ކ. މާލެ
|
9 ޖުލައި 2024 | އަންގާރަ 11:56
ކެނެޑާގެ ކޯޗު ޖެސީ މާޝް
ކެނެޑާގެ ކޯޗު ޖެސީ މާޝް
ރޮއިޓާސް
ކޮޕާ އެމެރިކާ 2024
“އާޖެންޓީނާ ވަރުގަދަ، މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާ!”
މިދިޔަ ދެ އަހަރަށް ބަލާއިރު، އާޖެންޓީނާ ބަލިވެފައި ވަނީ ވެސް އެންމެ ދެ މެޗުން ކަމަށް ވެސް މާޝް ވަނީ ފާހަގަ ކޮށްފަ އެވެ.

އާޖެންޓީނާ އަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަކީ ފުޓުބޯޅައިގައި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ކެނެޑާގެ ކޯޗު ޖެސީ މާޝް ބުނެފި އެވެ.

މާޝް މިހެން ބުނީ، ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ސެމީ ފައިނަލްގައި ކެނެޑާ އިން އާޖެންޓީނާއާ ދެކޮޅާށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ރޭންކިން އަށް ބަލާއިރު، އެއް ވަނައިގައި އޮތީ އާޖެންޓީނާ އެވެ. ކެނެޑާ އަކީ ރޭންކިންގެ 48 ވަނައިގައި އޮތް ޓީމެވެ. އަނެއްކޮޅުން މިއީ ކެނެޑާ އިން ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގައި ކުޅޭ ފުރަތަމަ ފަހަރެެވެ.

އާޖެންޓީނާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މާޝް ބުނީ، އާޖެންޓީނާ އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމާމެދު ސަމާލުވާން ޖެހޭނެ ކަމަށެވެ. މިދިޔަ ދެ އަހަރަށް ބަލާއިރު، އާޖެންޓީނާ ބަލިވެފައި ވަނީ ވެސް އެންމެ ދެ މެޗުން ކަމަށް ވެސް މާޝް ވަނީ ފާހަގަ ކޮށްފަ އެވެ. އެހެންކަމުން އާޖެންޓީނާގެ ވަރުގަދަކަން އިނގޭ ކަމުގައި އޭނާ ބުންޏެވެ.

އިތުރަށް މާޝް ބުނީ އާޖެންޓީނާގެ ކެޕްޓަން މެސީ އަކީ ފުޓުބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، މެސީއާ މެދު ސަމާލުވާން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، ކެނެޑާ އަށް ވެސް ފުރުސަތެއް އޮތްކަން ޤަބޫލު ކުރާ ކަމަށާއި، އާޖެންޓީނާއާ ދެކޮޅަށް ތައްޔާރުވަމުން ދަނީ އެކަންކަމަށް ވިސްނައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

މުބާރާތުގައި މީގެ ކުރިން ވެސް އާޖެންޓީނާއާ ދެކޮޅަށް ކުޅެފައި އޮތުމުން، އާޖެންޓީނާ އަކީ ކޮން ފެންވަރެއްގެ، ކޮން ވައްޓަފާޅިއެއްގެ ޓީމެއްކަން މާޝް އަށް އިނގެ އެވެ. އަދި އާޖެންޓީނާއާ ދެކޮޅަށް ކުޅެން ޖެހޭނެ ގޮތްތަކާއި، ވިސްނަން ޖެހޭ ކަންކަން ވެސް މާޝް އަށް އެނގޭ ކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް ވެނެޒުއެލާ މެޗަށްފަހު، ސެމީ ފައިނަލާ ހަމައަށް ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ކެނެޑާ އިން ނިކުންނާނީ ބުދަ ދުވަހުގެ ފަތިހު ފަހެއް ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް