Advertisement
ކ. މާލެ
|
7 ޖުލައި 2024 | އާދީއްތަ 19:57
އާރުޑީސީގެ މުވައްޒަފުންތަކެއް މަސައްކަތުގައި - ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށް ބޮޑު މުސާރައިގައި ދެ ކޮންސަލްޓެންޓުން ވަނީ ނަގާފައި
އާރުޑީސީގެ މުވައްޒަފުންތަކެއް މަސައްކަތުގައި - ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށް ބޮޑު މުސާރައިގައި ދެ ކޮންސަލްޓެންޓުން ވަނީ ނަގާފައި
އާރްޑީސީ
އާރުޑީސީއަށް ދެ ކޮންސަލްޓެންޓުން
ހަރަދު ކުޑަކުރަން މުވައްޒަފުން ވަޒީފާއިން ވަކިކޮށް 35،000 ރުފިޔާގެ މުސާރައިގައި ދެ ކޮންސަލްޓެންޓެއް އާރުޑީސީއަށް ނަގައިފި
ހަރަދު ކުޑަކުރުމުގެ ނަމުގައި އާރުޑީސީން ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރުމަށް ނިންމާފައި
އަލަށް ނެގި ދެ ކޮންސަލްޓެންޓުންނަށް މަހަކު 70،000 ރުފިޔާ ހަރަދުކުރާނެ

ރައީސުލްޖުޖްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ކަމަށް ބުނެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް 35،000 ރުފިޔާގެ މުސާރައިގައި ދެ ކޮންސަލްޓެންޓެއް އާރުޑީސީއަށް ނަގައިފިއެވެ.

ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮން އާރުޑީސީއިން ހަރަދުކުރުމަށްކަމަށް ބުނެ ޖުލައި މަހުގެ 4 ވަނަ ދުވަހު ވަނީ މުވައްޒަފުންނަށް މެމޯއެއް ފޮނުވާފައެވެ. މި މެމޯގައި ވަނީ ހަރަދު ކުޑަކުރުމަށް ކުންފުނިން ނިންމާފައިވާކަމަށް ބުނެފައެވެ. އަދި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އަދި ހަމަ އެ ދުވަހު އާރުޑީސީން ވަނީ މުވައްޒަފުންނަށް އިތުރު މެމޯއެއްވެސް ނަގާފައެވެ. އެގޮތުން މި މެމޯގައި ވަނީ ކުންފުނީގެ އެޗްއާރު އަދި ރިޕެއައރ އެންޑް މެއިންޓަނަންސްގެ މަސައްކަތްތައް ތަރުތީބުކުރުމަށް އަލަށް ދެ ކޮންސަލްޓެންޓުން ނަގާފައިވާކަމަށް ބުނެފައެވެ. އަދި އެ ދެ ކޮންސަލްޓެންޓުންނަށް އެއްބާރުލުން ދިނުމަށް ވެސް މުވައްޒަފުންނަށް ވަނީ އަންގާފައެވެ.

އާރުޑީސީން ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހަކު ބުނީ ކޮންސަލްޓެންޓުގެ މަގާމަށް ނަގާފައިވަނީ މޭޖާ ރިޓަޔާޑް އަލީ ނަޖީބު އާއި ޣުފްރާން އަބްދުލްޣަނީއެވެ. ކޮންސަލްޓެންޓުންގެ ގޮތުގައި މި ދެބޭފުޅުން ނަގާފައިވަނީ 1 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި މުސާރައިގެ ގޮތުގައި 35،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އެ މުވައްޒަފުންގެ މުސާރައިން މަހެއްގެ މައްޗަށް މި ދެ ކޮންސަލްޓެންޓުންނަށް 70،000 ރުފިޔާ ހަރަދުކުރާނެއެވެ. އަދި އަހަރެއްގެ މައްޗަށް 840،000 ރުފިޔާ ހަރަދުކުރާނެއެވެ.

Advertisement

މިފަހުން ވެސް އާރުޑީސީން ވަނީ އެ ކުންފުނީގެ މަގާމުތަކަށް މެނޭޖަރު ފެންވަރުގެ ބޭފުޅުން ނަގަން އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި 25،500 ރުފިޔާގެ މުސާރަ ލިބޭ ސިވިލް އިންޖިނޭރުންނާއި، ރަށްރަށުގައި ހުރި އާރުޑީސީގެ އޮފީސްތަކަށް ނަގާފައިވާ މެނޭޖަރުން ވެސް ހިމެނެއެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އިންތިހާއަށް ގިނަވެ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް މުވައްޒަފުންގެ މުސާރައަށް ހަރަދުކުރަންޖެހި، މާލީ އަދި އިގްތިސާދީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާތި ރާއްޖެއަށް އަންނަނި އެކަމުގެ ނޭދެވޭ އަސަރުކުރަމުންނެވެ.

އަދި ދަޢުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައިވާކަމަށް ރައީސް ވިދާޅުވެފައިވާއިރު، އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނެއެވެ. މީގެ ތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނެއެވެ.

ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދަނީ އަދިވެސް އެކި ނަންނަމުގައި މަގާމުތައް އުފައްދާ މުވައްޒަފުން ނަގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް