނިޒާމުގައި އިތުރުވެފައިވާ ރުފިޔާ ސަރޕްލަސް ލިކުއިޑިޓީ ނެގުމަށް (މޮޕް-އަޕް ކުރުމަށް) މިއޮތޯރިޓީއިން ބޭނުންކުރެވޭނެ އިންސްޓްރޫމަންޓް ތަކަކީ އޯޕަން މާކެޓް އޮޕަރޭޝަންސް (އޯމޯ) އާއި، އެމްއެމްއޭގެ ސްޓޭންޑިންގ ފެސިލިޓީޒްކަމުގައިވާ އޯވަނައިޓް ޑިޕޮސިޓް ފެސިލިޓީއާއި އޯވަނައިޓް ލޮމްބާޑް ފެސިލިޓީ، އަދި މިނިމަމް ރިޒާރވް ރިކުއަޔަމަންޓް (އެމްއާރުއާރު) އެވެ. 2014 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށް ގޮންޖެހުންތަކެއް ހުރުމުގެ ސަބަބުން އޯމޯ ހިންގުން ހުއްޓުވާލެވިފައިވާ ކަމަށާއި، މިހާރު ބޭނުންކުރަނީ އެމްއާރުއާރު އާއި ސްޓޭންޑިންގ ފެސިލިޓީޒް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން 23 އެޕްރީލް 2020 ގައި ރުފިޔާ އެމްއާރުއާރު %7.5 އަށް ދަށްކޮށް ދެމެހެއްޓުމަށްފަހު އިގްތިސާދީ ހާލަތު ރަނގަޅުވުމާއި ގުޅިގެން، 03 ޖޫން 2021 ގައި އަނބުރާ %10 އަށް މަތިކުރެވުނު ކަމަށާއި، ޕީބީއޭއިން އޯވަރޑްރޯ ކުރުމާއި ގުޅިގެން، ބޭންކިންގ ނިޒާމުގައި ރުފިޔާ ލިކުއިޑިޓީއިތުރުވެފައި ހުރި މިންވަރަށް ރިއާޔަތްކޮށް، ފެބުރުވަރީ 2024 ގައި އެމްއާރުއާރު %12.5 އަށް މަތިކޮށް، އަދި ޖޫން 2024 ގައި %15 އަށް މަތިކުރުމަށް މި އޮތޯރިޓީން 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ނިންމާފައިވާ ކަމަށެވެ. 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތަފާސް ހިސާބުތަކަށް ބިނާކޮށް ބަލާއިރު، އެމްއާރުއާރު %12.5ށް މަތި ކުރުމުން، ބޭންކިންގ ނިޒާމުގައި ދައުރުވަމުންދާ ލިކުއިޑިޓީގެ ތެރެއިން މަދުވާނީ 747.0 މިލިއަން ރުފިޔާއެވެ. މިއީ ބޭންކިންގ ނިޒާމުގައި ދައުރުވާ ރުފިޔާ ސަރޕްލަސް ލިކުއިޑިޓީގެ %10 ކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ. މިއީ ވިޔަފާރި ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯނުތަކަށް (ޕްރައިވެޓް ސެކްޓަރ ކްރެޑިޓަށް) ބޮޑު ނޭދެވޭ އަސަރެއް ކޮށްފާނެ އަދަދެއް ކަމަކަށް އެމްއެމްއޭއިން ނުދެކޭ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ނަމަވެސް، އެމްއާރުއާރު މަތިކުރުމުން ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށް ދަތިތަކާ ކުރިމަތިވާނެކަން މިނިސްޓްރީ އޮފް ފިނޭންސްއިން ފާހަގަކޮށްފައިވާތީ ފިސްކަލް ރިފޯރމްސް ގެނައުމަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައި، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ކުރިން އެމްއާރުއާރު މަތިކުރުމުން، ވިޔަފާރި ބޭންކުތަކުން ސަރުކާރުގެ ޓްރެޜަރީ ސެކިއުރިޓީސްގައި އިންވެސްޓްކުރެވެން ހުރި މިންވަރު ދަށްވެ، ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމުގެ ހިރާސް އޮތުމުން، މިނިސްޓްރީ އޮފް ފިނޭންސްގެ އެދުމުގެ މަތިން ދިވެހި ރުފިޔާގެ އެމްއާރުއާރު %12.5 އަށް މަތިކުރުން ޖުލައި 2024 އަށް ފަސްކޮށް، %15 އަށް މަތިކުރުން ޖަނަވަރީ 2025 އަށް ފަސްކުރުމަށް، އެމްއެމްއޭއިން ނިންމާފައިވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ނަމަވެސް، ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށް އަދިވެސް ހުރި ގޮންޖެހުންތަކަށް ރިއާޔަތްކޮށް، މިނިސްޓްރީ އޮފް ފިނޭންސްގެ އެދުމުގެ މަތިން، ޖުލައި 2024 ގައި އެމްއާރުއާރު މަތިކުރުމަށް ނިންމަވާފައިވާ ނިންމުން، ވަކި މުއްދަތެއް ކަނޑަނާޅާ ފާސްކޮށްފައިވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ ދިވެހި ރުފިޔާގެ އެމްއާރުއާރު %12.5 އަށް މަތިކޮށްފިނަމަ ބޭންކިންގ ނިޒާމުގައި ދައުރުވާ ރުފިޔާ ލިކުއިޑިޓީ މޮޕް-އަޕް ކުރެވޭނީ ޖުމުލަ ރުފިޔާ ލިކުއިޑިޓީގެ ނިސްބަތުން ކުޑަ އަދަދެއް ކަމުން، މިކަމާއި ގުޅިގެން ވިޔަފާރި ބޭންކުތަކުން ދޫކުރާ ލޯނުގެ މިންވަރަށް ބޮޑު އަސަރެއް ކުރާނެކަމަކަށް ނުބެލެވޭ ކަމަށެވެ. މީގެ އިތުރުން، ވިޔަފާރި ބޭންކުތަކުން އެ ބޭންކެއްގެ އެސެޓް ޕޯޓްފޯލިއޯ (މިސާލަކަށް ލޯނު ދިނުމާއި ސަރުކާރުގެ ސެކިއުރިޓީޒްގައި އިންވެސްޓްކުރުން ހިމެނޭގޮތަށް) ބިނާކުރަނީ އެމްއޭއިން ކަނޑައަޅާ އުސޫލުތަކެއްގެ މައްޗަށް ނޫންކަން ވަނީ ފާހަގަކޮށްފައެވެ. އަދި ބޭންކުތަކުން އެސެޓް ޕޯޓްފޯލިއޯ ބިނާކުރަނީ އެ ބޭންކަކުން އަމިއްލައަށް ކަނޑައަޅާ އިންޓަރނަލް އެކްސްޕޯޝަރ ލިމިޓްތަކެއްގެ މައްޗަށް ކަމަށާއި، އެހެންކަމުން، ބޭންކިންގ ނިޒާމުގައި ރުފިޔާ ލިކުއިޑިޓީ ބޮޑުތަނުން އިތުރު ވީނަމަވެސް، ބޭންކުތަކުން އެކި ކަހަލަ އެސެޓްތައް މެނޭޖްކުރާއިރު، އެ ބޭންކެއްގެ އިންޓަރނަލް މިންގަނޑުތަކުގެ ތެރޭގައި ހިފަހައްޓާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މީގެ އިތުރުން ގަވަރުނަރު ވިދާޅުވީ ރާއްޖޭގައި ހިންގާ ވިޔަފާރި ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ ޖުމުލަ އައުޓްސްޓޭންޑިންގ އަދަދު (ރުފިޔާ އަދި ބޭރު ފައިސާގެ ލޯނު ހިމަނައިގެން) ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު، އެންމެ މައްޗަށް ގޮސްފައި ވަނީ 2024 ވަނަ އަހަރުގެ މޭ މަހުގައި ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު ނިމުނުއިރު މި އަދަދު 24.5 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ އަހަރުން އަހަރަށް ބަލާއިރު %7 ގެ އިތުރުވުމެއް ކަމަށެވެ. 2023 ވަނަ އަހަރު ނިމުނު އިރު މިއަދަދު ހުރީ 31.7 ބިލިއަން ރުފިޔާގައެވެ. އަދި މިއަހަރުގެ މޭ މަހުގެ ނިޔަލަށް ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ އައުޓްސްޓޭންޑިންގ އަދަދު ހުރީ 32.7 ބިލިއަން ރުފިޔާގައެވެ. މިއީ 2023 ވަނަ އަހަރުގެ މޭ މަހާއި އަޅާބަލާއިރު %10 ގެ އިތުރުވުމެކެވެ. މި މުއްދަތު ތެރޭގައި ލޯނު ދޫކުރެވިފައިވާ އަދަދު އިތުރުވެފައި ވަނީ މައިގަނޑު ގޮތެއްގައި ދިވެހި ރުފިޔާއިން ދޫކޮށްފައިވާ ލޯނު  އިތުރުވެގެންކަން ގަވަރުނަރު ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، ރާއްޖޭގައި ހިންގާ ވިޔަފާރި ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރާ މިންވަރު އަހަރުން އަހަރަށް މަތިވަމުންދާ ކަމަށާއި، މިއީ އުފެއްދުންތެރިކަމަށް އަދި އިގްތިސާދީ ކުރިއެރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ އާލަމީ ވަބާ އާއެކު ރާއްޖޭގެ އުފެއްދުންތެރިކަމަށް އައިސްފައިވާ ބަދަލުތަކަށް އިޝާރާތް ކުރައްވައި ގަވަރުނަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ދުވެލި މަޑުޖެހި، ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) 2020 ވަނަ އަހަރު %32.9- އަށް ދަށްވި ކަމަށެވެ. ނަމަވެސް 2020 ވަނަ އަހަރު ޖުލައި މަހު ރާއްޖޭގެ ބޯރޑަރު ހުޅުވުމާއެކު، ފަތުރުވެރިކަމުގެ ސިނާއަތް ހަލުވި މިނެއްގައި ކުރިއަރާ، 2021 ވަނަ އަހަރު ނިމުނުއިރު އުފެއްދުންތެރިކަން ހުރީ %37.7 ގައެވެ. 2020 ވަނަ އަހަރު އިގްތިސާދަށް އައި ލޮޅުމަށްފަހު، 2021 އަދި 2022 ވަނަ އަހަރަކީ އިގްތިސާދީ ރިކަވަރީގެ ދެ އަހަރަށްވީއިރު، 2022 ވަނަ އަހަރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު %13.9ށް މަޑުޖެހިލި ކަމުގައި ވީނަމަވެސް، ޖީޑީޕީ ހުރީ 92,678.85 މިލިއަން ރުފިޔާގައެވެ. މިއީ ކޮވިޑް-19 ގެ ކުރިން 2019 ވަނަ އަހަރު ޖީޑީޕީ ހުރި މިންވަރަށްވުރެ ވެސް އިތުރު އަދަދެއްކަން ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ.

ގަވަރުނަރު ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިއެރި މިންވަރު ވަނީ %4.0ށް މަޑުޖެހިފައިވާ ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ އުފެއްދުންތެރިކަން އެ އަހަރު ދަށަށް ދިޔުމެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގެ އުފެއްދުންތެރިކަމުގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިން ރިސޯޓުގައި ހޭދަ ކުރާ ރޭގެ އަދަދަށްކަމަށް ވާއިރު (ރިސޯޓް ބެޑްނައިޓްސް)، 2023 ވަނަ އަހަރުގެ ދެ ވަނަ ކުއާޓަރުން ފެށިގެން ރިސޯޓް ބެޑްނައިޓްސް ވަނީ ދަށަށް ގޮސްފައެވެ. އަދި 2023 ވަނަ އަހަރު ނިމުނު އިރު މި ސެކްޓަރ ވަނީ %2ން ދަށަށް ގޮސްފައެވެ. އަދި އުފެއްދުންތެރިކަމަށް 2023 ވަނަ އަހަރު އައި މަޑުޖެހުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިން ރިސޯޓުގައި ހޭދަ ކުރާ ރޭގެ އަދަދު ދަށްވުމެވެ. އަދި 2023 ވަނަ އަހަރުގައި ވިޔަފާރި ބޭންކުތަކުން ފަތުރުވެރިކަމުގެ ސިނާއަތަށް ދޫކޮށްފައިވާ ލޯނުގެ އައުޓްސްޓޭންޑިންގ އަދަދު ވަނީ އަހަރުން އަހަރަށް ބަލާއިރު %6ން އިތުރުވެފައިކަން ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ. ދައުލަތުގެ ފިސްކަލް ސްޓްރެޓަޖީއަށް ކުރެވުނު އަންދާޒާތަކަށް ބަލާއިރު، 2024 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ބެލެވެނީ %4.9ންނެވެ. އަދި މެދުރާސްތާގައި (2025 އިން 2027) އުފެއްދުންތެރިކަން ކުރިއަރާނެކަމަށް ލަފާކުރެވެނީ އެވަރެޖްކޮށް ގާތްގަނޑަކަށް %6.0ންނެވެ. އަދި ކޮވިޑް-19 ގެ ކުރިންވެސް އެވްރެޖްކޮށް ރާއްޖޭގެ އުފެއްދުންތެރިކަން އުޅެނީ ގާތްގަނޑަކަށް %6.6 ގައި ކަން ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ.

ގަވަރުނަރު ވިދާޅުވީ މި އޮތޯރިޓީގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށާއި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް އާންމު ފަރުދުންގެ އެކި ބޭނުންތަކަށާއި އަމިއްލަ ވިޔަފާރިތަކުގެ ބޭރު ފައިސާ ބޭނުންތަކަށް ދައުލަތުގެ ރަސްމީ ރިޒަރވުން ބޮޑު ހޭދައެއް ކުރާ ކަމަށެވެ. އަދި ރުފިޔާ ސަރޕްލަސް ލިކުއިޑިޓީ މާނަ ކުރަނީ ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަން ކަނޑައަޅާފައިވާ ރުފިޔާ އެމްއާރުއާރުގެ އިތުރުން ޖަމާކޮށްފައިވާ ބެލެންސް ނުވަތަ އެކްސެސްކޮށް ހުންނަ ރުފިޔާ ރިޒަރވްސް އާއި އެމްއެމްއޭގެ އޯވަނައިޓް ޑިޕޮސިޓް ފެސިލިޓީގައި އިންވެސްޓް ކޮށްފައިވާ އަދަދަށެވެ. މި އަދަދުތަކަކީ، ބޭންކުތަކުން ލޯނު ދޫކުރުމާއި ސަރުކާރުގެ ސެކިއުރިޓީސްގައި އިންވެސްޓްކުރުމަށާއި އެހެނިހެން އިންވެސްޓްމަންޓް ތަކަށް ބޭނުންކުރެވޭނެ އަދަދުތަކެއް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ރާއްޖެ އަކީ އިމްޕޯޓަށް ބަރޯސާ ވެފައިވާ ގައުމަކަށްވެފައި، ބޭންކިންގ ނިޒާމުގައި ދައުރުވާ ރުފިޔާގެ އަދަދު އިތުރުވުމުން، އެ ރުފިޔާ ބޭނުންކޮށްގެން ޑޮލަރަށް ކުރާ ޑިމާންޑް އިތުރުވެ، ނުސީދާ ގޮތަކަށް ރާއްޖޭގެ އިންފްލޭޝަނަށް އަސަރުކުރާ ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް