ކ. މާލެ
|
26 ޖޫން 2024 | ބުދަ 08:55
ސްލޮވޭނިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި އިންގްލެންޑުގެ ބައެއް ކުޅުންތެރިން
ސްލޮވޭނިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި އިންގްލެންޑުގެ ބައެއް ކުޅުންތެރިން
ރޮއިޓަސް
ޔޫރޯ 2024
އިންގްލެންޑާ އެއްވަރުކޮށް، ސްލޮވޭނިއާ ގަދަ 16 ވަނަ ބުރަށް
އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ތިން ވަނަ ޓީމުގެ ތެރޭގައި ހިމެނިގެން ސްލޮވޭނިއާ އަށް ވެސް ވަނީ މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގަ ލިބިފައި.

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންގްލެންޑާއި، ސްލޮވޭކިއާ ބައްދަލު ކުރި މެޗު އެއްވަރުވެއްޖެ އެވެ.

މުބާރާތުގައި އަންގާރަ ދުވަހުގެ ރޭ މި ދެ ޓީމު ބައްދަލު ކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި، އެއްވަރުވެގެންނެވެ.

މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިފަ އެވެ. މެޗުގައި ސްލޮވޭނިއާގެ ބެންޖަމިން ސެސްކޯ ވަނީ ރަނގަޅު ބޯޅައެއް ފޮނުވާލައިފަ އެވެ. ނަމަވެސް އިންގްލެންޑުގެ ގޯލު ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.

މެޗުގައި އިންގްލެންޑަށް ލަނޑު ޖަހަން އެ ޓީމުގެ ކެޕްޓަން ހެރީ ކޭން އާއި، ފިލް ފޮޑެން އަށް ވެސް ވަނީ ފުުރުސަތު ލިބިފަ އެވެ. ނަމަވެސް އެ ދެ ކުޅުންތެރިންނަށް ލިބުނު ފުރުސަތުގެ ބޭނުން ވެސް ހިފޭ ގޮތެއް ނުވި އެވެ.

މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއެކު، އިންގްލެންޑަށް ވަނީ ގްރޫޕް ސީގެ އެއް ވަނަ ލިބިފަ އެވެ. ގްރޫޕް ސްޓޭޖުގައި އެންމެ ފުރަތަމަ ކުޅުނު މެޗުން އިންގްލެންޑު މޮޅުވި ނަމަވެސް، ދެން ކުޅުނު ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.

ގްރޫޕްގެ އެއް ވަނައިގައި އިންގްލެންޑު އޮތީ ކުޅުނު ތިން މެޗުން ފަސް ޕޮއިންޓު ހޯދައިގެންނެވެ. އިންގްލެންޑާ އެއްވަރުކޮށް، ސްލޮވޭނިއާ އިން ވަނީ މި ގްރޫޕްގެ ތިން ވަނަ ހޯދައިފަ އެވެ. އެހެން ނަމަވެސް، އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ތިން ވަނަ ޓީމުގެ ތެރޭގައި ހިމެނިގެން ސްލޮވޭނިއާ އަށް ވެސް ވަނީ މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގަ ލިބިފަ އެވެ.

- ކޮމެންޓް