ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުން ކަޓަން ޖެހުނު ނަމަވެސް، ރޮމޭނިއާގެ ކުޅުންތެރިން ކުރި ހިތްވަރަށް އެ ޓީމުގެ ކޯޗު އެޑްވާޑް އިއޮޑަނެސްކޫ ތައުރީފު ކޮށްފި އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރޮމޭނިއާ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ގްރޫޕް އީގެ އެއް ވަނައިގައި ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ރޮމޭނިއާ އަށް ވަނީ މުބާރާތް ނިމިފަ އެވެ.
އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ރޮމޭނިއާގެ ކޯޗު އިއޮކަނެސްކޫ ބުނީ، މުބާރާތުގެ ގަދަ 16 ވަނަ ބުރާ ހަަމައިން ރޮމޭނިއާ ނިންމާލަން ޖެހުނީ ރަނގަޅު ނިންމުމެއް ކަމަށެވެ. އެ މަސައްކަތަކީ މީގެ ދެ އަހަރު ދުވަސް ކުރިން ރޮމޭނިއާ އިން ފަށާފައިވާ މަސައްކަތެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
އިއޮކަނެސްކޫ ބުނީ ޖަރުމަނުގައި ކުރިއަށްދާ ޔުރޯ މުބާރާތަށް އައިސް، ރޮމޭނިއާ އިން އެ މަސައްކަތް ތަކުރާރު ކުރަމުން ދިޔައީ އެ ޓީމުގެ އެންމެހާ ސަޕޯޓަރުންނާ ވެސް އެކު ކަމަށެވެ. ރޮމޭނިއާގެ ސަޕޯޓަރުންނަކީ އެ ޓީމަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށާއި، މިހާތަނަށް އައިއިރު ރޮމޭނިއާގެ އުފަލުގައި ވެސް އަދި ހިތާމައިގައި ވެސް ސަޕޯޓަރުން ބައިވެރިވާ ކަމަށް އިއޮކަނެސްކޫ ބުންޏެވެ.
އިތުރަށް އޭނާ ބުނީ، މުބާރާތުގައި ވެސް އަދި މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ނެދަލެންޑްސްއާ ދެކޮޅަށް ރޮމޭނިއާގެ ކުޅުންތެރިން ކުރީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ. ޓީމުން ރަނގަޅު ހިތްވަރެއް ކުރި ކަމަށާއި، އެހެން ނަމަވެސް މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ދެރަވާނެ ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ޚާއްސަކޮށް ރޮމޭނިއާ އިން އިތުރަށް ކަންކަން ޙާސިލު ކުރަން ބޭނުންވި ކަމަށާއި، އެކަމަށްޓަކައި ގަދަ އަޅާ މަސައްކަތް ކުރި ކަަމަށް ވެސް އިއޮކަނެސްކޫ ބުންޏެވެ. އޭނާ ބުނީ ހިތްވަރު އެލުވާލައިގެން ތިބެން ބޭނުން ނުވާ ކަމަށާއި، ރޮމޭނިއާ އިން ކުރިއަށް ދާން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތުގައި ދެމި ތިބެން ބޭނުންވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ރޮމޭނިއާގެ ކޯޗަކަށް އިއޮކަނެސްކޫ ހަމަޖެއްސީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ.