ހަށިވިއްކުމުގެ ތުހުމަތުގައި 55 އަހަރުގެ ދިވެހި ފިރިހެނެކާއި ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއްގައި ބިދޭސީއަންހެނުންތަކެއް ހަށިވިއްކަމުން ދާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބުރާސްފަތި ދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކޮށް 55 އަހަރުގެ ދިވެހި ފިރިހެނަކާއި ތައިލެންޑް 3 އަންހެނުން ހައްޔަރުކުރި ކަމަށެވެ.
ހައްޔަރުކުރި ތައިލެންޑް 3 އަންހެނުންގެ ތެރޭގައި ހިމެނެނީ 30 އަހަރުގެ ދެ އަންހެނުންނާއި 28 އަހަރުގެ އަންހެނެކެވެ.
މީގެ އިތުރުން މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކު ދިވެހި ފިރިހެން މީހާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި ތައިލެންޑް 3 އަންހެނުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.