ކ. މާލެ
|
5 ޖުލައި 2024 | ހުކުރު 10:27
2021 ވަނަ އަހަރުން ފެށިގެން ތާލިބާން އިން އަފްޣާނިސްތާން ކޮންޓްރޯލް ކުރަން ފެށި ހިސާބުން، ތާލިބާން އާ ވާދަވެރި އައިސިސް-ކޭ ޖަމައާތާ އާ ދެމެދު އަންނަނީ ހަމަލާތައް ބަދަލު ކުރަމުން
2021 ވަނަ އަހަރުން ފެށިގެން ތާލިބާން އިން އަފްޣާނިސްތާން ކޮންޓްރޯލް ކުރަން ފެށި ހިސާބުން، ތާލިބާން އާ ވާދަވެރި އައިސިސް-ކޭ ޖަމައާތާ އާ ދެމެދު އަންނަނީ ހަމަލާތައް ބަދަލު ކުރަމުން
ރޮއިޓާސް
ތާލިބާން އާ ރަޝިއާގެ ގުޅުން
ތާލިބާނަކީ މޮސްކޯ ގެ ރަހްމަތްތެރިއެއް: ޕުޓިން
އިސްލާމިކް އެމިރޭޓް އޮފް އަފްޣާނިސްތާން" ގެ ނަމުގައި އަފްޣާނިސްތާނުގައި ތާލިބާން އިން އުފައްދާފައިވާ ސަރުކާރު މިހާތަނަށް ރަޝިއާ އިން ބަލައިގަނެފައެއް ނުވެއެވެ.

ތާލިބާން އަކީ މޮސްކޯގެ ރަހްމަތްތެރިން ކަމަށް ރަޝިއާގެ ރައީސް ވުލެޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

2003 ވަނަ އަހަރުން ފެށިގެން ރަޝިއާ އިން މިހާތަނަށް މަނާ ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް އަފްޣާނިސްތާނުގައި ވެރިކަން ކުރަމުންދާ ތާލިބާނަކީ ޓެރަރިޒަމް އާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި މޮސްކޯގެ އެކުވެރި އެއް ކަމަށް ރަޝިއާގެ ރައީސް އަންގާރަ ދުވަހު ވަނީ ވިދާޅުވެފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި ތާލިބާން އާ ރަޝިއާ އިން ގުޅުން ބަދަހި ކުރުމަށް ރަޝިއާގެ އޮފިޝަލުންނަށް ޕުޓިން އެންގެވީ ހުސްވި މަހުގެ ތެރޭގައެވެ.

އާސްތާނާގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ، ތާލިބާން އަކީ މިހާރު އަފްޣާނިސްތާނުގެ ހުރިހާ ބާރުތަކެއް އޮތް ފަރާތްކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އެމޭރުމުން ބަލާއިރު، ޓެރަރިޒަމް އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ތާލިބާން ދެކެން ޖެހޭނީ އެކުވެރިއެއްގެ ގޮތުގައި ކަމަށް ޕުޓިން ވިދާޅުވިއެވެ.

2021 ވަނަ އަހަރުން ފެށިގެން ތާލިބާން އިން އަފްޣާނިސްތާން ކޮންޓްރޯލް ކުރަން ފެށި ހިސާބުން، ތާލިބާން އާ ވާދަވެރި އައިސިސް-ކޭ ޖަމައާތާ އާ ދެމެދު އަންނަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ.

އައިސިސް-ކޭ ޖަމައާތަކީ މާޗް މަހު ރަޝިއާގެ ކޮންސަޓް ހޯލަކަށް ހަމަލާދީ 140 މީހުން މަރާލި ހާދިސާގެ ޒިންމާ އުފުލާފައިވާ ޖަމާއަތްކަން ފާހަގަ ކުރެވެއެވެ.

ޕުޓިން ވިދާޅުވީ، އަފްޣާނިސްތާން ހިންގުމުގައި ތާލިބާނުން ބައެއް ކަންކަމުގައި ޒިންމާ އުފުލާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެހެން ނަމަވެސް އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމުގައެވެ. އަދި އަފްޣާނިސްތާނުގެ ދާޚިލީ ހަމަޖެހުމަށް ތާލިބާނުން ޝައުގުވެރިވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

"އިސްލާމިކް އެމިރޭޓް އޮފް އަފްޣާނިސްތާން" ގެ ނަމުގައި އަފްޣާނިސްތާނުގައި ތާލިބާން އިން އުފައްދާފައިވާ ސަރުކާރު މިހާތަނަށް ރަޝިއާ އިން ބަލައިގަނެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް