ލެކިއުޓުން މޯލްޑިވްސްއިން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ (މެކް) އާއި ގުޅިގެން އަހްމަދު އަޒްމީ (ބާޗީ)ގެ ކުރެހުންތައް ދައްކާލައިފިއެވެ.
ކުރެހުންތައް ދައްކާލުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މަޖީދީމަގުގައި ހުންނަ ލެކިއުޓް ފިހާރައިގައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ލެކިއުޓްގެ މާކެޓިންގް މެނޭޖަރ ޝަހާދާ އަހްމަދު ބުނެފައި ވަނީ މި އާރޓް އެގްޒިބިޝަންއަކީ މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީއާ ލެކިއުޓް ގުޅިގެން ބާއްވާ 17 ވަނަ އެގްޒިބިޝަން ކަމަށާއި ލެކިއުޓްގެ މަޤްސަދަކީ ކުރެހުންތެރިންނަށް އެމީހުންގެ ކުރެހުންތައް ލެކިއުޓް ފިހާރަ ތެރޭގައި ދައްކާލުމުގެ ފުރުސަތު ހުޅުވައިދިނުން ކަމަށެވެ. އަދި ކުރެހުންތެރިންނަށް އެމީހުންގެ ކުރެހުންތައް ވިއްކުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށާއި އެ ކުރެހުންތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ލިބޭނީ ކުރެހުންތެރިންނަށް ކަމަށް ޝަހާދާ ބުންޏެވެ.
އަޒްމީ ބުނެފައި ވަނީ އެގްޒިބިޝަންގައި ހުރި ކުރެހުންތަކަކީ 3 މަސް ވަންދެން އޭނާ ދަސްކޮށްފައިވާ އާ ޓެކްނީކެއްގެ ކުރެހުންތަކެއް ކަމަށާއި އެ ކުރެހުންތަކަށް ކިޔާ ނަމަކީ އެނިގްމާ ކަމަށެވެ. އަދި ކުޑައިރުސުރެއް އަޒްމީ (ބާޗީ) ހުރިހާ ވައްތަރެއްގެ ކުރެހުންތައް ކުރަހާއި ކަމަށާއި ކޮންމެ އާ ކުރެހުމެއް ކުރެހޭ ދުވަހަކީ އޭނާގެ ހަޔާތުގައި ވަރަށް އުފާވެރި ދުވަހެއް ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.
މި ކުރެހުންތައް ދައްކާލުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 9 ވަނަ ދުވަހުން ފެށިގެން 2 ހަފްތާއަށް ކަމަށް ލެކިއުޓުން ވަނީ ބުނެފައެވެ. އަދި އެއްވެސް ކުރެހުންތެރިއަކު އެމީހެއްގެ ކުރެހުންތައް ދައްކާލަން ބޭނުންވާ ނަމަ މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ މެދުވެރިކޮށް އެ ކަންތައްތައް ހަމަޖެއްސުމަށް ލެކިއުޓުން ވަނީ ބުނެފައެވެ.
ޝަހާދާ އިތުރަށް ވިދާޅުވީ މި ރަސްމިއްޔާތުގައި މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި އައު ކުރެހުންތެރިންތަކެއް ގުޅިފައިވާ ކަމަށެވެ. އަދި ކޮންމެ މަހަކުވެސް އެކި ފަހަރުމަތިން ތަފާތު އެކި ކުރެހުން ތެރިންގެ ކުރެހުންތައް ދައްކާލާނެ ކަމަށް ޝަހާދާ ވަނީ ބުނެފައެވެ.