ކ. މާލެ
|
10 ޖުލައި 2024 | ބުދަ 14:29
މޭރީ ގްރޭސްގެ މަރުގެ މައްސަލަ
މޭރީ ގްރޭސްގެ މަރުގެ މައްސަލަ
ރާއްޖެއެމްވީ
މޭރީ ގްރޭސްގެ މަރު
މޭރީގެ މަރު: އިތުރު ހެކިންތަކެއްގެ ހެކިބަސް ނަގައިފި، ލަމްހާގެ ދައްތަވެސް ހިމެނޭ
ހާދިސާ ހިނގިއިރު އައިޖީއެމްްއެޗް އީއާރްގެ ގްރީން ޒޯންގައި މަސައްކަތް ކުރަމުންދިޔަ ފަރާތެއްވެސް ހެކިބަސް ދިން
ފުރަތަމަ ހެކިބަސް ދީފައިވަނީ މި ޙާދިސާ ހިނގިއިރު އައިޖީއެމްއެޗްގެ އީއައިޓީ ޑިޕާޓްމަންޓުގައި މަސައްކަތް ކުރި މުވައްޒަފެއް

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ވަރގަސް އާއި ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ފުރަތަމަ ހެކިބަސް ދީފައިވަނީ މި ޙާދިސާ ހިނގިއިރު އައިޖީއެމްއެޗްގެ އީއައިޓީ ޑިޕާޓްމަންޓުގައި މަސައްކަތް ކުރި މުވައްޒަފެކެވެ. އޭނާ ބުނީ، މާވިންއަކީ އޭނާއާ އެއްކޮށް އައިޖީއެމްއެޗްގެ އީއާރްގައި މަސައްކަތް ކުރި ނަރުހެއް ކަމަށެވެ.

މި މައްސަލައިގެ ތަހުގީގަށް ބަޔާން ދިން އިރު އޭނާ ވަނީ ފޯނުގައި ހުރި ސްކްރީން ޝޮޓްތަކެއް ފުލުހުންނާ ހިއްސާކޮށްފައެވެ. އެއީ އޭނާގެ ފޯނަށް މާވިންގެ ފޭސްބުކް މެސެންޖަރ އިން ފޮނުވާފައިވާ ސްކްރީން ޝޮޓްތަކެކެވެ.

އެ ސްކްރީންޝޮޓްތަކުގައި ހުރީ މާވިންއާއި އެހެން ކުއްޖަކާ (ދިވެއްސެއް ނޫން) ދައްކާފައިވާކަމަށް ބެލެވޭ ވާހަކަތަކެއްކަމަށް އޭނާ ބުންޏެވެ. އޭގައި ހުރީ މާވިންގެ އަންހެނުން މޭރީއަށް މާވިންއާ އެހެން ކުއްޖަކާމެދު އޮތް ގުޅުމެއްގެ ވާހަަކަ އެނގިދާނެތީ އެކަމާ ގުޅިގެން ދައްކާފައިވާ ވާހަކަތަކެއްކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނި ގޮތުގައި ފަހުން މާވިން ވަނީ ސްކްރީންޝޮޓްތައް ޑިލިޓް ކުރުމަށް ހެކިވެރިޔާ ގާތުގައި އެދިފައެވެ. މިހާރުވެސް އެ ސްކްރީންޝޮޓްތައް ފޯނުގައި ހުންނާނެކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

މި މައްސަލައިގެ ތަހުގީގަށް ދިން ބަޔާނުގައި އޭނާ ވަނީ އޭނާ ހެކިބަސް ދޭން ޖެހިއްޖެ ޙާލަތެއްގައި ހެކިބަސް ދޭން ބޭނުންވަނީ ސިއްރުންކަން ފާހަގަކޮށް، އޭނާ ހެކިބަސް ދޭކަން މައްސަލައިގައި ހިމެނޭ މީހުންނަށް އެނގެން ބޭނުން ނުވާކަމަށް ބުނެފައެވެ.

އެކަމާ ގުޅިގެން ދިފާއުން ސުވާލު ކުރުމުން އޭނާ ބުނީ، ހެކިބަސް ދޭން ދައުލަތުން އެދުމުން އޭނާ އެކަމާ އެއްބަސްވިއިރު، އޭރު ދެވިފައިވާ ބަޔާނުގައި އެހެން ބުނެވިފައި އޮތްކަން ހަނދާނުގައި ނެތް ކަމަށެވެ. ނަމަވެސް މިހާރު ބަޔާން ދެނީ އެއްވެސް ނުފޫޒެއް ނެތި އޭނާގެ އަމިއްލަ އިހުތިޔާރުގައިކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

ދެން ހާޒިރުކުރި ހެކިވެރިޔާ އަކީ ހާދިސާ ހިނގިއިރު އައިޖީއެމްްއެޗް އީއާރްގެ ގްރީން ޒޯންގައި މަސައްކަތް ކުރަމުންދިޔަ ފަރާތެކެވެ. އެ ދުވަހު މޭރީ މަރުވެފައި އޮއްވައި އޭނާގެ މޫނު ފެނުނުކަމަށް ހެކިވެރިޔާ ބުންޏެވެ.

Advertisement

ހެކިވެރިޔާ ބުނީ، މާވިންއާ ލަމްހާއާ ދޭތެރޭގައި އޮންނަ ގުޅުމެއް ނޭނގޭ ކަމަށާއި، ލަމްހާ އޭނާއާ ހިއްސާ ކޮށްފައިވާ ވާހަކަތަކަށް ބަލާއިރު ވަރިއަކީ މޭރީއާއި މާވިންގެ ޤައުމުގައި ހުއްދަ ކަމެއް ނޫންކަމަށް އެއްދުވަހު ލަމްހާ ބުނެފައިވާކަމަށެެވެ.

ތިންވަނައަށް ހާޒިރުކުރީ ލަމްހާގެ ދައްތައެވެ. އޭނާ ބުނީ މޭރީއާ މާވިންގެ ދަރިފުޅު އެގެއަށް ގެންނަ ކަމަށާއި، މޭރީ މަރުވި ދުވަހުވެސް އެކުއްޖާ އެ ގެޔަށް ގެނަ ކަމަށެވެ. އެއީ ހެނދުނުގެ ވަގުތެއްގައި ކަމަށް ހެކިވެރިޔާ ބުންޏެވެ. އެ ކުއްޖާ އަނބުރާ ގެންދިޔައީ މެންދުރު ކަމަށާއި، އެ ކުއްޖާ ގެންދިޔައީ ލަމްހާކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

ލަމްހާއާ އެއްކޮށް މާވިން ފެންނަކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނީ، އޭނާ ލަމްހާއާ ދެކޮޅު ހެއްކެއްގެ ގޮތުގައި ކޯޓަށް އަންނަން ބޭނުމެއް ނުވާ ކަމަށެވެ. ނަމަވެސް ކޯޓަށް ހެކިބަސް ދޭން އައީ އޭނާ ހައްޔަރުކޮށްގެން ހެކިބަސް ދޭން ގެންނާނެކަމަށް ބެލެވުމުންކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

ލަމްހާއާ މާވިންއާ ގުޅުމެއް އޮންނާތީ އެ ދެމީހުންގެ ތެރޭގައި ޖެހޭ މައްސަލަތަކުގެ ވާހަކަ އަޑުއިވިފައިވާ ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ. އެކަންކަން ލަމްހާ ޝެއަރ ކުރާކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނި ގޮތުގައި ލަމްހާއާ މާވިން އުޅެނީ އޭރު ރައްޓެހިވެގެންނެވެ.

ހެކިވެރިޔާގެ ހެކިބަހަށް ބަލާއިރު، އޭނާ ހަނދާނުގައި ނެތް ކަންކަމުގައި ހަނދާން ތާޒާ ކުރުމުގެ ގޮތުން ބަޔާން ދެއްކުމުގެ ހުއްދައަށް ދައުލަތުން އެދުނު ނަމަވެސް ޝަރީއަތުން ވަނީ އެފަދަ ޙާލަތެއް ނެތްކަމަށް ކަނޑައަޅުއްވާފައެވެ.

ހަތަރުވަނައަށް ހާޒިރުކުރި ހެކިވެރިޔާއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފޮރެންސިކް ޑިޕާޓްމަންޓުގައި ސީން އޮފް ކްރައިމް އޮފިސަރެއްގެ ވަޒީފާ އަދާކުރަމުންދާ ފަރާތެކެވެ. އޭނާ ހާޒިރުކުރީ އޭނާ ތައްޔާރުކޮށްފައިވާ ރިޕޯޓުތަކާ ގުޅިގެން ސުވާލު ކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް