ކ. މާލެ
|
15 ޖުލައި 2024 | ހޯމަ 01:59
މެޗުގައި ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓަސް
ޔޫރޯ 2024
އިންގްލެންޑު ބަލިކޮށް، ހަތަރު ވަނަ ފަހަރަށް ސްޕެއިނުން ޔޫރޯ ކާމިޔާބު ކޮށްފި
ހަތަރު ވަނަ ފަހަރަށް ސްޕެއިން އިން މުބާރާތް ކާމިޔާބު ކުރީ ސައްތައިން ސައްތަ ރެކޯޑާ އެކު އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ސްޕެއިން އިން ހަތަރު ވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ދަންވަރު ޖަރުމަނުގެ ބާލިންގައި ހުންނަ އޮލިމްޕިއަސްޓޭޑަމްގައި ކުޅުނު މެޗު ސްޕެއިން ކާމިޔާބު ކުރީ 2-1ންނެވެ.

ސްޕެއިން މުބާރާތުގެ ފައިނަލާ ހަމައަށް އައީ ގްރޫޕް ސްޓޭޖުގެ އިތުރުން، ގަދަ 16 ވަނަ ބުރު، ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލް މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. އިންގްލެންޑު ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗަކުން އެއްވަރުވެފަ އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، ސްޕެއިން އިން ވަނީ ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކޮށްފަ އެވެ. އިންގްލެންޑުން ވަނީ ލިބެމުން ދިޔަ ފުރުސަތު ތަކުގައި ސްޕެއިންގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑަށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބުނީ ފިލް ފޮޑެން އަށެވެ. ސްޕެއިންގެ އޭރިޔާ ތެރެއިން ހުރަަސްވި ބޯޅަ ފޮޑެން ފޮނުވާލި ނަމަވެސް، ސްޕެއިންގެ ގޯލު ކީޕަރު އުނާއި ސިމޮން ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

ދެ ވަނަ ހާފަށް ސްޕެއިން ނިކުތީ ބަދަލަކާ އެކު އެވެ. ރޮޑްރީގެ ބަދަލުގައި ސްޕެއިން އިން ކުޅެން ނިކުމެފައި ވަނީ މާޓިން ޒުބިމެންޑީ އެވެ. ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ސްޕެއިން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ލަމީން ޔަމާލް ޖައްސާލި ބޯޅައެއް، ތިރި ތިރިން ގޯލުގެ ކަނަށް ފޮނުވާލައިގެން ސްޕެއިން އަށް ލީޑު ނަގައިދިނީ ނިކޯ ވިލިއަމްސް އެވެ.

މެޗުގެ 60 ވަނަ މިނެޓުގައި އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ވަނީ ބަދަލުކޮށްފަ އެވެ. ކޭންގެ ބަދަލުގައި ކޯޗު ގަރެތު ސައުުތުގޭޓް ކުޅެން އެރުވީ އޮލީ ވަޓްކިންސް އެވެ. އޭގެ ފަހުން އިންގްލެންޑުން ވަނީ ކޮބީ މައިނޫގެ ބަދަލުގައި ކޯލް ޕާމާ ވެސް ކުޅެން އަރުވައިފަ އެވެ. ބަދަލަށް ކުޅެން އަރައި ޕާމާ ވަނީ އިންގްލެންޑަށް ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ޖޫޑް ބެލިންހަމް ޖައްސާލި ބޯޅައެއް، އޭރިޔާ ބޭރު ހުރެ ޕާމާ ވަނީ ތިރި ތިރިން ގޯލަށް ވައްދާލައިފަ އެވެ.

އިންގްލެންޑުން ނަތީޖާ ހަމަހަމަ ކޮށްފައި ވަނިކޮށް، ސްޕެއިން އިން ވަނީ 85 ވަނަ މިނެޓުގައި ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. މާކް ކުކުރެލާ ތަނަވަސްކޮށްދިން ބޯޅައެއް އެއް ފަހަރުން ގޯލަށް ވައްދާލައިގެން ސްޕެއިން އަށް ލީޑު ނަގައިދިނީ މިކޭލް އޮޔާޒަބަލް އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

ހަތަރު ވަނަ ފަހަރަށް ސްޕެއިން އިން މުބާރާތް ކާމިޔާބު ކުރީ ސައްތައިން ސައްތަ ރެކޯޑާ އެކު އެވެ. ސްޕެއިން އަކީ ޔޫރޯގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ޓީމެވެ. މިއީ އިންގްލެންޑުން މުބާރާތުގެ ފައިނަލްގައި ޖެހި ޖެހިގެން ބަލިވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2021 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް މުބާރާތުގެ ފައިނަލްގައި ވެސް އިންގްލެންޑު ވަނީ ބަލިވެފަ އެވެ.

- ކޮމެންޓް