ކ. މާލެ
|
29 ޖޫން 2024 | ހޮނިހިރު 11:40
މީގެ ކުރިން ޖަލަށް ވައްދާފައިވާ ފޯނާއި ބައެއް އިލެކްޓްރޯނިކް ސާމާނުތައް (ފައިލް ފޮޓޯ)
މީގެ ކުރިން ޖަލަށް ވައްދާފައިވާ ފޯނާއި ބައެއް އިލެކްޓްރޯނިކް ސާމާނުތައް (ފައިލް ފޮޓޯ)
ޕޮލިސް
ޖަލަށް ފޯނާއި ޑްރަގް ވެއްދުން
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި އޮފިސަރުންގެ ބަންދުގެ މުއްދަތު ޖަހައިފި
13 އޮފިސަރުންގެ ތެރޭގައި ކ. މާފުށިން ހައްޔަރުކުރި 9 އޮފިސަރުން ހިމެނޭ
އޭގެ ތެރެއިން 2 މީހަކު 5 ދުވަހަށް ވަނީ ބަންދުކޮށްފައި
ބާކީ ތިބި 11 މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވޭ

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ބައިވެރިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އޮފިސަރުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި އެތަނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން އެހީތެރިވާ ކަމުގެ ތުހުމަތުގައި، އެކަމުގައި ބައިވެރިވާ މީހުން ހޯދުމުގެ ޚައްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.

ދާޚިލީ ވަޒީރު އަލީ އިހްސާން ބައިވެރިވެ ވަޑައިގެންނެވި ފުލުހުންގެ މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިހްސާން ވިދާޅުވީ މައްސަލައިގައި ކަރެކްޝަންސްގައި މަސައްކަތް ކުރާ 18 އޮފިސަރުން ހިމެނޭ ކަމަށާއި އެ އޮފިސަރުންގެ އެކައުންޓަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ވަދެފައި ވާކަމަށެވެ. އެގޮތުން ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި 13 އޮފިސަރުންގެ ތެރޭގައި ހިމެނެނީ، ކ. މާފުށިން ހައްޔަރުކުރި 9 އޮފިސަރުންނާއި ކ. ކާށިދޫން ހައްޔަރުކުރި 2 އޮފިސަރުންނާއި ހއ. އުތީމުން ނާއި މާލެއިން ކޮންމެ ރަށަކުން ހައްޔަރު ކުރި އޮފިސަރެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެމީހުން ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމަން ގެންދިއުމުން އޭގެ ތެރެއިން 2 މީހަކު 5 ދުވަހަށް އަދި ބާކީ ތިބި 11 މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް