ކ. މާލެ
|
9 ޖުލައި 2024 | އަންގާރަ 18:32
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް
މަތީ ތައުލީމު
މަތީ ތައުލީމުގެ ވާހަކަ މި ސަރުކާރުން ދެއްކީމަ މިހާރު އަންނަނީ ހިނި - މީކާއިލް
އިދިކޮޅު މެމްބަރުން ވަނީ އެއީ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްގެ މަސްލަހަތު ހިމާޔަތްކުރުމަށް ކުރި ކަމެއްގެ ގޮތުގައި ސިފަކުރައްވާފަ

މަތީ ތައުލީމުގެ ވާހަކަ މި ސަރުކާރުން ދެއްކީމަ މިހާރު އަންނަނީ ހިނި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

އޭނާ ވަނީ އެ ބިލަކީ ވަކި މީހަކަށް ފައިދާ ވާގޮތަށް އޮތް ބިލެއް ކަމަށް ސިފަކުރައްވާފައެވެ. އަދި އަވަސް އަރުވާލައިގެން އެ ބިލް ޑްރާފްޓްކޮށް މަޖިލީހަށް ހުށަހެޅި ސަބަބާއި މެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

Advertisement

ސަރުކާރުގެ ޚަރަދުގައި ދީފައިވާ ސްކޮލާޝިޕްތަކާއި ސްޓޫޑެންޓު ލޯނުގެ އެހީގައި ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ފޯރުކޮށްދޭން ޖެހޭ ފައިސާ ނުދެވި ބައެއް ދަރިވަރުން ވަރަށް ބޮޑަށް ވަނީ ހާލުގައި ޖެހިފައެވެ. ނަމަވެސް އެކަމާއި ގުޅިގެން އެމްޑީޕީގެ ފަރާތުން ހުށަހެޅި ކުއްލި މައްސަލަ ވަނީ މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށްލާފައެވެ.

އެއީ މަތީ ތައުލީމަށް އިސްކަން ދޭ ސަރުކާރަކުން ކުރާނެ ޒާތުގެ ކަމެއް ނޫން ކަމަށް މީކާއިލް ވިދާޅުވިއެވެ. މީގެ އިތުރުން މަޤާމުތަކަށް މީހުން އައްޔަންކުރާ އިރު މަތީ ތައުލީމަށް އިސްކަން ނުދޭ ކަމަށާއި އެ ކަމުގައި ސަރުކާރުގެ ސިޔާސަތު ވަރަށް ސާފުކަމަށް މީކާއިލް ވިދާޅުވިއެވެ.

ރާއްޖޭގައި ރަނގަޅު މަސައްކަތެއް ކުރަން އަންނަ ދަރިވަރުންނަށް ފުރުސަތެއް ނެތް. އިހަކަށް ދުވަހު ޕީޕީއެމް ޕީއެންސީގެ މަގުމަތީގަ ދިދަ ހިފައިގެން ތިބި މީހުންގެ ދަށުގައި އެ މީހުންގެ އަމުރު މައުރޫފް ހިންގަން ތިބެން ޖެހެނީ. މިއީ ޒުވާނުންނަށް ވެސް ހުރި ބިރެއް. މިއީ ރަނގަޅު ނިޔަތެއް އޮތިއްޔާ ފުރަތަމަ ކުރަންވީ ކަމަކީ. މަތީ ތައުލީމްގެ ބިލަށް މިހާ ފޯކަސް ކުރާ ނަމަ މެމްބަރުކަން ކުރުމުގަ ވެސް ކޮންމެވެސް ކަހަލަ މިނިމަމް ކްރައިޓީރިއާ އެއް އޮންނަން ޖެހޭ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

މީކާއިލް ވަނީ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދަރިވަރުންގެ ސްޓައިޕެންޑާއި ކުޅެމުންދާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ސަރުކާރަށް އިސް މަޤާމުތަކަށް މީހުން އައްޔަން ކުރަމުންދާ ކަމަށާއި އެހެންކަމުން ޚަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ކުރާ ކަންކަމާއި މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީކާއިލް ވަނީ މި ބިލް ފަރުމާކޮށް މިހާ އަވަހަށް ކުރިއަށް ދަނީ ވަކި ވަކި ފަރުދުންގެ ވިޔަފާރީގެ މަސްލަހަތު ޕްރޮމޯޓް ކުރުމަށްޓަކާ ކަމަށް ފާހަގަކޮށްފައެވެ. އެހެންނަމަވެސް އިދިކޮޅު މެމްބަރުން ވަނީ އެއީ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްގެ މަސްލަހަތު ހިމާޔަތްކުރުމަށް ކުރި ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް