ކ. މާލެ
|
8 ޖުލައި 2024 | ހޯމަ 06:40
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުން
އެސެޓް ރިކަވަރީގެ ޤާނޫނެއް ހުށަހަޅާ، ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުލިބި އޮތުން ނިމުމަކަށް ގެންނާނަން - ރައީސް ޑރ. މުއިއްޒު
ރައީސް މުއިއްޒު ވިދާޅުވީ ކޮރަޕްޝަނާއި ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާ ހޯދުމަށް މިހާރު ހުރި ޤާނޫނުތަކުން އެންމެ ރަނގަޅަށް މަގުފަހި ނުވާ ކަަމަށް

އެސެޓް ރިކަވަރީގެ ޤާނޫނެއް ހުށަހަޅާ، ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުލިބި އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކޮރަޕްޝަނާއި ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާ ހޯދުމަށް މިހާރު ހުރި ޤާނޫނުތަކުން އެންމެ ރަނގަޅަށް މަގުފަހި ނުވާ ކަަމަށެވެ.

Advertisement

ދައުލަތަށް ގެއްލިފައި ހުރި ފައިސާ އަކީ ރައްޔިތުންގެ ފައިސާ ކަަމަށާއި އެ ފައިސާ އަނބުރާ ހޯދެން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ކޮރަޕްޝަންގެ ނުބައި އަމަލުތައް ހިންގާ މީހުންނާއި އެކަމުގައި ބައިވެރިވާ މީހުން ޖަވާބުދާރީކޮށް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ ކުށްތަކުގައި ޝާމިލްވާ މީހުންނަށް ހައްގު އަދަބު ލިބެންޖެހޭ ކަމަށެވެ. އެސެޓް ރިކަވަރީ ޤާނޫނެއް އެކުލަވާލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.

ރައްޔިތުންގެ ފައިސާ އިން ގެއްލިފައިވާ ފައިސާ ހޯދަން އެބަ ޖެހޭ. ކޮރަޕްޝަންގެ އެކި އަމަލުތައް ހިންގައިގެން ރައްޔިތުންގެ ފައިސާ އިން ވައްކަންކުރުން އިޚުލާސްތެރިގޮތެއްގާ ބަލާ، ވައްކަން ކުރި ފަރާތްތަކާއި ބައިވެރިވި ފަރާތްތަކަށް ދޭން ޖެހޭ އަދަބު ދީ އެސެޓްތައް ރިކަވަރ ކުރެވެން ޖެހޭ. މިއީ އަބަދާ އަބަދު ދައްކާ ވާހަކައަކަށް ނޫނީ ދަޅައަކަށް ނުވެ. ކޮންމެ ފަހަރަކު ރިޔާސީ ކޮމިޝަނެއް ހަދާފައި އެތަނަށް ބަޔަކު ލާ މުސާރަދީ ތަނެއް ހިފާ އަނެއްކާވެސް އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ވަނީ. އެކައްޗެއް ވެސް ރިކަވަރ އެއް ނުވޭ. ދައުލަތުގެ ހަޒާނާއަކަށް ނުއެއް ގެނެސްދެވޭ. އެކަން ނިމުމަކަށް ގެންނާނަން.
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އެސެޓް ރިކަވަރ ކުރުމުގެ މަސައްކަތް ކުރާނީ ރާއްޖެއިން ބޭރުގައި ރައްކާކޮށްފައި ހުރި ފައިސާ ހޯދަން މަގުފަހިވާ ގޮތަކަށް ކަމަށެވެ. އެކަން އެގޮތަށް ކޮށްގެން ނޫނީ އެސެޓް ރިކަވަރކުރުމުގެ ރަނގަޅު ނަތީޖާ އެއް ހާސިލް ނުވާނެ ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ. އިތުރަށް ވާހަކަދައްކަވަމުން އެމްއެމްޕީއާރްސީގެ ހިޔާނާތުން ގެއްލުނު ފައިސާ ހޯދާ އެ ޚިޔާނާތުގެ ބައިވެރިން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް