ކ. މާލެ
|
8 ޖުލައި 2024 | ހޯމަ 12:55
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު
ރާއްޖެއެމްވީ
އެމްޑީޕީން ވަކިވި މެމްބަރުން
މިއީ އިޤްތިސާދީ އިސްލާޙީ ފިޔަވަޅު؟ އެމްޑީޕީން ވަކިވި ނިހާދަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން
މިއީ ސަރުކާރުން ޚަރަދު ކުޑަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ބުނަމުންދާ ދަނޑިވަޅެއް
އޭނާއަކީ ސަރުކާރު ބަދަލުވުމާއެކު ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންނެވި މެމްބަރެއް
ސްޓޭޓް މިނިސްޓަރެއްގެ މުސާރައަކީ 47،000 ރުފިޔާ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަނު ކޮށްފިއެވެ.

ނިހާދަކީ 19 ވަނަ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވަމުން ގޮސް، ސަރުކާރު ބަދަލުވުމާއެކު ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންނެވި މެމްބަރެކެވެ. އޭރު އެމްޑީޕީގެ ޕީޖީގައި ހިމެނޭ 13 މެމްބަރަކު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

އެ މެމްބަރުންނަށް އެކަމުގެ މުގާބިލުގައި ފައިސާއާއި މަޤާމުތައް ހުށަހެޅިކަމަށް އޭރު އަޑުފެތުރިފައި އޮތެވެ. އޭރު އަޑުފެތުރިފައި ވާގޮތުން، ޕީއެންސީއަށް ސޮއިކޮށްފިނަމަ 1 މިލިއަނާ 3 މިލިއަނާ ދެމެދުގެ އަދަދަކަށް ފައިސާ ދޭނެކަމަށާއި، ސަރުކާރުގެ އިސް މަގާމުތައް ދޭނެކަމަށް ބުނެ، ސަރުކާރުގައި ހިމެނޭ މީހުންގެ ފަރާތުން ވަނީ މެމްބަރުންނަށް ހުށަހެޅުންތައް ހުށަހަޅާފައެވެ.

އަދި ބައެއް ދާއިރާތަކުގައި ހުރި މަޝްރޫއުތައް ކުރިއަށް ގެންގޮސްދޭނީ ޕާޓީ ބަދަލުކުރުމުން ކަމަށް ބުނެ މެމްބަރުންނަށް ހުށަހެޅުންތައް ހުށަހަޅާފައިވާކަމަށް ވަނީ އަޑުފެތުރިފައެވެ.

Advertisement

ނަމަވެސް އޭރު ސަރުކާރާއި މެމްބަރުންވެސް ގެންދެވީ އެކަންކަމަށް ދެކޮޅު ހަދަމުންނެވެ.

ރާއްޖެއެމްވީން ސުވާލުކޮށްލުމުން ސަރުކާރުގެ ސްޓެރެޓިޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލް ވިދާޅުވީ، ނިހާދު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކުރައްވާފައިވާކަމަށް ދެކެވޭ ވާހަކައަކީ ތެދު ވާހަކައެއް ކަމަށެވެ. އޭނާ އެ މަޤާމަށް އައްޔަނު ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރެއްގެ މުސާރައަކީ 47،000 ރުފިޔާއެވެ.

މި ދަނޑިވަޅަކީ ސަރުކާރުން ޚަރަދު ކުޑަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ބުނަމުންދާ ދަނޑިވަޅެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް