ކ. މާލެ
|
5 ޖުލައި 2024 | ހުކުރު 10:29
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ
ރޮއިޓާސް
ޔޫރޯ 2024
ޖަރުމަނާ ދެކޮޅަށް ނިކުންނައިރު، ފުއެންޓޭ ހުރީ ބޮޑު އިތުބާރަކާ އެކު
ފުއެންޓޭ ބުނީ އެ ޓީމަކީ ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ޓީމު ކަަމަށާއި، އެ ޓީމުގައި ތިބި ކުޅުންތެރިންނަކީ ވެސް ހުނަރުވެރި އަދި މޮޅެތި ކުޅުންތެރިން ކަމަށެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި އެ ޓީމާ ދެކޮޅަށް ނިކުންނައިރު، ބޮޑު އިތުބާރެއްގައި ހުރި ކަމަށް ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ބުނެފި އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ޖަރުމަނާ ދެކޮޅަށް ސްޕެއިން ނިކުންނައިރު، މި ދެ ޓީމަކީ ވެސް މުބާރާތުގެ ފޭވަރިޓުންގެ ލިސްޓުގައި އޮތް ދެ ޓީމެވެ. ދެ ޓީމުން ވެސް ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖު އަދި ގަދަ 16 ވަނަ ބުރުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ފުއެންޓޭ ބުނީ ކުއާޓާ ފައިނަލްގެ މެޗަށް ނިކުންނައިރު، ސްޕެއިން އޮތީ ވަރަށް ރަނގަޅު ރޫޙެއްގައި ކަމަށެވެ. ޚާއްސަކޮށް މިހާތަނަށް މުބާރާތުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައި އޮތުމަކީ، ޓީމަށް ލިބޭނެ އިތުރު އުންމީދެއް އަދި އިތުބާރެއް ކަމަށް ވެސް ފުއެންޓޭ ބުންޏެވެ.

ސްޕެއިންގެ ޓީމާ ގުޅޭ ގޮތުން ފުއެންޓޭ ބުނީ އެ ޓީމަކީ ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ޓީމު ކަަމަށާއި، އެ ޓީމުގައި ތިބި ކުޅުންތެރިންނަކީ ވެސް ހުނަރުވެރި އަދި މޮޅެތި ކުޅުންތެރިން ކަމަށެވެ. ޖަރުމަނާ ދެކޮޅަށް ކުޅެން ޖެހޭއިރު، އެ ޓީމުގެ ފެންވަރު އިނގޭ ކަމަށާއި، އެ ޓީމާ ދެކޮޅަށް ކުޅޭނީ އެންމެ ފުރިހަމަ އަށް މަސައްކަތް ކޮށްގެން ކަަމަށް ވެސް ފުއެންޓޭ ބުންޏެވެ.

ޖަރުމަނަށް ބަލާއިރު އެ ޓީމުގައި ތިބި ކުޅުންތެރިންނަކީ ވެސް ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިން ކަމަށާއި، އެ ޓީމަކީ ވެސް ވަރުގަދަ ޓީމެއްކަން އިނގޭ ކަމަށް ފުއެންޓޭ ބުންޏެވެ. ސްޕެއިން އިން ކުރަން ޖެހޭ ކަންކަން ވެސް އިނގޭ ކަމަށާއި، ޖަރުމަނާ ދެކޮޅަށް ކުޅެ ސްޕެއިން އަށް ކާމިޔާބު ހޯދޭނެ ކަމުގެ ބޮޑު އިތުބާރެއް އޮތް ކަމަށް ވެސް ފުއެންޓޭ ވަނީ ބުނެފަ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް އައިއިރު، މިހާރު މުބާރާތުގައި އޮތް އަށް ޓީމަކީ ވެސް ވަރުގަދަ ޓީމުތަކެއް ކަމަށް ފުއެންޓޭ ޤަބޫލު ކުރެ އެވެ. މުބާރާތުގެ މިހާ ހިސާބުގައި ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނު ކަމަށް ވީ ނަމަވެސް، ކުޅެން ޖެހޭނީ ވިސްނުންތެރިކަމާއި، ރޭވުންތެރިކަމާއެކު ކަމަށް ވެސް ފުއެންޓޭ ވަނީ ފާހަގަކޮށްފަ އެވެ.

މީގެ ކުރިން ތިން ފަހަރެއްގެ މަތިން މުބާރާތް ކާމިޔާބު ކޮށްފައިވާ ސްޕެއިން އިން ވަނީ، މިއަހަރުގެ މުބާާރާތަށް ވަރަށް ބޮޑަށް ތައްޔާރު ވެސް ވެފަ އެވެ. އެ ޓީމުގެ ކޯޗަކަށް ފުއެންޓޭ ހަމަޖައްސައި، އޭނާއާ ހަވާލު ކުރި އެންމެ ބޮޑު މަސައްކަތަކީ ވެސް ސްޕެއިން އަށް ޔޫރޯ ގައި ކާމިޔާބު ހޯދައި ދިނުމެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ސްޕެއިން އިން ޖަރުމަނާ ދެކޮޅަށް ނިކުންނާނީ ހުކުރު ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް