ކ. މާލެ
|
9 ޖުލައި 2024 | އަންގާރަ 18:08
ވައިކަރަދޫ ދާއިރާގެ މެމްބަރު ޒިޔާދު
ވައިކަރަދޫ ދާއިރާގެ މެމްބަރު ޒިޔާދު
މަޖިލިސް
މަތީ ތައުލީމު
ޓުއަރިޒަމް މިނިސްޓްރީ ގައި ވަޒީފާ ދޭ ގޮތަށް އެކަނި ބަލާލިޔަސް ސަރުކާރުން މަތީ ތައުލީމަށް އިސްކަން ނުދޭކަން އެނގޭ - ޒިޔާދު
ބޭރުގައި ތިބި ފައިސާ ނުލިބޭ ދަރިވަރުންނަށް ސަރުކާރުގެ އަޅާލުމެއް ނެތް މިންވަރު ފެނުމުން މަތީ ތައުލީމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމަށް ވެސް ޒިޔާދު ވިދާޅުވި
ތައުލީމީ މީހުންނަށް ވަޒީފާ ނުދޭތީ ޒިޔާދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ

ޓުއަރިޒަމް މިނިސްޓްރީ ގައި ވަޒީފާ ދޭ ގޮތަށް އެކަނި ބަލާލިޔަސް ސަރުކާރުން މަތީ ތައުލީމަށް އިސްކަން ނުދޭކަން އެނގޭކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުالله ރިފާޢު ހުށަހަޅުއްވާފައިވާ ، ޤާނޫނު ނަންބަރު (7/2021) ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.

ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ޑޮލަރު ލިބުން ދަތިވެ ގިނަ ބަޔަކު ތަކްލީފުތަކާ ކުރިމަތިލާން ޖެހިފައިވާއިރު އެކަމާއި މެދު ސަރުކާރުގެ އަޅާލުމެއް ނެތް މިންވަރު ފެނުމުން މަތީ ތައުލީމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ. ސަރުކާރުގެ ޚަރަދުގައި ދީފައިވާ ސްކޮލާޝިޕްތަކާއި ސްޓޫޑެންޓު ލޯނުގެ އެހީގައި ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ފޯރުކޮށްދޭން ޖެހޭ ފައިސާ ނުދެވި ބައެއް ދަރިވަރުން ވަރަށް ބޮޑަށް ވަނީ ހާލުގައި ޖެހިފައެވެ. އެކަމާއި ގުޅިގެން ހޯމަ ދުވަހުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވަނީ ކުއްލި މައްސަލަ އެއް ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް އެ މައްސަލަ ޕީއެންސީގެ ބޮޑު މެޖޯރިޓީ އެއް އޮތް މި މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ. ޒިޔާދު ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. މީގެ އިތުރުން މަތީ ތައުލީމާއި ތަމްރީން ލިބިފައިވާ މީހުންނަށް ވަޒީފާ ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށް ފާހަގަކުރައްވާ އެކަމާއި މެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ޓުއަރިޒަމް ދާއިރާ އަށް އެކަނި ބަލާލިޔަސް އެކަން ހާމަވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ވަޒީފާ މަދުކުރަން ކުންފުނިތަކުގައި ތިބި އާދައިގެ މުވައްޒަފުން ކަނޑާފައި ސްޓޭޓް މިނިސްޓަރ ފެންވަރުގެ މީހެއް މި ލަނީ، ކޮންމެވެސް ކޮންސަލްޓެންޓެކޭ ކިޔާފަ މި ލަނީ. މަތީ ތައުލީމުގެ ކަންތަކުގައި އިސްކަން ދޭ ވަރު އެނގޭނެ އިއްޔެ ހިނގާ ދިޔަ މި ކަންތަކުގަ ވެސް. ރާއްޖޭގައި އެއް ދާއިރާއަކުން އެންމެ ގިނަ މީހުން މަތީ ތައުލީމް ހާސިލްކޮށްގެން ތިބީ ޓުއަރިޒަމް ދާއިރާއިން. ޓުއަރިޒަމް މިނިސްޓްރީ އަށް ބަލާލީމަ އެނގޭނެ މި ސަރުކާރުން މަތީ ތައުލީމަށް އިސްކަންދޭ މިންވަރު. ދިވެހިން ފޫހިވާން ފަށައިފި. އެ ކުދިން ހޭދަކުރާ ވަގުތާ ފައިސާ ވަނީ ބޭކާރު. މާލެ އައިސް ވަޒީފާ އަކަށް ދާއިރު ބަލަނީ ކިތައް ފަހަރު ކުރީ ސަރުކާރު ކީތޯ. މިހާރު ކުދިން ފޫހިވެސް ވޭ މަތީ ތައުލީމް ހާސިލްކުރަން ވެސް.
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

ޒިޔާދު އިތުރަށް ވިދާޅުވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުالله ރިފާޢު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު (7/2021) ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިޞްލާޙަކީ ވަކި ބަޔަކަށް ނުވަތަ ތަނަކަށް މަންފާ ހޯދައިދޭން ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. އޭގައި މަދީ ވަކި ތަނެއްގެ އެޑްރެސް އެކަނި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޒިޔާދު އެފަދައިން ވިދާޅުވީ އެ އިސްލާހަކީ މާމިގިލީ ދާއިރާގެ ޤާސިމް އިބްރާހިމް ހިންގާ ވިލާ ކޮލެޖަށް ފަހި ވާގޮތަށް މަތީ ތައުލީމާއި ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ދެކެވޭ ވާހަކަ އަށް އިޝާރާތްކުރައްވައެވެ.

- ކޮމެންޓް