ކ. މާލެ
|
29 ޖޫން 2024 | ހޮނިހިރު 10:35
މެޗުގައި ލަނޑު ޖެހުމަށްފަހު ކޮލަމްބިއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ކޮލަމްބިއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ޓްވިޓަރ
ކޮޕާ އެމެރިކާ 2024
ކޮސްޓަ ރިކާ ބަލިކޮށް، ކޮލަމްބިއާ އެއް ވަނަ އަށް
ކޮލަމްބިއާ ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓާއެކު އެވެ.

ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ކޮސްޓަ ރިކާ ބަލިކޮށް، ކޮލަމްބިއާ އިން ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކޮލަމްބިއާ އިން ވަނީ ޕެރަގުއޭ ބަލިކޮށްފަ އެވެ. ކޮސްޓަ ރިކާ އިން ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި ބްރެޒިލާ އެއްވަރުކޮށްފަ އެވެ.

ކޮސްޓަ ރިކާއާ ދެކޮޅަށް ކުޅުނު މެޗު ކޮލަމްބިއާ އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ކޮލަމްބިއާ އިން އެއް ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ފަހު ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ކޮލަމްބިއާ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެ ޓީމަށް ލީޑު ނަގައިދިނީ ލުއިސް ޑިއާޒް އެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ކޮލަމްބިއާ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. ޖޯން އަރިއާސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ ޑެވިންސަން ސަންޗޭޒް އެވެ. މެޗުގައި ކޮލަމްބިއާގެ ފަހު ލަނޑު، 62 ވަނަ މިނެޓުގައި ޖެހީ ޖޯން ކޯޑޮބާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ހަމޭސް ރޮޑްރިގޭޒް އެވެ.

މޮޅާއެކު ކޮލަމްބިއާ ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓާއެކު އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެ ޓީމު ނިކުންނާނީ ދެ ވަނައިގައި އޮތް ބްރެޒިލާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް