ކ. މާލެ
|
29 ޖޫން 2024 | ހޮނިހިރު 19:51
އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، އޭނާ ވިދާޅުވީ ސަރުކާރުން ދިޔައީ ހާލަތާ ނުބައްދަލު ބޭކާރު ހަރަދުތަކެއް ކުރަމުން ކަމަށް
އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، އޭނާ ވިދާޅުވީ ސަރުކާރުން ދިޔައީ ހާލަތާ ނުބައްދަލު ބޭކާރު ހަރަދުތަކެއް ކުރަމުން ކަމަށް
ރާއްޖެއެމްވީ
ރާއްޖޭގެ އިގްތިސާދީ ހާލަތު
ވެރިކަން ބަދަލުވިއިރު ރާއްޖޭގެ އިގްތިސާދު ދިޔައީ ބާރަށް ކުރިއަރަމުން - އަމީރު
ޓްރާންސިޝަން މަރުހަލާގައި އިންތިހާބީ ސަރުކާރަށް މައުލޫމާތުދީ، ފައިނޭންސިންގ ޕްރޮޕޯޒަލްތައްވެސް ތައްޔާރުކޮށްދީފައިވާނެ
އިންފްލޭޝަން ހުރީ ކޮންޓްރޯލް ލެވެލްއެއްގައި 2 އިންސައްތައިގައި
އިގްތިސާދު ކުރިއަރަމުންދިޔަކަމުގެ ހެޔޮ އަސަރު ރާއްޖޭގެ އިގްތިސާދުން މި އަހަރުގެ ފުރަތަމަ 4 މަހުގައި ފެނުނު

ވެރިކަން ބަދަލުވިއިރު ރާއްޖޭގެ އިގްތިސާދު ދިޔައީ ބާރަށް ކުރިއަރަމުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މާލީ ހަލާތާއި އިގްތިސާދީ ހާލަތު ދަށްވެފައިވަނީ އެމްޑީޕީގެ ސަރުކާރުން އަމަލުކުރި ގޮތުން ކަމަށް ބުނެ މި ސަރުކާރުން ދައްކަމުން އަންނަ ވާހަކަތަކުގެ ހަގީގަތް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ވެރިކަން ބަދަލުވިއިރު ރާއްޖޭގެ އިގްތިސާދު ދިޔައީ ބާރަށް ކުރިއަރަމުން ކަމަށެވެ. އެގޮތުން ޓުއަރިޒަމް ޕީކް ސީޒަނަށް އެ ސިނާއަތް ދިޔައީ ތައްޔާރުވަމުން ކަމަށާއި، އެޑްވާންސް ބުކިންތައް ލިބެމުންދިޔަ ކަމަށެވެ. އަދި އެކަމުގެ ހެޔޮ އަސަރު ރާއްޖޭގެ އިގްތިސާދުން މި އަހަރުގެ ފުރަތަމަ 4 މަހުގައި ފެނުނު ކަމަށެވެ.

2024 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 5.5 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކުރި. އިންފްލޭޝަން ހުރީ ކޮންޓްރޯލް ލެވެލްއެއްގައި 2 އިންސައްތައިގައި. ޕްރައިވެޓް ސެކްޓަރ ދިޔައީ ފުޅާވަމުން، ހަރަކާތްތައް ދިޔައީ އިތުރުވަމުން.
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

އަމީރު ވިދާޅުވީ ދައުލަތުގެ ފިސްކަލް ހާލަތު ދިޔައީ މެނޭންކުރަމުން ކަމަށެވެ. އެގޮތުން ކޮވިޑް-19 އާއެކު ދައުލަތުގެ މާލީ ހާލަތަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވި ކަމަށާއި، ސްޓްރެޓަޖީއަކަށްވީ އަވަހަށް ކޮވިޑް-19ގެ އަޑިގަނޑުން އަރައިގަތުން ކަމަށެވެ. އަދި އޭގެ ފަހުން ފިސްކަލް ކަރެކްޓިވް މެޝަރސް (ފިސްކަލް ރިފޯމް) ތައް އެޅުނު ކަމަށެވެ.

މީގެ އިތުރުން 2021 އަދި 2022 ފެ ފިސްކަލް ސްޓްރެޓަޖީގައި 6 ބިލިއަން ރުފިޔާގެ ފިސްކަލް އެޖަސްޓްމަންޓެއް ގެނައުމަށް ހުށަހަޅައި ތަންފީޒުކުރަން ފެށުނު ކަމަށެވެ. އަދި ޖީއެސްޓީ ރޭޓުތައް 2023 ވަނަ އަހަރު ބޮޑުކުރީ މި ސްޓްރެޓަޖީގެ ދަށުން ކަމަށާއި، އެއާއެކު ދައުލަތުގެ އާމްދަނީ ދަނީ މިހާރުވެސް ބޮޑުވަމުން ކަމަށެވެ.

މީޑިއަމް ޓަރމް ރެވެނިއު ސްޓްރެޓަޖީގައި މިހާރު ފަށާފައިއެވަނީ ވެސް މެދުރާސްތާގައި އަމްދަނީ އިތުރުކުރުމަށް ޓާގެޓް ކުރި ހިސާބުން، ޖީޑީޕީގެ ނިސްބަތުން 32.5 އިންސައްތަ. ފިސްކަލް ރިފޯމް ޕްލޭންގައި ހަރަދުތަކުގެ ސިޔާސަތުތައް މުރާޖާކުރުންވެސް ހިމެނޭ. އައު ސަބްސިޑީ އަދި އާސަންދަ ނިޒާމުތައް އެކުލަވާލުމަށާއި ޕޮލިޓިކަލް އިކޮނަމީން އެ ބަދަލުތައް ގަނައުމަށް ޖާހަ ހޯޑުމަށް މަސައްކަތް ކުރިން. ސިޔާސަތަށް ބަދަލު ގެނެސްގެން ކުޑަކުރުމަށް ރޭވި ރިކަރަންޓް ހަރަދު، 2023 ވަނަ އަހަރުގެ ތެރޭގައި ކުޑަކުރިވިފައިނުވޭ. މީގެ ތެރޭގައި އާސަންދަ ސްކީމް އިސްލާހުކުރުމަށާއި، ސަބްސިޑީ ރެޖީމް އަލުން އެކުލަވާލުން ހިމެނޭ. މިއީ ފުޅާ ދާއިރާއެއްގައި ސިޔާސީ ފަރާތްތަކުގެ ސަޕޯޓް ލިބިފައިވާ ކަމަށް ނުވުމާއެކު، ރިޔާސީ އިންތިހާބުގެ ބޯމަތީގައި ކުރަން ދަތިވި ރިފޯމްތަކެއް. ނަމަވެސް ސަބްސިޑީ ބަދަލުކުރާނެ ގޮތާއި ތަންފީޒުކުރާނެ ގޮތުގެ ގިނަ އިންތިޒާމްތަކެއް ވާނީ ހަމަޖައްސާފައި. ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގައި ބޮޑެތި އިންއެފިޝިއަންސީ ހުރި. އެކަން ފާހަގަކޮށް އަޅަންޖެހޭ ފިޔަވަޅިތަކަށް ދިޔައީ ތައްޔާރުވަމުން
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

އަމީރު ވިދާޅުވީ ގެންޖެހުންތައް ހުރިނަމަވެސް ބަޖެޓަށް ބޭނުންވާ ފައިނޭންސިންގ ހޯދާފައިވާކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން 2020 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އާމްދަނީ ބޮޑުތަކުން ދަށްވުމާއެކު ސަރުކާރުން ދޭން ބޭނުންވާ އަސާސީ އަދި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށާއި އިޖްތިމާއީ ރައްކާތެރިކަން ގާއިމްކުރުމަށާއި ރައްޔިތުން ބޭނުންވާ އަސާސީ އަދި އިގްތިސާދީ ތަަރައްގީގެ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ބަޖެޓަށް ބޭނުންވާ ފައިނޭންސިންގ ހޯދުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް އަމީރު ވިދާޅިވިއެވެ.

އަމީރު ވިދާޅުވީ މި މުއްދަތުގެ ތެރޭގައި ހާރިޖީ ސިޔާސަތުގެ ތެރެއިން އަދި ދުނިޔޭގެ މާލީ ބާޒާރުގައި ހަރަކާތްތެރިވެގެން ބަޖެތަށް ބޭނުންވާ ފައިނޭންސިންގ ހޯދި ކަމަށެވެ. އަދި އޮމާންކަމާއެކު ކަންކަން ކުރިއަށް ގެންދިއުމަށް މިއީ މުހިންމު ކަމެއްގެ ގޮތުގައި އަމީރު ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިހާބުން ސަރުކާރު ބަލިވުމާއެކު ފައިނޭންސިނގް ހޯދިމަށް ދަތިވި. ސަބަބަކީ އިންވެސްޓަރުން ދެން ބަލަން ބޭނުންވާނީ އަލަށް އަންނަ ސަރުކާރާއެކު މަސައްކަތްކުރުމަށް ކަމަށްވާތި. އަދ ސަރުކާރުން ވެސް ޓްރާންސިޝަން މުއްދަތުގައި އިތުރު ދަރަނި ނެގުމުގެ ބަދަލުގައި، އައު ސަރުކާރަށް އެކަމުގައި ސިޔާސަތު ކަނޑައެޅުމުގެ އިހްތިޔާރު ދޭން ވާނެތީ. އަދި ހިނގަމުންދިޔަ މަޝްރޫއުތަކުގެ ދުވެލި 2023 ވަނަ އަހަރު ބާރުވުމާއި، ހަރަދު ރިފޯމް ކުރަން އަޅަން ބޭނުންވި ފިޔަވަޅުތައް ލަސްވުމުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހުނު. މި ބަޖެޓުގައި އިންތިހާބީ ސަރުކާރުން ބޭނުންވި ކަންކަންވެސް ހިމެނިން. މިސާލަކަށް ހިޔާ ފުލެޓުގައި ލިފްޓް ހަރުކުރަން ބޭނުންވި ފައިސާގެ ބައެއް. މި ބަޖެޓަށް އޭރު ސަރުކާރަށް ފައިސާ ނުހޯދޭނެތީ، ޓްރާންސިޝަން މަރުހަލާގައި އިންތިހާބީ ސަރުކާރަށް މައުލޫމާތުދީ، ފައިނޭންސިންގ ޕްރޮޕޯޒަލްތައްވެސް ތައްޔާރުކޮށްދީފައިވާނެ.

އަމީރު ވިދާޅުވީ މި ސަރުކާރުން ދިޔައީ ހާލަތާ ނުބައްދަލު ފިޔަވަޅުތައް އަޅަމުން ކަމަށެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ، ސަރުކާރުގެ މަސައްކަތްތައް ފުޅާކޮށް، ވައުދުފުއްދުމުގެ ނަމުގައި މަސައްކަތް ފެށީ ދައުލަތުގެ ފުއްދުންތެރިކަމަށް ފަރުވާލެއް ނުބަހައްޓަވާ ކަމަށެވެ. އަދި ހަފްތާ 14 ގެ ނަމުގައި އެތައް ވައުދުތަކެއްވެ އޮފީސްތަކުން، ބަޖެޓް އޮތަސް ނެތަސް ފައިސާ ހުއްޓަސް ނެތަސް އިތުރު ހަރަދުތަކަކަށް ކޮމިޓްވީ އެއ ދެމެހެއްޓޭނެ ކަމެއްތޯވެސް ނުބައްލަވާ ކަމަށެވެ.

އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު އަދިވެސް އޮތީ ރަނގަޅުކަމަށެވެ. އަދި މިހާރު އޮތީ 2019 ވަނަ އަހަރު އޮތް މިންވަރަށްވުރެވެސް ރަނގަޅު ހާލަތެއްގައި ކަމަށާއި، މައްސަލައަކީ ސަރުކާރަށް ކަންކަން ކުރަން ނޭނގުން ކަމަށެވެ.

ކޮމެންޓް
- ގުޅުންހުރި