ކ. މާލެ
|
3 ޖުލައި 2024 | ބުދަ 18:29
 ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
ރާއްޖެއެމްވީ
މާލީ ހާލަތު
މާލީ ހާލަތާއި ގުޅުވައި އެންމެ އާދައިގެ ރައްޔިތު މީހާ ހަމައިން ފިޔަވަޅު އަޅާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
އެމްޑީޕީ ސަރުކާރުގައި ކޮވިޑް-19 ގައި ފިޔަވަޅު އެޅީ އެންމެ މަތިން ފެށިގެން
ކަންބޮޑުވަނީ ފިޔަވަޅު އެޅުމުގައި އެންމެ އާދައިގެ ރައްޔިތު މީހާއަށް އެކަމުގެ ތަކުލީފުއުފުލަންޖެހޭތީ
ޖަވާބުދާރީކުރުވަން ކުރަންޖެހޭ ބައެއް މަސައްކަތްތައް ސަސްޕެންޑްކުރުމަށް ގާނޫނު އަސާސީގެ ބައެއް މާއްދާތައްވެސް ސަސްޕެންޑްކުރެވިދާނެކަމުގެ ބިރު އެބައޮތް

ސަރުކާރުގެ މާލީ ހާލަތާއި ގުޅުވައި އެންމެ އާދައިގެ ރައްޔިތު މީހާ ހަމައިން ފިޔަވަޅު އަޅާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ހޯދުމަށް ހުށަހެޅި ކުއްލި މައްސަލަ ހުށަހެޅުމަށްފަހުވެސް އެނގިގެންދިޔައީ އަންގާރަ ދުވަހުވެސް އަނެއްކާވެސް ސިޔާސީ މަގާމަކަށް މީހަކު އައްޔަންކުރިކަމެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ކޮންމެހެން ބޭނުންޖެހިގެން ނޫން ގޮތަކަށް އެއްވެސް ތަނަކަށް މީހުން ނުނަގާނެކަމަށެވެ. ނަމަވެސް ސިޔާސީ މަންފާ ހާސިލްކުރުމަށް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަދޭގޮތަށް މަގާމުތަކަށް މީހުން އައްޔަންކުރަމުންދާ ކަމަށެވެ.

މީކާއިލް ވިދާޅުވީ މާލީ ހާލަތާއި ގުޅުވައި ފިޔަވަޅު އެޅުމާއި ދެކޮޅު ނޫން ކަމަށާއި، ނަމަވެސް ކަންބޮޑުވަނީ ފިޔަވަޅު އެޅުމުގައި އެންމެ އާދައިގެ ރައްޔިތު މީހާއަށް އެކަމުގެ ތަކުލީފު އުފުލަންޖެހޭތީ ކަމަށެވެ. މި ސަރުކާރުން ފުރަތަމަވެސް ކަނޑަން ފެށީ ބޭރުގައި ކިޔަވަން ތިބި ދަރިވަރުންގެ ސްޓައިޕެންޑަށް ލިބޭ ޑޮލަރުކަމަށް މީކާއިލް ވިދާޅުވިއެވެ.

ކޮވިޑް-19 ޕެންޑަމިކް އޮތް އިރު، އަޅުގަނޑުމެން ސަރުކާރުން އަމަލުކުރީ މުޅިންތަފާތުކޮށް. ފިޔަވަޅުތައް އެޅީ އެންމެ މަތިން ތިރިއަށް. އެންމެ ފުރަތަމަ މުސާރަ ކެނޑިގެންދިޔައީ ކެބިނެޓް މެންބަރުންނާއި މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ކުންފުނިތަކުގައި އެންމެ އިސްކޮށް ތިއްބަވާ ފަރާތްތައް. ނަމަވެސް މި ސަރުކާރުގައި ފެންނަނީ އެއްކޮޅުން ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންގެ ސްޓައިޕެންޑަށްވާ ޑޮލަރު ލިމިޓްކުރެވިގެން އެކުދިންނަށް އެންގި މަންޒަރު. އަނެއްކޮޅުން ފެންނަނީ ޑެޕިއުޓީ މިނިސްޓަރުންނާއި ސިޔާސީ މަގާމުތަކަށް ޑިރެކްޓަރުން ނަގަމުންދާތަން. އެހެންވީމާ އެބޭފުޅުން ދައްކާ ވާހަކައާއި އަމަލާއި ދިމާނުވޭ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ މިހާރު އޮތް ހާލަތާއި މަތިކޮށް އަސާސީ ހައްގުތަކެއް ސަސްޕެންޑްކޮށްފާނެކަމުގެ ބިރުވެރިކަން އެބައޮތް ކަމަށެވެ. އެގޮތުން މަޖިލީހަށް މަތިކޮށްފައިވާ ޒިންމާތަކާއި، ޖަވާބުދާރީކުރުވަން ކުރަންޖެހޭ ބައެއް މަސައްކަތްތައް ސަސްޕެންޑްކުރުމަށް ގާނޫނު އަސާސީގެ ބައެއް މާއްދާތައްވެސް ސަސްޕެންޑްކުރެވިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

ކޮމެންޓް