Advertisement
ކ. މާލެ
|
29 އޮކްޓޯބަރ 2025 | ބުދަ 11:40
ކަސްޓަމްސްގެ ހެޑް އޮފީސް
ކަސްޓަމްސްގެ ހެޑް އޮފީސް
މޯލްޑިވްސް ކަސްޓަމްސް ސާރވިސް
ކަސްޓަމްސްގެ 2 ޑެޕިއުޓީ ކޮމިޝަނަރުން މަގާމުން ވަކި ކޮށްފި
ޓެކްސް އަށް ގެނައި ކުއްލި ބޮޑު ބަދަލާ ގުޅިގެން ވަގަށް ސިނގިރޭޓު އެތެރެ ކުރުން އިތުރުވެ، ކަޅު ބާޒާރުގައި ސިނގިރޭޓު ވަރަށް އަގުހެޔޮ ކޮށް ލިބޭ ކަމަށް މައުލޫމާތު ލިބޭ

ރާއްޖެ އަށް ގާނޫނާ ގަވާއިދާ ހިލާފަށް ސިނގިރޭޓު އެތެރެކުރި ދެ މައްސަލައަކާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން މަގާމުން ވަކިކޮށް، ތިން މުވައްޒަފަކަށް ފިޔަވަޅު އަޅަން އަންގައިފި އެވެ.

ބުދަ ދުވަހު އެކްސްގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން (241 ކޮމިޓީ އިން) ދިރާސާ ކޮށްފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ގާާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލަ އާއި، ބޮންޑެޑް ވެއަރ ހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނު ތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ޚިލާފަށް އެ ބޮންޑެޑް ވެއަރހައުސް އިން ނެރެފައިވާ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ފޮނުއްވި ސިޓީގައި ދީފައިވާ މައުލޫމާތާއި ލަފާއަށް ރިއާޔަތްކޮށް، ކަސްޓަމްސްގެ ދެ މުވައްޒަފަކު ވަކިކޮށް، އެތަނުގެ އިތުރު ތިން މުވައްޒަފަކަށް ފިޔަވަޅު އަޅަން އަންގަވާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ގެ މަގާމުގައި ތިއްބެވި 2 ބޭފުޅަކު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވަކިކޮށްފައިވާ ކަމަށެވެ. އަދި ކަސްޓަމްސް ގެ އިތުރު 3 މުވައްޒަފަކާއި ގުޅޭގޮތުން، ކަސްޓަމްސް އިން އަމަލު ކުރަމުންދާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ފިޔަވަޅު އެޅުމަށް އަންގާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، ދަ ހޯކްސްގެ ތެޔޮ ބޯޓެއްގައި ރާއްޖެއަށް ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ ސިނގިރޭޓް ކާޓޫނު ތައް އަތުލައިގަނެ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އަދި އެ ބޮންޑެޑް ވެއަރހައުސްގައި ހުއްޓައި، ކަސްޓަމްސް އަށް ނޭނގި އެތަކެތި ވަނީ ނެރިފަ އެވެ. އެއީ 8475 ސިނގިރޭޓު ކާޓޫނެވެ.

މި ސަރުކާރުން ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް ބޮޑު ކުރުމާއި ގުޅިގެން ރާއްޖެ އަށް ވަގަށް ސިނގިރޭޓާއި، ވޭޕް އަދި ދުންފަތް އެތެރެ ކުރާ މިންވަރު ވަނީ އިތުރު ވެފަ އެވެ. އަދި ކަޅު ބާޒާރުގައި ސިނގިރޭޓު ވަރަށް އަގުހެޔޮ ކޮށް ލިބޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން ނެވެ.

- ކޮމެންޓް