ކ. މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއެއް ނިޔާވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ނައިޖީރިއާގެ ރައްޔިތެއްކަމުގައިވާ 35 އަހަރުގެ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ބުދަ ދުވަހު ނިޔާވެފައިވާ ކަމަށެވެ.
ކަރެކްޝަންސްއިން ބުނީ ބުދަ ދުވަހުގެ ހަވީރު އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ޔާޑްގައި އެހެން މީހުންނާއެކު ކުޅެން ހުއްޓާ ކުއްލިއަކަށް ވެއްޓުމުން، ވަގުތުން އޭނާ ވަނީ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދިނުމަށްފަހު، 4 މިނެޓްތެރޭ މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށެވެ. އަދި ޑޮކްޓަރު އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ނިޔާވެފައިވާކަމަށް ކަނޑައަޅާފައި ވަނީ 17:20 ހާއިރު ކަމަށެވެ.
މީގެ އިތުރުން ކަރެކްޝަންސްއިން ބުނީ އޭނާއަކީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށެވެ. އަދި އޭނާއަކީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާހޯދަމުން އަންނަ ފަރާތެއް ނޫން ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.
އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ނިޔާވުމާ ގުޅިގެން، އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގާފައިވާ ކަމަށް އެސަރވިސްއިން ބުނެއެވެ.