ކ. މާލެ
|
16 ނޮވެންބަރ 2024 | ހޮނިހިރު 09:12
މެޗުގައި ލަނޑު ޖެހުމަށް ފަހު އުރުގުއޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު އުރުގުއޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން
އުރުގުއޭ އަތުން ބަލިވެ، ކޮލަމްބިއާ އިން ފުރުސަތު ނަގާލައިފި
ބައްޔާ އެކު ކޮލަމްބިއާ ތިން ވަނަ އަށް ވެއްޓިފައިވާއިރު، އުރުގުއޭ ވަނީ ދެ ވަނަ އަށް ޖެހިލައިފަ އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެކުނު އެމެރިކާ ސަރަހައްދުގައި އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ކޮލަމްބިއާ އިން އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ހޮނިހިރު ދުވަހުގެ ފަތިހު ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗު އުރުގުއޭ އިން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ކޮލަމްބިއާ އިން ލީޑު ނަގާފައި ވަނިކޮށް، އުރުގުއޭ އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ކޮލަމްބިއާ އަށް ލީޑު ނަގައިދިނީ ހުއާން ފެނާންޑޯ ކުއިންޓެރޯ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު އުރުގުއޭ އަށް ނަތީޖާ ހަމަހަމަވީ ކޮލަމްބިއާގެ ޑެވިންސަން ސަންޗޭޒް އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. މެޗުގައި އުރުގުއޭ އިން ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ 60 ވަނަ މިނެޓުގައި ރޮޑްރީގޯ އަކުއިރީ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަަތު ތަނަވަސްކޮށްދިނީ މަތިއަސް އޮލިވިއެރާ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ކޮލަމްބިއާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިިދިނީ އަންދްރެސް ގޮމޭޒް އެވެ. އެއީ ޖޯހަން މޮޖިކާ ތަަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ އިރުކޮޅެއް ފަހުން މެނުއަލް އުގާޓޭ ވަނީ ލަނޑު ޖަހައި، މެޗުން އުރުގުއޭ މޮޅު ކޮށްދީފަ އެވެ.

ބައްޔާ އެކު ކޮލަމްބިއާ ތިން ވަނަ އަށް ވެއްޓިފައިވާއިރު، އުރުގުއޭ ވަނީ ދެ ވަނަ އަށް ޖެހިލައިފަ އެވެ. މެޗުން މޮޅުވެ އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު ވެސް ކޮލަމްބިއާ އަށް އޮތެވެ. މިހާތަނަށް ކުޅުނު 11 މެޗުން 22 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ އާޖެންޓީނާ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އުރުގުއޭ އަށް 19 ޕޮއިންޓު ލިބޭއިރު، ތިން ވަނައިގައި ކޮލަމްބިއާ އަށް ވެސް ލިބެނީ 19 ޕޮއިންޓެވެ.

- ކޮމެންޓް