Advertisement
ކ. މާލެ
|
6 ޖުލައި 2024 | ހޮނިހިރު 11:03
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި ހަމަލާދޭން އުޅުނު މައްސަލައިގައި ދައުވާ އުފުލި މީހުން
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި ހަމަލާދޭން އުޅުނު މައްސަލައިގައި ދައުވާ އުފުލި މީހުން
ރާއްޖެއެމްވީ
ތިމަރަފުށި - ހަރުކަށި ފިކުރު
ޓެރަރިޒަމްގެ މައްސަލަތަކެއްގައި ތިމަރަފުށިން ހައްޔަރުކޮށް ދައުވާ އުފުލި މީހުންގެ މައްސަލަ ލަސްވާތީ ކަންބޮޑުވުން
މައްސަލައިގައި ޝަރީއަތްތައް އަވަސް ކުރެވޭތޯ ތަކުރާރުކޮށް ކޯޓަށް ސިޓީވެސް ފޮނުވާފައިވާކަމަށް ޝަމީމް ވިދާޅުވި
ޝަމީމް ވިދާޅުވީ، އެ މައްސަލަ ނިމެން ނަގާނެ ދުވަހެއް އެނގިވަޑައި ނުގަންނަވާ ކަމަށް

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރާ، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ފަރާތްތަކުގެ މައްސަލަ ލަސްވާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ހިއްސާކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ކުރިއަށް ގެންދެވި މި ކޮމިޓީގައި މި ކަންބޮޑުވުން ހިއްސާ ކުރައްވާފައިވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒެވެ.

ރިޔާޒު ވިދާޅުވީ، މިއީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހުށަހެޅުނު މައްސަލައެއް ކަމަށާއި، އަދި މިހާތަނަށް މި މައްސަލަ ނިމުމަކާ ހިސާބަށް އައިސްފައިނުވާ ކަމަށެވެ. ރިޔާޒް ވަނީ ގާތްގަނޑަކަށް ކިހާ ދުވަހެއްގެ ތެރޭގައި މި މައްސަލަ ނިމޭނެތޯ ސުވާލު ކުރައްވާފައެވެ.

Advertisement

އެކަމާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، އެ މައްސަލައިގައި ޝަރީއަތްތައް އަވަސް ކުރެވޭތޯ ތަކުރާރުކޮށް ކޯޓަށް ސިޓީވެސް ފޮނުވާފައިވާ ކަމަށާއި، މައްސަލަ ލަސްވާތީ އެކަމާ ޕީޖީ އޮފީހުންވެސް ކަންބޮޑުވާ ކަމަށެވެ.

ޕީޖީ އޮފީހުގެވެސް އެދުމަކީ ވީހާވެސް އަވަހަށް އެ މައްސަލައިގައި ގޮތެއް ކަނޑައެޅިގެން ދިއުންކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑުމެން ކޯޓަށް ހުށަހަޅާފައިވާނެ އަޅުގަނޑުމެން ދައުވާ ކުރާ ސަބަބާއި، އަޅުގަނޑުމެންގެ އަތުގައި ހުރި ހެއްކާއި، އެ ތަފްސީލުތައް. ދެން ޝަރީއަތުން މައްސަލަ ނިމުނީމާ ތިބޭފުޅުންނަށްވެސް ސާފުވެވަަޑައިގަންނަވާނެ އަސްލު ކިހިނެއްތޯ ވެގެން މި އުޅެނީ. ދެން ތިޔަ ވިދާޅުވާ މައްސަލައިގައި ޝަރީއަތްތައް އަވަސް ކުރެވޭތޯ ތަކުރާރުކޮށް އަޅުގަނޑުމެންވެސް އެތައް ފަހަރަކު ކޯޓަށްވެސް ސިޓީވެސް ފޮނުވާފައިވާ މައްސަލައެއް ތި ވިދާޅުވީ، އަޅުގަނޑަށް އެނގޭ އެކަމުގެ ކަންބޮޑުވުން ތިބޭފުޅުންގެވެސް އަޅުގަނޑުމެންގެވެސް އެބައޮތް، އަޅުގަނޑުވެސް ބޭނުންވަނީ އެ މައްސަލައިގައި ކޯޓުން ކޮންމެވެސް ގޮތެއް ނިމެން، އޭރުން ދެން އެހިސާބުން ކުރި ތުހުމަތެއްވެއްޖެއްޔާ އެކަން އެ އޮތީ ނިމިފަތާ،
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޝަމީމް ވިދާޅުވީ، އެ މައްސަލަ ނިމެން ނަގާނެ ދުވަހެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެކަން އޮތީ ކޯޓުގެ އަތްމަތީގައި ކަމަށާއި، ކޯޓުން ތާވަލުކުރާ ދުވަހަކަށް ދައުލަތުގެ ހެކިންވެސް ހާޒިރުވެ ހެކިބަސް ދޭނެކަމަށް ޝަމީމް ވިދާޅުވިއެވެ.

ކިހާ ދުވަހެއްތޯ ވާނީ އަޅުގަނޑަކަށް ނޭނގެ ދަންނަވާކަށް، ކޯޓުން ޝެޑިއުލް ކުރައްވައިފިއްޔާ އަޅުގަނޑުމެންގެ ބޭފުޅުން ކޯޓަށް ވަޑައިގަންނަވާނެ، އަޅުގަނޑުމެން ތައްޔާރަށް މި ތިބީ، އަޅުގަނޑުމެންގެ އަތުގައި ހެކިތައްވެސް އެބަހުރި، އަޅުގަނޑުމެންގެ ހެކިންވެސް ތިބީ ރެޑީކޮށް، އެހެންވީމާ ކޯޓުގައި ތިކަން އޮތީ އިނގޭތޯ، އެއީ ދެންނެވޭނެ ވާހަކައަކީ
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޓެރަރިޒަމުގެ އަަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތެރޭ އޮޕަރޭޝަނެއް ހިންގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކުރީ މާލެ ކައިރީގައި އޮތް "ނަސާހް 3" ކިޔާ ދޯންޏަކުންނެވެ.

އެކަމާ ގުޅޭގޮތުން އޭރު ފުލުހުން ބުނީ އެ ދޯނީގައި އައިއީޑީއެއް ހަދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށާއި، އެކަމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ދޯނިން ފެނިފައިވާ ކަމަށެވެ.

މި މައްސަލައިގައި އެ ދޯނިންނާއި މާލެއިން އަދި ތިމަރަފުށިން ބަޔަކު ހައްޔަރުކޮށް އެމީހުންގެ މައްޗަށް ޓެރަރިޒަމާ ގުޅުންހުރި ދައުވާތައް އުފުލާފައިވާއިރު، ހައްޔަރުކުރި މީހުންނާ ބެހޭ ގޮތުން ފުލުހުން ބުނީ މި މީހުންގެ ތެރޭގައި އައިސިސް އިން "އަމީރު" ކަމަށް ކަނޑައަޅާފައިވާ މީހަކު އިސްކޮށް ހުންނަ ކަމަށެވެ.

އަދި ގޮވާތަކެތި ހަދާނެ ގޮތުގެ މެނުއަލްތައް ވެސް، ހައްޔަރުކުރި މީހުންގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ލަސްވާތީ ދައުވާލިބޭ މީހުންގެ އާއިލާއިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް