ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 12:47
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލައިގައި ސަރުކާރަށް އައީ ޕްރެޝަރު ބޮޑުވަމުން
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލައިގައި ސަރުކާރަށް އައީ ޕްރެޝަރު ބޮޑުވަމުން
ރާއްޖެ އެމްވީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު
އިޒްރޭލް ޕާސްޕޯޓު މައްސަލައިގައި ސަރުކާރު ހޫނު ފެނަށް ވެއްޓުމުން، ހިލުވާލި ދަރަނި ދަންތުރައިގެ ވާހަކަ!
ބައެއް މީހުން ޤަބޫލު ކުރާ ގޮތުގައި، އަދި ތުހުމަތު ކުރާ ގޮތުގައި މި ދަނޑިވަޅުގައި މާލީ ޙާލަތުގެ ވާހަކަ ސަރުކާރުން ހިލުވާލީ، އިޒްރޭލު ޕާސްޕޯޓު މައްސަލައިގައި ސަރުކާރަށް ކުރިމަތިވަމުން އައި ޕްރެޝަރު ކުޑަ ކުރުމަށެވެ.

މި ދުވަސްކޮޅު އެންމެ ގަދަޔަށް ދެކެވެމުން އަންނަ ވާހަކަ އަކީ، ދައުލަތުގެ ދަރަނީގެ ވާހަކަ އެވެ. ދައުލަތުގެ މާލީ ޙާލަތުގެ ވާހަކަ އެވެ. ދައުލަތުގައި ފައިސާ ނެތުމުގެ ސަބަބުން، ދައުލަތް ހިންގުމަށް އުނދަގޫވާ ހިސާބަށް ކަންކަން ގޯސްފައިވާ ވާހަކަ އެވެ. އެކަމުގެ ސަބަބުން، ބޭސް ސިޓީ ގައި ލިޔެގެން ރައްޔިތުން ހިތި ބޭހެއް ބޯން ޖެހިދާނެ ވާހަކަ އެވެ.

އެހެން ނަމަވެސް، އެކަމާ ގުޅިގެން ސަރުކާރުން ދައްކަމުން އަންނަ ވާހަކަތަކާ މުޅިން ޤަބޫލު ނުވެވޭ ސަބަބުތަެއް ވެސް އެބަ ހުއްޓެވެ. މިއީ ހިނގަ ހިނގައި އޮތް ދައުލަތެކެވެ. އެހެންވީއިރު، މާލީ ޙާލަތު ގޯސްވެފައިވާކަން އިނގުނީ ސަރުކާރަށް ހަތް މަސް ދުވަސްވީ ފަހުން ހެއްޔެވެ؟ ސަރުކާރު ބަދަލުވުމުގެ މަރުޙަލާގައި، ޓައި އަޅުއްވައިގެން، ފަރި ގޮތްގޮތަށް ބުރުގާ އަޅުއްވައިގެން އިދާރާތަކަށް ވަޑައިގެންނެވިއިރު، އެކަން ނޭންގުނީބާ އެވެ؟

އޭރުގެ ސަރުކާރުން، ބާރުތައް ބަދަލު ކުރުމުގެ މަރުޙަލާގައި ފުރިހަމަ އަށް އެއްބާރުލުން ދެމުން ގެންދިޔަ އިރު، ދައުލަތުގެ މާލީ ޙާލަތު އައު ސަރުކާރަށް ނޭންގެންވީ ފަހެ ކީއްވެ ހެއްޔެވެ؟ ދައުލަތުގެ މާލީ ޙާލަތު އޭރު ގޯސް ނަަމަ، އެ ވާހަކަތައް ނުދައްކައި މި ބޭފުޅުންނަށް ތިބެވުނީސްބާ އެވެ؟ މި ހުރީ ހައްތަހާ ވެސް ޖަވާބު ބޭނުންވާ ސުވާލުތަކެވެ!

ކުއްލި އަކަށް ދައުލަތުގެ މާާލީ ޙާލަތާއި، ދަރަނި ދަންތުރައިގެ ވާހަކަ މި ބޭފުޅުން ދައްކަވާ ސަބަބަކާ ވިސްނާލަން ޖެހުނެވެ. އެކަމާ ދެތެރޭގައި ތަން ކޮޅެއް ފުންކޮށް ވިސްނާލިތަނާ ހިތަށް އެރި އެވެ. މިއީ ހަގީގަތުގައި ވެސް އެކަން އޮތް ގޮތްބާ އެވެ؟ ނުވަތަ ކަމެއް އޮއްބާލަން، ނޫން ނަމަ ކަމެއްގެ އަޑު ކަނޑުވާަލަން ދެއްކެވި ވާހަކައެއްބާ އެވެ؟

އަނެއްކޮޅުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވެސް މި ބޭފުޅުން ވިދާޅުވަމުން ގެންދެވީ، ކަންކަން ވަރަށް ރަނގަޅަށް އަދި ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. ބޭރުގެ އެކި އެކި ޤައުމުތަކުން މި ބޭފުޅުންނަށް އެހީތެރިކަން ދެއްވާނެ ކަމުގެ ފެހި ސިގްނަލް ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންވެ، އެއްވެސް ކަމަކާ ހާސް ވާން ނުޖެހޭ ކަމަށް ވެސް ގެންދެވީ ވިދާޅުވަމުންނެވެ.

މިވާހަކަތައް ދެކެވެން ފެށުމުގެ ކުރިން، އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލައިގައި ސަރުކާރަށް ވަަރަށް ޕްރެޝަރު ކުރިމަތިވަމުން ދިޔަ އެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ސަރުކާރަށް ގޮވާލަމުން ގެންދިޔައީ، އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމަށެވެ. އެކަމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދޮރު މަތީގައި ވެސް އިހުތިޖާޖު ކުރި އެވެ.

އާންމުންގެ ޕްރެޝަރާއި، ނުރުހުމުގެ ސަބަބުން، އެންމެ ފަހުން ސަރުކާރުން ނިންމީ އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށެވެ. އެކަަމަށްޓަކައި ޤާނޫނަށް ބަދަލު ގެންނަން ސަރުކާރުން ނިންމި އެވެ. ނަމަވެސް، އާންމުންގެ ނުރުހުން އަދިވެސް ސަރުކާރަށް އަމާޒުވި އެވެ. އެއީ ވަގުތު މަނާ ކުރެވެން އޮތް ކަމެއްގައި، ރައްޔިތުންގެ މަޖިލީހަށް އެކަން ފޮނުވީ، މައްސަލަ ދިގު ދަންމާލަން ކަމަށް ބުނެ އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމި ފަހުން، އެމެރިކާ އިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅަން ނިންމި އެވެ. އެއާއެކު ރާއްޖެ އަށް އިތުރު ޕްރެޝަރުތަކެއް އަންނާނެ ވާހަކަ ދެކެވެމުން ދަނިކޮށް، ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެމެރިކާ އަށް ވަޑައިގެން، އެ ޤައުމުގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަންއާ ބައްދަލު ކުރައްވައި، ފޮޓޯތައް ވެސް ޙިއްސާ ކުރެއްވި އެވެ.

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކަށް އެންމެ ބޮޑަށް ވާގިވެރިވާ އެއް ޤައުމަކީ އެމެރިކާ ކަަމަށްވީއިރު، އެ ފަދަ ޤައުމެއްގެ އިސްވެރިޔަކާ ދިވެހި ސަރުކާރުން ބައްދަލު ކުރުން ވެގެން ދިޔައީ، ގިނަ ދިވެހިންނަށް ބަލައި ގަންނަން އުނދަގޫ ކަމަކަށެވެ. ޚާއްސަކޮށް ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާ ގައި ހުށަހަޅާފައި ވަނިކޮށް، ރާއްޖެ އިން އެ ޤައުމާަ ބައްދަލު ކުރި ކުރުން ބަލައި ގަންނަން އުނދަގޫވި އެވެ.

އިޒްރޭލު ޕާސްޕޯޓުގެ މައްސަލައިގައި ސަރުކާރަށް ޕްރެޝަރު ބޮޑުވެފައި ވަނިކޮށް، އަނެއްކާ ވެސް ސަރުކާރުން ކުރި ކަމެއްގެ ސަބަބުން ގިނަ މީހުން އިންތިހާ އަށް ރަތަށް އެރި އެވެ. ސޯޝަލް މީޑިއާގެ އެކި އެކި މަންސަތަކުގައި ގިނަ މީހުން ދިޔައީ ސަރުކާރާ ދެކޮޅަށް ޝުއޫރުތައް ފާޅު ކުރަމުންނެވެ. އަނެއްކާ ވެސް ސަރުކާރަށް އެކަމުގެ ޕްރެޝަރު ބޮޑުވާން ފެށި އެވެ.

ބައެއް މީހުން ޤަބޫލު ކުރާ ގޮތުގައި، އަދި ތުހުމަތު ކުރާ ގޮތުގައި މި ދަނޑިވަޅުގައި މާލީ ޙާލަތުގެ ވާހަކަ ސަރުކާރުން ހިލުވާލީ، އިޒްރޭލު ޕާސްޕޯޓު މައްސަލައިގައި ސަރުކާރަށް ކުރިމަތިވަމުން އައި ޕްރެޝަރު ކުޑަ ކުރުމަށެވެ. ޕާާސްޕޯޓުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، އާންމުން ލައްވައި މާލީ ޙާލަތުގެ ވާހަކަ ދައްކައިގެން، ޕާސްޕޯޓުގެ ވާހަކަ އޮއްބާލަން ސަރުކާރުން ބޭނުންވީ ކަަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

މިކަން މި މަގުން ވެސް ހިނގައިދާނެ އެވެ. ނުދާންވީ ސަބަބެއް ވެސް ނެތެވެ. މީގެ ކުރިން ވެސް، ބައެއް ކަންކަމުގައި ސަރުކާރަށް ޕްރެޝަރު ބޮޑުވާން ފެށުމުން، އެހެންކަމަކާ މަތިކޮށް، އެކަމެއް ހިންދާލުމަށް ވަނީ މަސައްކަތް ކޮށްފަ އެވެ. އެހެންކަމުން، މިހާރު މި އުޅެނީ ހަގީގަތުގައި ވެސް މާާލީ މައްސަލަތަކެއް ދިމާވެގެންބާ އެވެ؟ ނުވަތަ އިޒްރޭލު ޕާސްޕޯޓު މައްސަލައިގައި ޕްރެޝަރު ކުޑަ ކުރުމުގެ ބޭނުމުގައިބާ އެވެ؟

ކޮމެންޓް