ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކޮޅަށް ތިބެވޭވަރުކޮށް ތަރައްގީ މިގައުމަށް ގެނެސްދީފައިވަނީ އެމްޑީޕީގެ މެންބަރުން ކުރި ބުރަ މަސައްކަތުން ކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
''ކުރީ ސަރުކާރު ކުރީ ސަރުކާރުގެ'' ނަމުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މޭޔަރު އާޒިމް ވިދާޅުވީ ގައުމަށް ލިބުނު ހުރިހާ ތަރައްގީއެއް ލިބިފައިވަނީ އެމްޑީޕީގެ މެންބަރުން ކުރި މަސައްކަތުން ކަމަށެވެ. ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް އެމްޑީޕީގެ މެންބަރުން ބުރަ މަސައްކަތްތައްކޮށް ދަލާއި ލޭ އޮހޮރާފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވީ މިއަދު މުސްކުޅި މައިންބަފައިންނަަށް ލިބޭ 5000 ރުފިޔާ، އެކަނިވެރި މައިންނަށް ދޭ އެލަވަންްސް، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވަންސް، ކިޔަވާ ކުދިންނަށް ހިލޭ ފޮތްފަންސޫރު ހިލޭ ލިބޭ ގޮތް ހެދީ އެމްޑީޕީގެ މެންބަރުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ އާރްޓީއެލްގެ ޚިދުމަތަކީ ވެސް އެމްޑީޕީގެ ކާމިޔާބު ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. ކުރީ ސަރުކާރުގައި ކުރި މަސައްކަތުން މިއަދު ބާރު ސްޕީޑްގައި ދުއްވޭ ލޯންޗުތަކާއި، ތަމްރީނުވެފައިތިބި މުވައްޒަފުން ތިބިކަން އާޒިމް ފާހަގަކުރެއްވިއެވެ. އާޒިމް ވިދާޅުވީ މިއަދު ރައްޔިތުންނަށް ފަސޭހަ ދަތުރުފަތުރު ނިޒާމެއް ލިބިފައިވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓް ތަރައްގީ ކުރުމަށް މަސައްކަތް ކުރުން ފިޔަވައި އިތުރު މަސައްކަތެއް މިއަދުގެ ސަރުކާރަށް ކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިއަދު މިރާއްޖޭގެ ކޮންމެ ރަށަކަށް ދިޔަ ނަމަވެސް އެރަށަކުން ފެންނަނީ ރަންރީދޫ ލަޝްކަރުގެ ތަރައްގީގެ މަސައްކަތް ކަމަށެވެ. އެގޮތުން ގިނަ ރަށްރަށުގެ ބަނދަރު ތަރައްގީކޮށް ބަނދަރުގައި ޓަމިނަލްތައް ޒަމާނާ އެއްގޮތަށް ތަރައްގީކޮށްފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ.
މިއަދުވެސް އެންމެ ބާރަށް ހަތް މަސް ތެރޭގައި އެމީހުންނަށް ދެއްކުނު ވާހަކައަކީ އާރްޓީއެލްއަށް އަރައިގެން ދުއްވާލަން ލިބޭ ވާހަކަ. އެއީ އަޅުގަނޑުމެންގެ މަސައްކަތެއް. އެއިން އެއްވެސް މީހެއްގެ މަސައްކަތެއް ނޫން. އެއީ އެމްޑީޕީގެ މަސައްކަތެއް. މިއަދު އެމީހުންނަށް ދައްކަން އޮތީ ކުރީ ސަރުކާރުގެ ރަނގަޅު ވާހަކަ. އެ ނޫން އެއްވެސް ވާހަކައެއް ނުދެއްކޭނެ. އެމްޑީޕީގެ ސަރުކާރުގައި އަޅުގަނޑުމެން ކުރި މަސައްކަތެއް ވިއްޔާ ހުންނާނީ ވަރަށް ރަނގަޅަށް. ވަރަށް ހެޔޮ ހިތުން. އެމަސައްކަތް ކޮށްފައި އޮތް ގޮތުން އިތުރަށް ތަރައްގީކޮށް ކުރިއަރުވަންޖެހޭނީ. އަޅުގަނޑުމެން ހުންނާނީ ފައުންޑޭޝަން ވަރަށް ވަރުގަދައަށް އަޅާފައި.މާލެ ސިޓީ މޭޔަރު އާދަމް އާޒިމް
މާލޭގެ ރައްޔިތުންނަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ އެންމެ އަވަހަށް ބާއްވާ މާލޭގެ ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ މެންބަރުންނަށް ވޯޓު ދޭންޖެހޭ ކަމަށެވެ. މަސައްކަތްތައް އަވަސްކޮށް، ރައްޔިތުން އެދޭ ފަދަ ތަރައްގީ ގެނައުމަށް އެމްޑީޕީގެ މެންބަރުން އިންތިޚާބު ކުރަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ވެސް ކަށަވަރުކޮށްދީފައިވަނީ އެމްޑީޕީން ކަމަށެވެ. އެމްޑީޕީ ހިއްކާ ސަރުކާރާ ހަވާލުކޮށްފައިވާ ބިމަކުން މިއަދުގެ ސަރުކާރަށް ރައްޔިތުންނަށް ދޫކުރަންޖެހޭ ގޯތިތައް ވެސް ދޫކުރެވިފައިނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.