ކ. މާލެ
|
29 ޖޫން 2024 | ހޮނިހިރު 20:08
ވަގަށް އެތެރެކުރިކަމަށް ކަސްޓަމްސްއިން ބުނެފައިވ ސިނގިރެޓްތަކެއް
ވަގަށް އެތެރެކުރިކަމަށް ކަސްޓަމްސްއިން ބުނެފައިވ ސިނގިރެޓްތަކެއް
ކަސްޓަމްސް
ވަގަށް ސިނގިރެޓް އެތެރެކުރި މައްސަލަ
ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ 1.7 މިލިއަން ސިނގިރޭޓް އަތުލައިގަނެފި
މިތަކެތީގެ ލަފާކުރެވޭ މާކެޓް ވެލިއުއަކީ 1,600,596.00 ރުފިޔާ
މި އޮޕަރޭޝަނުގައި ޖުމްލަ 173 ކާޓޫން ސިނގިރެޓް އަތުލައިގަނެވުނު

ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 1.7 މިލިއަން ރުފިޔާގެ ސިނގިރޭޓް އަތުލައިގަނެފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނީ ކަސްޓަމްސްގެ އިޖުރާއަތުތައް ފުރިހަމަނުކޮށް، ރާއްޖެއަށް ސިއްރުން ސިނގިރޭޓްތަކެއް އެތެރެކޮށްފައިވާކަމުގެ ތުޙުމަތުކުރެވިގެން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ކޯޓް އަމުރުގެ ދަށުން، 2024 ޖޫން 24 ވަނަ ދުވަހު ހުޅުމާލޭގެ ތަނެއް ބަލައި ފާސްކުރެވިފައިވާއިރު، މާލެ އާއި ހުޅުމާލޭ ގެ 4 (ހަތަރު) ތަނެއް 2024 ޖޫން 26 ވަނަ ދުވަހު ބަލައި ފާސްކުރެވިފައިވާ ކަމަށެވެ.

އަދި މި އޮޕަރޭޝަނުގައި ޖުމްލަ 173 ކާޓަން ނުވަތަ 1,731,597 ( އެއް މިލިއަން ހަތްސަތޭކަ ތިރީސް އެއްހާސް ފަސްސަތޭކަ ނުވަދިހަ ހަތެއް) ސިނގިރޭޓް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އަދި މިތަކެތީގެ ލަފާކުރެވޭ މާކެޓް ވެލިއުއަކީ 1,600,596.00 (އެއްމިލިއަން ހަލައްކަ ފަސްސަތޭކަ ނުވަދިހަ ހައެއް) ދިވެހި ރުފިޔާ ކަމަށްވާއިރު، މިތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 5.6 މިލިއަން ދިވެހި ރުފިޔާ ދައުލަތައް ދައްކަންޖެހޭ ކަމަށެވެ.

އަދި މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން އެއްބާރުލުން ލިބެމުންދާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

މިގޮތަށް ހިންގޭ އޮޕަރޭޝަންތަކުގެ ތެރެއިން މިފަދަ މުދާ ގެންގޮސް ވައްދާ ތަންތަން ބަލައިފާސްކޮށް އެތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް އޮޕަރޭޝަންތަކުގައި ފާހަގަކުރެވޭ، ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ތަކެތި އެތެރެކޮށް ބޭރުކުރާ ފަރާތްތަކުގެ މައްސަލަތައް ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް