އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަޑިން ހަމަލާ ދިނީ އުމުރުން 20 އަހަރުގެ ތޯމަސް މެތިއު ކްރޫކްސް ކަމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ހާމަ ކޮށްފިއެވެ.
އެފްބީއައި އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމީހާއަކީ އެމެރިކާގެ ޕެންސިލްވީނިއާގެ މީހެއް ކަމަށެވެ.
އެމެރިކާގެ ކުރީގެ ރައީސަށް ހަމަލާ ދިނީ ކެމްޕޭން ރެލީއެއްގައި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް ހޮނިހިރު ދުވަހުގެ ހަވީރުއެވެ.
މި ހަމަލާ އަކީ ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއެއްގެ ގޮތުގައި ދެކޭ ކަމަށާއި ތަހުގީގު ކުރިއަށް ދާ ކަމަށްވެސް އެފްބީއައިގެ ބަޔާނުގައި ބުނެފައިވެއެވެ.
ޓްރަމްޕަށް ބަޑިން ހަމަލާ ދިން މިހާގެ ގަޔަށް އެތަނުގައި ތިބި ސީކްރެޓް ސާވިސް އޮފިސަރުން ވަގުތުން ބަޑި ޖަހާ ވަނީ މަރާލާފައެވެ.
މި ހަމަލާގައި އިތުރު މީހަކު މަރުވި ކަމަށާއި ދެ މީހަކު ވަރަށް ބޮޑަށް ޒަޚަމްވި ކަމަށް އޮފިޝަލުން ހާމަ ކޮށްފައިވެއެވެ.
ޓްރަމްޕަށް ހަމަލާ ދިން މީހާ ބޭނުން ކޮށްފައިވަނީ ރައިފަލެއް ކަމަށާއި، އޭނާ ބަޑި ޖެހީ ރެލީ އޮތް ސަރަހައްދާ ދެތިން ސަތޭކަ މީޓަރު ދުރުގައި ހުރި އިމާރާތެއްގެ ފުރާޅު މަތިން ކަމަށް އޮފިޝަލުން ހާމަ ކޮށްފައިވެއެވެ.
އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި ބަޑި ޖެހި މީހާ އައިޑެންޓިޓީ ކާޑު ގެންގުޅެފައި ނުވުމާއެކު އޭނާ އަކީ ކާކު ކަން ދެނެގަނެފައިވަނީ ޑީއެންއޭ ޓެސްޓް ތަކުން ކަމަށެވެ.
މަންޒަރު ދުށް މީހަކު ބީބީސީ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ބަޑި ޖަހާފައިވަނީ ޓްރަމްޕް ހުންނެވި ސްޓޭޖްގެ ކަނާތްފަރާތުގައި ހުރި އެއްބުރީގެ އިމާރަތުގެ މަތިން ކަމަށެވެ.
މަންޒަރު ދުށް އެހެން މީހަކު ބުނި ގޮތުގައި ޓްރަމްޕް ވާހަކަފުޅު ދައްކަވަން ފެށި ހިސާބުން ޝައްކު ކުރެވޭ ގޮތަކަށް މީހަކު ފުރާޅު މަތީގައި އުޅޭތަން ފެނިގެން ފުލުހުންގެ ސަމާލު ކަމަށް އޭނާ އެކަން ގެނައި ކަމަށެވެ.