ކ. މާލެ
|
8 ޖުލައި 2024 | ހޯމަ 14:51
ވެލިދޫ ދާއިރާގެ ސަރުކާރުގެ މެންބަރު މުހައްމަދު އައްބާސް
ވެލިދޫ ދާއިރާގެ ސަރުކާރުގެ މެންބަރު މުހައްމަދު އައްބާސް
ރައްޔިތުންގެ މަޖިލިސް
ދިވެހި ފިލްމު އިންޑަސްޓްރީ
ސަރުކާރު މެންބަރު އައްބާސް ދިވެހި ފިލްމު އިންޑަސްޓްރީއަށް ކުރުދޮށިން ދީފި
ރާއްޖޭގެ ފިލްމު އިންޑަސްޓްރީ މިވަގުތު ވަރަށް ބޮޑަށް ސޮއްސާލާފައިވޭ
އަހުލާގީ މިންގަނޑު ރަނގަޅުކޮށްގެން އަދި އުފެދޭ ފިލްމުތަކަކީ ވެސް ވަރަށް އުފެއްދުންތެރި ރައްޔިތުން ބަލާހިތްވާކަހަލަ ފިލްމުތަކަކަށް ވާންޖެހޭ

މަލާމާތުގެ ރާގަކުން ބަހުސްކުރައްވާ، ދިވެހި ފިލްމު އިންޑަސްޓްރީއަށް، ވެލިދޫ ދާއިރާގެ ސަރުކާރުގެ މެންބަރު މުހައްމަދު އައްބާސް ކުރުދޮށިން ދީފިއެވެ.

ކޮޕީރައިޓްސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން މަލާމާތުގެ ރާގަކަށް ވާހަކަ ދައްކަވާ އައްބާސް ވިދާޅުވީ އޭނާ ކުޑައިރު ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަކީ ވަރަށް މަޝްހޫރު ފިލްމު އިންޑަސްޓްރީއެއް ކަމަށެވެ. ރާއްޖޭގައި އެއިރު އުފެދެމުންދިޔަ ފިލްމުތަކަކީ ވަރަށް މަޝްހޫރު ފިލްމުތަކެއް ކަމަށެވެ. އައްބާސް ވިދާޅުވީ ދެރިޔާ ކަހަލަ ފިލްމުތަކަކީ ވަރަށް ވަރުގަދަ ފިލްމުތަކެއް ކަމަށެވެ.

Advertisement

ނަމަވެސް ހިތާމައާއެކު ފާހަގަކުރަން ޖެހެނީ ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި، ގާނޫނީ ގޮތުން އެބޭފުޅުންނަށް ލިބެންޖެހޭ ރައްކާތެރިކަމެއް ނުލިބިގެންކަމެއް ނުވަތަ އެބޭފުޅުންގެ ނާގާބިލުކަމުންކަމެއް ނުވަތަ އެބޭފުޅުން މިކަމަށް މާބޮޑު ޝައުގުވެރިކަމެއް ނެތީކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް ރާއްޖޭގެ ފިލްމު އިންޑަސްޓްރީ މިވަގުތު ވަރަށް ބޮޑަށް ސޮއްސާލާފައިވާކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

އަޅުގަނޑަށް ފިލްމު އިންޑަސްޓްރީއާއި ބެހޭ ގޮތުން ފެނުނު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ ފިލްމީ ތަރިންގެ އަހުލާގީ މިންގަނޑުވެސް އެބަޖެހޭ ވަރަށް ބޮޑަށް ރަނގަޅުކުރަން. ދުނިޔޭގެ ތަންތަނުގައި މުއިޒީޝަނުންނަކީ، އެކްޓަރުންނަކީ، އެކްޓްރެސްއިންނަކީ ވަރަށް ރައްޔިތުންގެ އިހުތިރާމާއި ލޯބި ލިބި ހަމަ ސެލެބްރިޓީއެއްގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި އުޅޭނީ. އެ ގައުމެއްގެ ރައްޔިތުން އެ އެކްޓަރު އަދި އެކްޓްރެސް ނޫނިއްޔާ ޕްރޮޑިއުސަރު ފެނުނީމާ ތިބޭނެ ކަޅިއަޅައިގެން ބަލަން. ރާއްޖޭގައި އެ މަންޒަރު ފެނުނު އެހެންނަމަވެސް މިއަދު ރާއްޖޭގެ ފިލްމު އިންޑަސްޓްރީއާއި ދޭތެރޭގައި ރާއްޖޭގެ ރައްޔިތުން ދެކެނީ ވަރަށް އެހެންކަހަލަ ގޮތަކަށް.
ވެލިދޫ ދާއިރާގެ ސަރުކާރުގެ މެންބަރު މުހައްމަދު އައްބާސް

އައްބާސް ވިދާޅުވީ ރައްޔިތުން ދިވެހި ފިލްމު އިންޑަސްޓްރީއާއި ދޭތެރޭގައި ދެކޭ ގޮތް ބަދަލުކުރުމަށް، އިންޑަސްޓްރީގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންނާއި، މިހާރު މަސައްކަތް ކުރައްވާ ބޭފުޅުން ވަރަށް ބޮޑަށް ގުޅިގެން އަހުލާގީ މިންގަނޑު ރަނގަޅުކޮށްގެން އަދި އުފެދޭ ފިލްމުތަކަކީ ވެސް ވަރަށް އުފެއްދުންތެރި ރައްޔިތުން ބަލާހިތްވާކަހަލަ ފިލްމުތަކަކަށް ވާންޖެހޭ ކަމަށެވެ.

އައްބާސް ވިދާޅުވީ ބޭންކުތަކުން ދޫކުރާ ލުއި ލޯންތައް ފަންނީ ބޭފުޅުން ހެޔޮ ގޮތުގައި ބޭނުންކުރަންޖެހޭ ކަމަށެވެ. އަދި ދުރުރާސްތާގެ ޕްލޭނެއް ނެތި ފަންނީ ބޭފުޅުން ނަގާ ލޯނުގެ ސަބަބުން ލިބޭ ގެއްލުން ބޮޑު ކަމަށެވެ.

- ކޮމެންޓް