ކ. މާލެ
|
8 ޖުލައި 2024 | ހޯމަ 08:38
އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް
އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް
ރޮއިޓާސް
ޔޫރޯ 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
މިއީ އިންގްލެންޑުން މިފަހުގެ ތާރީޚެއްގައި ކުޅޭނެ ތިން ވަނަ ސެމީ ފައިނަލް ކަމަށާއި، އެކަމުން ދައްކައި ދެނީ އިންގްލެންޑުގެ ފެންވަރު ކަމަށް ސައުތުގޭޓް ބުންޏެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗަކީ، މިއަހަރުގެ މުބާރާތުގައި އިންގްލެންޑުން އެންމެ ރަނގަޅަށް ކުޅުނު މެޗު ކަމަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި އިންގްލެންޑުން ސްވިޒަލެންޑުގެ މައްޗަށް ކުރި ހޯދީ ޕެނަލްޓީންނެވެ. މެޗުގައި ސްވިޒަލެންޑުން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، އިންގްލެންޑުން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުން މެޗުގައި ފެނުނީ އިންގްލެންޑު ކުޅުންތެރިންގެ ހުށިޔާރު ކަމަށާއި، ސާބިތުކަމެވެ. ޚާއްސަކޮށް އެއް ލަނޑުން ފަހަތުގައި އޮއްވައި، ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރުމާއި، ޕެނަލްޓީ ގައި ކުރި ހޯދުމަކީ އެކަމުގެ ހެއްކެއް ކަމަށް ސައުތުގޭޓް ބުންޏެވެ. އެކަމަށް އިޝާރާތްކޮށް އޭނާ ބުނީ، އެ މެޗަކީ މިއަހަރުގެ މުބާރާތުގައި އިންގްލެންޑުން އެންމެ ރަނގަޅަށް ކުޅުނު މެޗު ކަމަށެވެ.

ސްވިޒަލެންޑަކީ ވެސް ވަރުގަދަ ޓީމެއްކަން ފާހަގަކޮށް ސައުތުގޭޓް ބުނީ، އެ ޓީމާ ދެކޮޅަށް ކުޅެން ވެސް އުނދަގޫތަކެއް ހުރި ކަމަށެވެ. ޚާއްސަކޮށް ސްވިޒަލެންޑުން ވެސް ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެމުން ދިޔަ ކަމަށާއި، ސްވިޒަލެންޑުގެ ހަމަލާތައް ހުއްޓުވުމުގައި އިންގްލެންޑުގެ ޑިފެންސް އަށް ކޮންމެ ވެސް ވަރަކަށް އުނދަގޫވި ނަމަވެސް، ޑިފެންސް ގައި ތިބި ކުޅުންތެރިން ދެއްކީ ވެސް ރަނގަޅު ކުޅުމެއް ކަމަށް ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑުގެ ޓީމާ ގުޅޭ ގޮތުން އަބަދު ވެސް އެކި އެކި ވާހަކަތައް ދެކެވެމުން އަންނަ ކަަމަށް ސައުތުގޭޓް ބުންޏެވެ. އެހެން ނަމަވެސް އެކަމާ އެއްވެސް ފަރުވާލެއް ނެތް ކަމަށާއި، އިންގްލެންޑަކީ ފެންވަރު ހުރި ޓީމެއްކަން ސާބިތުކޮށްދެމުން އަންނަ ކަަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެގޮތުން، މިއީ އިންގްލެންޑުން މިފަހުގެ ތާރީޚެއްގައި ކުޅޭނެ ތިން ވަނަ ސެމީ ފައިނަލް ކަމަށާއި، އެކަމުން ދައްކައި ދެނީ އިންގްލެންޑުގެ ފެންވަރު ކަމަށް ސައުތުގޭޓް ބުންޏެވެ.

މީގެ އިތުރުން ސައުތުގޭޓް ބުނީ ސެމީ ފައިނަލް މެޗަށް ވެސް ނިކުންނާނީ ވިސްނުންތެރިކަމާއި، ރޭވުންތެރިކަމާ އެކު ކަމަށެވެ. ޚާއްސަކޮށް ރަނގަޅު ކުރަން ހުރި ކަންކަން ބަލައި، އެކަންކަމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި، އިންގްލެންޑުގައި މިހާރު އޮތް ރޫޙު ދަމަހައްޓަން ޖެހޭ ކަމަށް ވެސް ސައުތުގޭޓް ވަނީ ބުނެފަ އެވެ. އިންގްލެންޑުގެ ކުޅުންތެރިންނަށް އޭނާގެ އިތުބާރު އޮންނާނެ ކަމަށާއި، އެ ކުޅުންތެރިންގެ ފެންވަރު އޭނާ އަށް އިނގޭ ކަމުގައި ވެސް ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑުން ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅެފަ އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅުނުއިރު، 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ވެސް ކުޅުނެވެ. މިއަހަރުގެ ޔުރޯގެ ސެމީ ފައިނަލްގައި ނެދަލެންޑްސްއާ ދެކޮޅަށް ނިކުންނައިރު، ސައުތުގޭޓްގެ އެންމެ ބޮޑު އަމާޒަކީ އިންގްލެންޑަށް ތައްޓެއް ކާމިޔާބު ކޮށްދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް