ކ. މާލެ
|
25 ޖޫން 2024 | އަންގާރަ 12:26
ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް އެއާޕޯޓު ސެކިއުރިޓީގައި
ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް އެއާޕޯޓު ސެކިއުރިޓީގައި
ރާއްޖެ އެމްވީ
ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމްގެ ވީޑިއޯ އާއެކު ގިނަ ބައެއްގެ ޝުއޫރު އޮއްސާލައިފި!
ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް ވިދާޅުވީ، ޤައުމަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޤައުމުގެ އަބުރުވެރިއެއްގެ އުނު އަންނަ އުނު އެ ފެންވަރަށް ބަލައި ފާސް ކުރުމަކީ، މުޅި ޤައުމު ލަދު ގަންނަވާލުން ކަމަށް.

ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް އަކީ، މިޒާޖުގައި ވެސް މަޑުމައިތިރިކަމާއި، ހިތްތިރިކަން ހުންނަވާ ބޭފުޅެކެވެ. ޤައުމުގެ ނައިބު ރައީސްކަމުގެ މަޤާމު އަދާ ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ލިބުނު ނަމަވެސް، މިޒާޖަށް އެއްވެސް ބަދަލެއް ނާދެ އެވެ. ފައިޞަލް އަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މަދުން ނޫނީ ނުފެންނަ މިޒާޖުގެ ބޭފުޅެކެވެ. ހުރިހާ ގޮތަކުން ބެލި ނަމަވެސް، ފެންނަން ހުރީ އެ ފަދަ މިސާލުތަކެކެވެ.

ސިޔާސީ ޕޯޑިއަމްގައި ވާހަކަފުޅު ދެއްކެވި ނަމަވެސް، އެއްވެސް ބޭފުޅަކަށް ބަދު ބަހެއް ނުބުނުއްވަ އެވެ. ސިޔާސީ މީހުންނާއި، އަދި އާންމުންނާ ވެސް މުޚާތަބު ކުރެއްވުމުގައި ފައިޞަލް އަބަދު ވެސް މިސާލު ދައްކަވަ އެވެ. މިކަމަކީ ކޮންމެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހަކަށް ވިޔަސް، ޤަބޫލު ކުރާނެ ޙަގީގަތެކެވެ.

ހޯމަ ދުވަހު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ލިބުނީ، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމްގެ ވީޑިއޯ އަކަށެވެ. އެއާޕޯޓުގެ ސެކިއުރިޓީން ޗެކް ކުރުމަށްފަހު، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ބެލްޓު އަޅުއްވާ ވީޑިއޯ އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. އެ ވީޑިއޯއާ ގުޅިގެން އެކި މީހުން ވަނީ އެކި ޝުއޫރު ވެސް ފާޅުކޮށްފަ އެވެ. ޤައުމުގެ ބޮޑެތި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި، އާންމު ރައްޔިތުން ވެސް ވަނީ އެކި ޝުއޫރު ފާޅުކޮށްފަ އެވެ.

ފޭސްބުކްގައި ދައުރުވަމުން އަންނަ އެ ވީޑިއޯ ޙިއްސާ ކުރެއްވުމަށްފަހު، ކުރީގެ އުއްތަމަ ފަނޑިޔާރު އަޙުމަދު ފާއިޒް ވިދާޅުވީ، ޤައުމަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޤައުމުގެ އަބުރުވެރިއެއްގެ އުނު އަންނަ އުނު އެ ފެންވަރަށް ބަލައި ފާސް ކުރުމަކީ، މުޅި ޤައުމު ލަދު ގަންނަވާލުން ކަމަށެވެ.

ފާއިޒް ވިދާޅުވީ ނައިބު ރައީސުންނަކީ ދައުލަތުގެ ދެވަނަ އަށް އެންމެ މަތިވެރި ދަރަޖަ ކަމަށެވެ. އަބުރުވެރިކަމާއުކު އެ މަޤާމު ފުރުއްވާފައިވާ ބޭފުޅެއްގެ ކިބައިން އެދަރަޖަ ބީވެގެން ނުދާނެ ކަމަށް ވެސް ފާއިޒް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން އެ ބޭފުޅުންނަކީ ޤައުމުގެ ޙަގީގީ އިއްޒަތްތެރިން ކަމަށާއި، އެ ބޭފުޅުންގެ އިއްޒަތާއި ކަރާމާތް ދެމެހެއްޓުމަކީ ޤައުމީ ވާޖިބެއް ކަމަށް ވެސް ކުރީގެ އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.

އެ ވީޑިއޯ ޙިއްސާ ކުރެއްވުމަށްފަހު ޤާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވީ، އެއީ ހިތްދަތި މަަންޒަރެއް ކަމަށެވެ. އެގޮތުން ނައިބު ރައީސް ކަމުގެ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ބޭފުޅާ އަށް، ޤާނޫނުން ލިބިދޭ ޙައްގު މިންވަރަކީ އެއީ ކަމަށް ވަނީނަމަ، "ޤައުމެއް ނެތް" ކަމަށް އެ ބޭފުޅާ ވަނީ ވިދާޅުވެފަ އެވެ. އެކަމަށް އަވަސް ޙައްލެއް ހޯއްދަވަން ޖެހޭކަން ފާހަގަ ކުރައްވާ އެ ބޭފުޅާ ވިދާޅުވީ، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމްގެ ހިތްތިރި ކަމަށް އޮތީ ކުރުނީސް ކަމަށެވެ.

އެހެން ބޭފުޅަކު ވިދާޅުވީ، ފައިޞަލް ނަސީމަކީ ދިވެހި ރާއްޖެ ދުށް އެންމެ ތެދުވެރި އަދި އިޚުލާސްތެރި ނައިބު ރައީސް ކަމަށެވެ. އެގޮތުން ފަސް އަހަރު ދުވަހުގެ ދައުރެއް ނިންމަވާލެއްވީ، ރިވެތި ނަމޫނާ އާއި މިސާލު ދައްކަވަމުން ކަމަށް ވެސް އެ ބޭފުޅާ ވަނީ ވިދާޅުވެފަ އެވެ. ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމާ މެދު މިއަދު އެގޮތަށް ކަންތައް ކުރެއްވި ނަމަވެސް، އެ ބޭފުޅާގެ ޚިދުމަތަށް ދިވެހި ރައްޔިތުން ފަޚުރުވެރިވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އިތުރު ބޭފުޅަކު ވިދާޅުވީ އެކަމަކީ މިހާރުން މިހާރަށް ވެސް ޙައްލު ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ޤައުމުގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަކީ ވެސް، ޝަރަފުވެރި ބައެއްކަން އަންނަ އޮތް ޖީލުތަކަށް ދައްކައިދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެ ބޭފުޅާ ވިދާޅުވީ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ވެސް އުސޫލުތަކާ އެއް ގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށާއި، އެހެން ނަމަވެސް އެ ވީޑިއޯގައި ފެންނަ ގޮތަށް ވުރެ ރަނގަޅަށް، އިޙުތިރާމާއެކު ކަންތައް ކުރެވެން ވާނެ ކަމަށެވެ.

ބައެއް އެހެން ބޭފުޅުންގެ ޝުއޫރުތަކަށް ބަލާއިރު، ޤައުމުގެ ރައީސްކަން ކުރައްވާފައި ތިބި ބޭފުޅުން، އަދި ނައިބު ރައީސްކަން ކުރައްވާފައި ތިބި ބޭފުޅުންނަކީ ޝަރަފުވެރި ބޭފުޅުންނަށްވާއިރު، އެ ބޭފުޅުންނާމެދު އިޙުތިރާމާ އެކު ކަންތައް ކުރަން ޖެހޭނެ އެވެ. އެގޮތުން، ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ވެސް އިނާޔަތާއި، ސަލަމަތާއި ރައްކާތެރިކަން ލިބޭއިރު، ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ވެސް ކޮންމެ ވެސް ވަރެއްގެ ސަލާމަތާއި ރައްކާތެރިކަން އަދި އިޙުތިރާމް އޮންނަން ވާނެ އެވެ.

އެގޮތުން، ރައީސްކަމަށް ވަޑައިގަންނަވާ ބޭފުޅަު ދައުރު ފުރިހަމަ ނުކުރެއްވި ނަމަވެސް، ދައުލަތުން އިނާޔަތާއި، ރައްކާތެރިކަން ލިބޭކަން ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ. ހަމަ އެގޮތުން، ދައުރުގެ މެދު ތެރެއިން ރައީސްކަމާ ހަވާލުވާ ފަރާތްތަކަށް ވެސް އެ އިނާޔަތްތަކާއި، ރަައްކާތެރިކަން އޮންނައިރު، ދައުރު ފުރިހަމަ ކޮށްފައިވާ ނައިބު ރައީސަކަށް އެފަދަ އިނާޔަތެއް ނުވަތަ ރައްކާތެރިކަމެއް ނެތުމަކީ، އިންސާފެއް ނޫން ކަމަށް ވެސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް