ކ. މާލެ
|
5 ޖުލައި 2024 | ހުކުރު 12:53
ސްޓޭޓް މިނިސްޓަރު ޝަމްނާޒް
ސްޓޭޓް މިނިސްޓަރު ޝަމްނާޒް
އެންވަރަންމަންޓް މިނިސްޓްރީ
ސިހުރު ހެދި މައްސަލަ
ޝަމްނާޒް ހައްޔަރު ކުރީ ރައީސް މުުއިއްޒުގެ ކޮރަޕްޝަން އާއި ގުޅޭ ހެއްކެއް އޭނާގެ އަތުގައި ހުރުމުން ކަމަށް ގަބޫލުކުރެވޭ - ކުރީގެ ރައީސް ޔާމީން
ފުލުހުން އެފަދަ މައްސަލަ އެއް އަމިއްލަ އިސްނެގުމުގައި ނުބަލާނެ ކަމަށް ޔާމީން ވިދާޅުވި
ޝަމްނާޒް މަޤާމުން ވަކިކޮށްފައި ވަނީ ޖޫން މަހުގެ 26 ވަނަ ދުވަހު
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ޝަމްނާޒް އާއި އޭނާގެ ކޮއްކޮ ސަނާގެ އިތުރުން ސިހުރު ހެދިކަމަށް ތުހުމަތުވާ މީހާ

ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް ސިހުރު ހެދިކަމަށް ތުހުމަތުކޮށް ހައްޔަރު ކުރީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކޮރަޕްޝަން އާއި ގުޅޭ ހެއްކެއް އޭނާގެ އަތުގައި ހުރުމުން ކަމަށް ގަބޫލުކުރެވޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްގެ ޖަލްސާގައި އޯޑިއަންސްގައި އިންނަވާ، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދާއި ކުރެއްވި ސުވާލެއްގެ ތެރެއިންނެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުވެސް އަދި އެމަނިކުފާނުގެ އާއިލާ އިން ވެސް ޝަމްނާޒްގެ އެއްވެސް މައްސަލަ އެއް ފުލުހުންނަށް ހުށަހަޅާފައި ނުވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުގެ ސްޕޯކްސް ޕަރސަން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާ މެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެއް ނުވާނެ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ޢާއިލާއަށް ނިސްބަތްކޮށް މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތަކެއް ކަމަށެވެ. ހީނާ އެފަދައިން ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައި ވަނީ ރައީސް މުއިއްޒުގެ އަނބިކަނބަލުން ފާތިމަތު ސާޖިދާ ލަވަ ވިދާޅުވާ ވީޑިއޯ އެއް ލީކު ކޮށްލުމުން އެކަމުގެ ބަދަލު ހިފުމަށް ކަމަށް ބައެއް އާއްމުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމަށް އިޝާރާތްކުރައްވާ ކުރީގެ ރައީސް ޔާމީން ވިދާޅުވީ ފުލުހުން އެފަދަ މައްސަލަ އެއް އަމިއްލަ އިސްނެގުމުގައި ނުބަލާނެ ކަމަށެވެ. އެހެންކަމުން ރައީސާއި އާއިލާ އިން އެ މައްސަލަ ހުށަހަނާޅާ ކަމަށް ބުނި ނަމަވެސް ފުލުހުން އެ މައްސަލަ ބަލަމުން ދަނީ ފުލުހުންނަށް އެ މައްސަލަ ބަލަން އަންގައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޝަމްނާޒް އަކީ ކުރިން ސިޓީ ކައުންސިލްގެ މޭޔަރަކަށް ޑރ.މުއިއްޒު ހުންނެވި އިރު ވެސް ވަރަށް އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޝަމްނާޒް އަތުގައި އެ މަނިކުފާނާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަ އެއް ސާބިތުކޮށްދޭ ޕެންޑްރައިވް އެއް ފަދަ އެއްޗެއް އޮތުން އެކަށީގެންވާ ކަމަށާއި އަމިއްލަ ރައްކަލަކަށްޓަކާ މިފަދައިން އެކުގައި މަސައްކަތް ކުރައްވާ ބޭފުޅުން އާއްމުކޮށް އެފަދަ ކަންކަން ކުރައްވާ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން ސިހުރު ހެދި ކަމަށް ތުހުމަތުކޮށް ޝަމްނާޒްގެ ގެ ފާސްކުރަން ފުރުސަތު ހޯދީ އެ ހެކި ހޯދަން ކަމަށް ބޮޑަށް ޤަބޫލުކުރެވޭ ކަަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑު މި ސިހުރު ފަންޑިތަ އަޅުގަނޑު ދެން އެހާ ބޮޑަށް ސަމާލުކަން ދޭ ކަމެއް ނޫން. އިނގޭތޯ. އެކަމަކު ދިވެހިރާއްޖޭގެ މީޑިއާގަ އެކަންޏެއް ނޫން. ޗައިނާގެ މީޑިއާގަ ވެސް އިންޑިއާގެ މީޑިއާގަ ވެސް މި ހުރިހާ ތަނެއްގަ މި ވާހަކަ ހިނގައިފި. މި ހުރިހާ ކަމެއް ވީމަ ރައީސް އޮފީހުން މި ބުނަނީ މިއީ މުލިއާގެއިން ހުށަހެޅި މައްސަލަ އެއް ނޫނޭ. އެކަމަކު މީގަ މި އިންވޯލްވް ވަނީ ރައީސްގެ ވާހަކަ. ދެން ރައީސްގެ ވަރަށް އަރިހުން މަސައްކަތް ކުރި ބައެއްގެ ވާހަކަ. އެހެންވީމަ މީގެ ހަގީގަތް ދިވެހިންނަށް ކިޔާދޭން އެބަ ޖެހޭ. މައްސަލަ އެއް ނުއުފެދޭނެ މައްސަލަ އެއް އުފެއްދީމަ ނޫނިއްޔާ. މިހާރު ތިބި ފުލުހުންނަކީ މިކަހަލަ މައްސަލަ އަމިއްލަ އިސްނެގުމުގަ ބަލާނެ ބައެއް ނޫން. އެ މީހުންނަކީ އެ ހަކަތަ ހުރި ބައެއް ނޫން.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

މި މައްސަލައާ ގުޅޭގޮތުން ފުލުހުން މީގެ ކުރިން ބުނީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އިތުރު 2 މީހަކު ޖޫން 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށާއި، އަދި މި 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ޝަމްނާޒް އާއި އޭނާގެ ކޮއްކޮ ސަނާގެ އިތުރުން ސިހުރު ހެދިކަމަށް ތުހުމަތުވާ މީހާއެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމުން ޝަމްނާޒް ވަކިކޮށްފައި ވަނީ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އަދި އޭނާ މިހާރު ހިމަނާފައި ވަނީ ކުރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައެވެ.

ކޮމެންޓް