ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 12:35
ދުނިޔޭގެ ރެކޯޑް މުގުރާލާފަައިވާ "ދިގު" ބައިސްކަލް
ދުނިޔޭގެ ރެކޯޑް މުގުރާލާފަައިވާ "ދިގު" ބައިސްކަލް
ގިނީސް ވޯލްޑް ރެކޯޑްސް
ދިގު ބައިސްކަލް
ބައިސްކަލަކީ އާދައިގެ އެއްޗެކޭ ބުނާނެ ޖާގައެއް އެބަ އޮތް؟
ދުނިޔޭގެ ރެކޯޑް މުގުރާލާހާ "ދިގު" ބައިސްކަލެއް އުފެއްދުމުގެ ޚިޔާލު، ޝާލްކްގެ ސިކުނޑީގައި އެނބުރެން ފެށީ އޭނާގެ ޢުމުރުން ވަރަށް ހަގު އިރެއްގައެވެ. އެއީ އޭރު ދުނިޔޭގައި ހުރި އެންމެ ދިގު ބައިސްކަލުގެ ރެކޯޑާ ބެހޭ މައުލޫމާތު ލިބުނު ހިސާބުންނެވެ.

އެއްގަމު އުޅަނދުތަކުގެ ތެރެއިން އެންމެ އާދައިގެ އުޅަނދަކީ ކޮބައިތޯ އަހައިފިނަމަ، އެންމެ ގިނަ ބައެއްގެ ޖަވާބަކީ ބައިސްކަލަށް ވުން ގާތެވެ. ދޮގެއްވެސް ނޫންތާއެވެ. ފްރޭމްގަނޑަކާއި ދެފައިން އަނބުރާނެ ޕެޑަލްއަކާއި ކިރިޔާ އިށީނދެލެވޭ ވަރުގެ މަޑިއެކެއެވެ. ދެން، 2 ފުރޮޅާއި ޗޭނާއި ހުންގާނު ދަނޑިއެއްތާއެވެ. އިންޖީނަކަށް ބޭނުމެއް ނުވެއެވެ. ދަބަރަށްވެ ވީރާނާ ވިޔަސް، ހަށިގަނޑުގައި ވަރެއް ހުރީވިއްޔާ ދުވާނެއެވެ. އެހެން ނަމަވެސް، ބައިސްކަލީ އާދައިގެ އެއްޗެކޭ ބުނެވޭކަށްވެސް ނޯވެއެވެ. ދައްކަން މި އުޅެނީ ދާދި މިދާކަށް ދުވަހު، ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދި ބައިސްކަލެއްގެ ވާހަކައެވެ.

ވާހަކަ ފެށެނީ މިހާރު ޢުމުރުން 39 އަހަރު ފުރިފައި ވާ އިވާން ޝާލްކްގެ ޅަ އިރުގެ ހަނދާންތަކުންނެވެ. ދުނިޔޭގެ ރެކޯޑް މުގުރާލާހާ "ދިގު" ބައިސްކަލެއް އުފެއްދުމުގެ ޚިޔާލު، ޝާލްކްގެ ސިކުނޑީގައި އެނބުރެން ފެށީ އޭނާގެ ޢުމުރުން ވަރަށް ހަގު އިރެއްގައެވެ. އެއީ އޭރު ދުނިޔޭގައި ހުރި އެންމެ ދިގު ބައިސްކަލުގެ ރެކޯޑާ ބެހޭ މައުލޫމާތު ލިބުނު ހިސާބުންނެވެ. ކުޑައިރުގެ ޚިޔާލުތަކުގައި ޙަޤީޤީ ކުލަ ޖެއްސުމުގެ ޢަމަލީ މަސައްކަތް ޝާލްކްއަށް ފެށުނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. ހުސްވަގުތު ހޭދަ ކުރުމަށް ކޮށްލާ ކަމެއްގެ ގޮތުގައެވެ. ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާނެ ވަރުގެ ދިގު ބައިސްކަލެއް އުފެއްދުމަކީ އޭނާއަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަން، ޝާލްކް ޤަބޫލު ކުރިއެވެ. ނެދަރލަންޑްސްގެ އުފަން ރަށުގައި ޝާލްކް ދެން މަސައްކަތް ފެށީ އޭނާއާ އެއް ޚިޔާލެއްގެ މީހުން ހޯދައިގެން ކުރިއަށް ދެވޭތޯއެވެ. ޝާލްކް ނިސްބަތްވާ ޕްރޮންސަންބެއިޚް އަވަށުގެ މީހުންނަކީ ފަންނީ ކަންކަމުގައި، ނެދަރލަންޑްސްއަށް މަޝްހޫރު ބައެކެވެ. ނެދަރލަންޑްސް މީހުންނަކީ ބައިސްކަލަށް ފެންފަދަ ބައެކެވެ.

ޚިޔާލު އެއް ގޮތް ބަޔަކާއެކު ޝާލްކް ފެށި މަސައްކަތް ނިންމާލެވުނީ 4 އަހަރެއްހާ ދުވަހުންނެވެ. އެއީ ކޮވިޑް-19ގެ ލޮކްޑައުންއާ ހެދި ކުރިމަތިވި އެކި ތަކުލީފުތަކާއި މަސައްކަތް ޖެހުނު ދުވަސްތައް ނުހިމަނައެވެ. އެތައް އަހަރެއްގެ މަސައްކަތުން ޝާލްކްއާއި އޭނާގެ ޓީމުން އުފެއްދި ބައިސްކަލަކީ އާދައިގެ ބައިސްކަލެއް ނޫނެވެ. ގިނިސް ވަރލްޑް ރެކޯޑް ކަށަވަރު ވާނެ ހުރިހާ ގޮތެއް ބަލާ، އޭނާ އުފައްދާ ބައިސްކަލުގައި އެ ޝަރުތުތައް ހަމަވާނެކަން ކަށަވަރު ކުރިއެވެ.

ކަން އެހެން އޮތް ނަމަވެސް، ރެކޯޑް ކަށަވަރު ކުރުން ވީ، ޝާލްކްއާއި އޭނާގެ ޓީމަށް މާ ފަސޭހަ ކަމަކަށް ނޫނެވެ. ގިނިސް ރެކޯޑް ފޮތުން ޖާގަ ހޯދުމަށް އެ ޓީމުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޖޫން 3، 2023 ގައެވެ. ގިނިސްއިން ޚަބަރެއް ވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ގިނިސްގެ ލިޔުމުގައި ކަނޑައެޅީ، އެއީ "ދުނިޔޭގެ އެންމެ ދިގު ޓެންޑެމް" ކަމަށެވެ. ޓެންޑަމްއަކީ ބައިސްކަލާއި ދާދި އެއްގޮތަކަށް ހުންނަ، އެހެން ނަމަވެސް އެކަކަށް ވުރެ ގިނަ މީހުން އެއް ސަފަކަށް އަރައިގެން ދުއްވާ ގޮތަށް އުފައްދާފައި ހުންނަ އުޅަނދެކެވެ. ޝާލްކްއާއި އޭނާގެ ޓީމުން އުފެއްދި، ދުނިޔޭގެ އެންމެ އެންމެ ދިގު ބައިސްކަލު ދުއްވާލަން އެކަނިވެސް 2 މީހުން ބޭނުންވެއެވެ. ގިނިސްއިން ޓެންޑަމްއެއް ކަމަށް ކަނޑައެޅި ނަމަވެސް، ޝާލްކްގެ ފިކުރު ތަފާތެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި، ބައިސްކަލެއް ކަމަށް ގިނިސްއިން ބަލައިގަންނަ ޤަވައިދުތަކަށް، އޭނާގެ ބައިސްކަލު ފެތެއެވެ.

ގިނިސް ވަރލްޑް ރެކޯޑްސްގެ ޤަވައިދު ފޮތުގައި ވާ ގޮތުން 55.16 މީޓަރު ދިގު، އެ ބައިސްކަލުގައި އެންމެ ގިނަވެގެންވެސް ތިބެވޭނީ 2 މީހުންނަށެވެ. ކުރީ ހުންގާނާ ވީ ކޮޅުގައި އެކަކު އަދި ފަހަތުކޮޅުން ޕެޑަލްގައި ދެވަނަ މީހެކު އިންނަ އުސޫލުންނެވެ. ނަމަވެސް ޝާލްކް ވަނީ، ބައިސްކަލުގެ ކުރީ ފުރޮޅާއި ފަހަތު ފުރޮޅާ ދެމެދު އޮތް ދަގަނޑު ފަތި މަތީގައި އިތުރު 3 މީހުން ތިބުމަށް ފުރުޞަތު ދީފައެވެ. އެއީ ބައިސްކަލު ދުއްވުމުގައި އެއްވެސް ވަރަކަށް އެހީވާ ބައެއް ނޫނެވެ. އެއީ ހަމަ އިތުރު ބަރެކެވެ. ނަމަވެސް ބައިސްކަލު ދުއްވިއިރު، އެންމެ ދިގު ބައިސްކަލަށް ޝަރުތު ހަމަވާ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެ ބައިސްކަލަށް އަރާ ތިބުމުން، އެ ރެކޯޑަށް ކޮލިފައި ނުވާ ކަމަށް ގިނިސްއިން ކަނޑައެޅީއެވެ.

ގިނިސްގެ ނިންމުމާ މެދު، ޝާލްކްއާއި އޭނާގެ ޓީމުން އެންމެ ފުރަތަމަ ހިތްހަމައެއް ނުޖެހުނެވެ. ނަމަވެސް ދުނިޔޭގެ އެންމެ ދިގު ޓެންޑަމްގެ ރެކޯޑް ޤަބޫލު ކުރިއެވެ. އޭގެ ފަހުން، ދުއްވާލެވޭ ގޮތަށް އުފައްދާ އެންމެ ދިގު ބައިސްކަލުގެ ރެކޯޑް މުގުރާލުމަށް ނިންމިއެވެ. އެންމެ 2 މީހުންނާއެކު ދުއްވާލެވޭ ގޮތަށް، ދުނިޔޭގެ އެންމެ ދިގު ބައިސްކަލު އުފައްދާ، ރެކޯޑް ކަށަވަރުވެސް ކުރިއެވެ. ދުނިޔޭގެ ރެކޯޑް ފޮތުން 2 ވަނަ ޖާގައެއްވެސް ލިބުނު ކަން ގިނިސްއިން ޝާލްކްއާއި އޭނާގެ ޓީމަށް ކަށަވަރު ކޮށްދިނީ ދާދި ފަހުންނެވެ.  

ޝާލްކްއާއި އޭނާގެ ޓީމުން އުފެއްދި، ދުނިޔޭގެ އެންމެ ދިގު ބައިސްކަލުގެ ހުރިހާވެސް ޖާދޫއެއް ވަނީ އޭގެ ކުރިއާއި ފަހަތު ބައިގައެވެ. 2 ފޮރޮޅު ގުޅާލަދޭ ހުރަސް ދަގަނޑު ފްރޭމްއަކީ، އިވެންޓްތަކަށް ސްޓޭޖް ތައްޔާރުކޮށްދީ ހަދާ ކުންފުންޏަކުން، ކުއްޔަށް ނެގި ބައެކެވެ. ހުރަސް ދަގަނޑު އޭގެ ވެރި ފަރާތާ ޙަވާލު ކުރުމަށް ފަހު، ޝާލްކްއާއި އޭނާގެ ޓީމުން އުފެއްދި، ދުނިޔޭގެ އެންމެ ދިގު ބައިސްކަލުގެ މައިގަނޑު ބައިތައް ގެންދަނީ ޕްރިންސެންބެއިޚްގެ ތާރީޚީ ދާރުލްއާޘާރަށެވެ.

ބައިސްކަލުގެ ރެކޯޑްތަކަށް ބަލާއިރު، މި ފަހުންވެސް ދާދި އެތައް ރެކޯޑެއް ފެނިއްޖެއެވެ. ދުއްވާލެވޭ އެންމެ އުސް ބައިސްކަލު، ދުއްވާލެވޭ އެންމެ ކުޑަ ބައިސްކަލު އަދި ދުއްވާލެވޭ އެންމެ ބަރު ބައިސްކަލުގެ ރެކޯޑްތަކަކީ ދާދި ފަހުން ފެނުނު ދުނިޔޭގެ ރެކޯޑްތަކެވެ. ވީ އިރު، ބައިސްކަލަކީ އާދައިގެ އެއްގަމު އުޅަނދެކޭ ބުނެވެން އެބަ އޮތް ހެއްޔެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް