ކ. މާލެ
|
10 ޖުލައި 2024 | ބުދަ 08:14
އިންގްލެންޑު ޤައުމީ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް އާއި ޓީމުގެ ބައެއް ކުޅުންތެރިން
އިންގްލެންޑު ޤައުމީ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް އާއި ޓީމުގެ ބައެއް ކުޅުންތެރިން
ރޮއިޓަސް
ޔޫރޯ 2024
އިންގްލެންޑުގެ ސަޕޯޓަރުން: "ސައުތުގޭޓަށް މިކަން ކުރެވޭނެ!"
ޚާއްސަކޮށް ސައުތުގޭޓަކީ އަބަދު ވެސް ހަގީގަތާ އެއްގޮތަށް ވާހަކަ ދައްކާ މީހެއް ކަމަށާއި، އެއްވެސް ކަމެއް ސިއްރު ކުރަން އޭނާ ބޭނުން ނުވާކަމަށް ވެސް ސަޕޯޓަރުން ބުނެ އެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް އިންގްލެންޑު ނިކުންނައިރު، އެންމެ ބޮޑު ޕްރެޝަރެއް އޮތް އެކަކީ އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް އެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިންގްލެންޑަށް މިއަހަރުގެ މުބާރާތުގެ މިހާތަނަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކޭ ކަމަށް ބުނެ، އޭނާ އަށް ބައެއް ފަރާތްތަކުން ފާޑު ވެސް ކިޔަ އެވެ.

އިންގްލެންޑުގެ ކޯޗުކަމާ ސައުތުގޭޓް ހަވާލުވީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އިންގްލެންޑުން ވަނީ ފުޓުބޯޅައިގައި ކާމިޔާބީތަކެއް ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން އިންގްލެންޑު ވަނީ، 2018 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅެފަ އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް ޔޫރޯ މުބާރާތުގެ ފައިނަލްގައި ކުޅުނެވެ. އެހެންކަމުން މިއަހަރުގެ ޔޫރޯގެ ސެމީ ފައިނަލަކީ، ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑު ނިކުންނާނެ ތިން ވަނަ ސެމީ ފައިނަލް އެވެ.

އެ މެޗުގެ ކުރިން އިންގްލެންޑުގެ ސަޕޯޓަރުން ދައްކަމުން އަންނަނީ ތަފާތު އެކި ވާހަކަތަކެވެ. ބައެއް ސަޕޯޓަރުންގެ ނަޒަރުގައި ފުޓުބޯޅައިގައި ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރަމުން އަންނަ މަސައްކަތް، ސައުތުގޭޓަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ. އޭނާ އަށް ބައެއް ޙާލަތްތަކުގައި އަމިއްލަ ޤައުމުގެ މީޑިއާ އަދި ސަޕޯޓަރުންގެ ނުރުހުން އަމާޒުވި ނަމަވެސް، އެ ވާހަކަތަކަށް އަދި ފާޑު ކިޔުންތަކަށް ރައްދު ދޭން ސައުތުގޭޓް ބޭނުމެއް ނުވެ އެވެ. އޭނާ ބޭނުން ވަނީ ކުރަމުން އަންނަ މަސައްކަތުގައި ދެމި ހުރެ، އިންގްލެންޑަށް މުބާރާތުގެ ތަށި ކާމިޔާބު ކޮށްދިނުމަށެވެ.

ސެމީ ފައިނަލް މެޗުގެ ކުރިން މީޑިއާތަކާ ވާހަކަ ދައްކަމުން އަންނަ އިންގްލެންޑުގެ ސަޕޯޓަރުން ބުނާ ގޮތުގައި ސައުތުގޭޓަށް ފާޑު ކިޔުންތައް އަމާޒުވަމުން ދިޔަ ނަމަވެސް، އޭނާ ކޮށްފައިވާ މަސައްކަތް ބަލައި ގަންނަން ޖެހޭނެ ކަމަށެވެ. ޚާއްސަކޮށް ފައިނަލްގައި ކުޅެ، ސެމީ ފައިނަލްގައި ކުޅެފައިވާއިރު، ބައެއް ސަޕޯޓަރުން ފާހަގަކޮށްފައިވާ ގޮތުގައި އެއީ ވެސް ކާމިޔާބީއެކެވެ. އެހެން ނަމަވެސް، އެކާމިޔާބީ ވެސް ފުރިހަމަ ކުރެވޭނީ ތައްޓެއް ހޯދައިގެން ކަމަށް އެމީހުން ބުނެ އެވެ.

އޭގެ ތެރެއިން އެއް ބަޔަކު ބުނެފައިވާ ގޮތުގައި ސައުތުގޭޓް ހަވާލުވީ ފަހުން އިންގްލެންޑުގެ ކުޅުމާއި، ނަތީޖާ ވަރަށް ބޮޑަށް ވަނީ ރަނގަޅު ކޮށްފަ އެވެ. ޚާއްސަކޮށް ޓީމުގައި ތިބި ކުޅުންތެރިންގެ ހުނަރު ވެސް އިތުރަށް ފުރިހަމަ ވެފައިވާ ކަމަށާއި، ޒުވާން ކުޅުންތެރިން ވެސް ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އެމީހުން ޤަބޫލު ކުރެ އެވެ. އެހެންކަމުން، ތަޖުރިބާ ހުރި ކުޅުންތެރިންނާއި، ޒުވާން ކުޅުންތެރިންނާއެކު އިންގްލެންޑަށް ކާމިޔާބުގެ މަގަށް ދެވޭނެ ކަމަށް ވެސް އެމީހުން އުންމީދު ކުރެ އެވެ.

އިންގްލެންޑުގެ ސަޕޯޓަރުން ބުނާ ގޮތުން ސައުތުގޭޓަށް އެ މަސައްކަތް ކާމިޔާބު ކުރެވޭނެ އެވެ. މިވަގުތު އިންގްލެންޑު، ޔޫރޯ މުބާރާތުގެ ސެމީ ފައިނަލްގައި އޮތްއިރު، އެއީ އިންގްލެންޑުގެ ސަޕޯޓަރުންނާއި ރައްޔިތުންގެ އުންމީދުތައް ވެސް ގުޅިފައިވާ މެޗެވެ. ނެދަލެންޑްސްއާ ދެކޮޅަށް އިންގްލެންޑު ކުޅޭ މެޗުން މޮޅުވެ، އަނެއްކާ ވެސް ޔޫރޯގެ ފައިނަލަށް ދިޔުމުގެ އުންމީދުގައި ގިނަ ރައްޔިތުން ތިބިއިރު، އެކަމާ އެންމެ ބޮޑަށް ވިސްނާނެ އެކަކީ ވެސް ސައުތުގޭޓް އެވެ.

ނެދަލެންޑްސް މެޗަށް އިންގްލެންޑު ނިކުންނާނީ، ކުރިން ހެދިފައިވާ ގޯސްތައް ވަރަށް ބޮޑަށް ރަނގަޅު ކޮށްގެން ކަމަށް ގިނަ ސަޕޯޓަރުން ޤަބޫލު ކުރެ އެވެ. ޚާއްސަކޮށް ސައުތުގޭޓަކީ އަބަދު ވެސް ހަގީގަތާ އެއްގޮތަށް ވާހަކަ ދައްކާ މީހެއް ކަމަށާއި، އެއްވެސް ކަމެއް ސިއްރު ކުރަން އޭނާ ބޭނުން ނުވާކަމަށް ވެސް ސަޕޯޓަރުން ބުނެ އެވެ. އެއީ ވަކި ކުޅުންތެރިޔަކަށް ވީ ނަމަވެސް، ސައުތުގޭޓް ވާހަކަ ދައްކަނީ އެކަމެއް އޮތް ގޮތަށް ކަމަށް އެމީހުން ޤަބޫލު ކުރެ އެވެ.

އިނގިރޭސި މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ސައުތުގޭޓްގެ މުސްތަޤުބަލު ގުޅިފައި އޮތީ ވެސް ޔޫރޯ މުބާރާތާ އެވެ. ނޫން ނަމަ، ސެމީ ފައިނަލްގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗާ އެވެ. އެ މެޗުން ބަލިވެ އިންގްލެންޑު މުބާރާތުން ކަޓައިފި ނަަމަ، އިންގްލެންޑުގެ ކޯޗުކަމުން ސައުތުގޭޓް ވަކި ކުރާނެ ކަމަށް މީޑިއާ ތަކުން ދަނީ ބުނަމުންނެވެ. އެ މެޗުން މޮޅުވެ އިންގްލެންޑު ފައިނަލަށް ގޮސްފި ނަމަ، ދެން ސައުތުގޭޓަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް